ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 17:35
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މައުލޫމާތު ދެއްވަނީ
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ބަޖެޓް ދިރާސާކުރާ ކޮމެޓީ
އެހެން ސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
ރަށްރަށުގައި މިސްކިތްތައް އެޅީ ވެސް މިސަރުކާރުން: މިނިސްޓަރު
އާ ކޮންސެޕްޓްތަކަށް މިސަރުކާރުން ދަނީ މިސްކިތްތައް އަޅަމުން ކަމަށް މިނިސްޓަރު ވިދާޅުވި
މާލޭގައި ހުރި ބައެއް މިސްކިތްތައް މިސަރުކާރުން ވަނީ ބަންދުކޮށްފައި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ފިޔަވައި އެހެން ސަރުކާރުތަކަށް ރާއްޖޭގައި މިސްކިތްތައް ވެސް އެޅިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ބަޖެޓް ކޮމެޓީއަށް މައުލޫމާތު ހިއްސާކޮށްދެއްވުމަށް ވަޑައިގެން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި މިސްކިތް އިމާރާތް ކުރުމަށް 20 މަޝްރޫއެއް ހިމަނާފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުންނަށް މިސްކިތްތައް އަޅުގަނޑުމެން އިތުރަށް އަޅާތީ ވެސް އެބަ ކަންބޮޑުވޭ. އަޅުގަނޑުމެން މިހާރު މިސްކިތްތައް އަޅަމުންދަނީ ވެސް އާ ކޮންސެޕްޓްތަކަށް. އެހެންސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފަ ނެތީ، އެހެންނޫންތޯ. މިސަރުކާރުން މިހާރު ވެސް އެތަށް މިސްކިތްތަކެއް ވަނީ އަޅައިނިންމާފައި. 40 އަށް ވުރެ ވެސް ގިނަ މިސްކިތް މިހާރު ވެސް ވަނީ ނިމިފައި. އަދި އިތުރު މިސްކިތްތަކެއް އަންނަ އަހަރުގެ ތެރޭގައި އާ ކޮންސެޕްޓްތަކަށް އެޅިގެންދާނެ،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މިސަރުކާރަކީ އުމްރާނީ ތަރައްގީ އަށް ބަލާ ނަމަ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވާ އަދި ހިންގަމުންދާ ސަރުކާރު ކަމަށެވެ.

މި ސަރުކާރުން 40 އަށް ވުރެ ގިނަ މިސްކިތް އިމާރާތްކޮށް ނިންމައި ހުޅުވާފައިވާ ކަމަށް ވިދާޅުވި އިރު، ބައެއް މިސްކިތްތަކަކީ ކުރީގެ ސަރުކާރުތަކުން އަޅަން ފަށާފައިވާ އަދި އަޅައި ނިންމައި ނަމަވެސް ރަސްމީކޮށް ނުހުޅުވައި ހުރި މިސްކިތްތަކެވެ. 

ރާއްޖޭގައި މީހުން ދިރިއުޅެނީ 188 ރަށެއްގައި ކަމަށްވާ އިރު މިސްކިތެއް ނެތް ރަށެއް ރާއްޖެއަކު ނެތެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުތަކުން އެޅި ގިނަ މިސްކިތްތަކެއް ހިމެނެއެވެ. 

ރައީސް ޔާމީންގެ ސަރުކާރުން ވަނީ މާލޭގައި ހުރި ބައެއް އާސާރީ މިސްކިތްތައް ބަންދުކޮށްފައެވެ. އެގޮތުން އެތައް ސަތޭކަ އަހަރެއްވީ ކަޅުވަކަރު މިސްކިތް ނެގުން ފާހަގަކޮށްލެވެއެވެ. އަދި ދެ މިސްކިތެއް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތްތަކެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް