ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 23:53
ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ:-
ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ:-
ސިމާހާ ނަސީމް
ރައީސް ޔާމީން
ހަފުތާއެއްގެ ތެރޭގައި 429 ގައިދީން މިނިވަންކޮށްފިން: ރައީސް
5752 ކުދިންގެ ކުށުގެ ރެކޯޑް ސާފުކޮށްދީފައިވާނެ ކަމަށް ވިދާޅުވި
މިނިވަންކުރި ޒުވާނުންނަށް މިހާރުން މިހާރަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަަމަށް ވިދާޅުވި

ފާއިތުވި ހަފްތާއެއްގެ ތެރޭގައި 429 ގައިދީން މިނިވަންކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ޒުވާނުން މީގެ ކުރީގައި ދިޔައީ ބީވެ، ބިކަވަމުން ކަމަށެވެ. އަދި ވިދާޅުވީ ޒުވާނުން މީގެ ކުރިން ދިޔައީ ޖަލުތަކުން ޖާގަ ހޯދަމުން ކަމަށާއީ އެއީ މިއަދު މާޒީ ކަމަށެވެ.

މިނިވަންކުރި ގައިދީންގެ ތެރޭގައި ހުނަރުވެރި ޒުވާނުން ތިބިކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އެހާ ގިނަ ގައިދީން އެއް ފަހަރާ މިނިވަން ކުރުމަކީ ޒުވާނުންނަށް މި ސަރުކާރަށް ދެވޭނެ އެންމެ ރަނގަޅު އެއް މެސެޖު ކަމަށެވެ.

ކުށުގެ ރެކޯޑް އޮންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބުމުގައި ދަތިތައް އެބަހުރި ކަމަށް ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ 5752 ކުދިންގެ ކުށުގެ ރެކޯޑް ސާފުކޮށްދީފައިވާ ކަމަށެވެ.

"މި 5752 ކުދިންނަކީ މިއަދުން މިއަދަށްވެސް ވަޒީފާއަށް ފުރުސަތު ލިބޭނެ ކުދިންނަކީ މިއަދުން މިއަދަށްވެސް ވަޒީފާގެ ފުރުސަތައް ޖާގަ ލިބޭނެ ކުދިން. މިއީ ޝައްކެތްވެސް ނެތް ގޮތުގައި ޒުވާނުންނާމެދު އަޅުގަނޑުކުރާ އުއްމީދު. އެ މީހުންނަކީ އަޅުގަނޑުމެން މި ބިނާކުރަން ބޭނުންވާ މުޖުތަމައުގެ ބައިވެރިންގެ ގޮތުގައި ހަދަން ކުރާ އުއްމީދު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި މިނިވަންކުރި ގައިދީން އަދަދެއް ވިދާޅެއްނުވެ އެވެ. އަދި މިިނިވަން ކުރެއްވީ ކޮން އުސޫލަކުން ކަމަށްވެސް ވިދާޅެއްނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް