ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 08:23
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް އޮފީސް
ސަރުކާރަށް 4 އަހަރު
ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި
ޝަރަފްވެރި ރައްޔިތުންގެ މަޖިލީހެއް އޮންނާނެ ކަމަށް ބުނެފައިވޭ
އާއިލާ ޑޮކްޓަރު ހޯދުމަށް ރަޖިސްޓްރީވާން ޖެހިފައި
ބެޔަސް ނުބެޔަސް ދޭން ބުނި ދިހަހާސް ރުފިޔާ ލިބޭ މީހެއް ނެތް

ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަށް ހަތަރު އަހަރު ފުރުނީއެވެ. އެނބުރެމުން މިސްރާބު ގެއްލެމުން، ބުރަކިޖެހެމުން، ސަރުކާރު ހިނގާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރައީސް އަބުދުﷲ ޔާމީން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމަށް ބާކީ އޮތީ އެއް އަހަރު ދުވަހެވެ. 

ސަރުކާރެއް އެކުލަވައިލުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދިވެހިރައްޔިތުން ފުރުސަތު އެރުވީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ގެންގުޅުނު މެނިފެސްޓޯއާ ދެއްކި ވާހަކަތަކަށް ބެލުމަށް ފަހުގައެވެ. އިންތިހާބުގެ ކަންކަން އެންމެ ރަގަޅަށް ހިނގައި ގޮސްފައި ނެތް ކަމަށް އިދިކޮޅުފަރާތްތަކުން ބުނާ ބުނުމަކީ އަދި އެހެން މައްސަލައެކެވެ. 

ޕީޕީއެމްގެ ވެރިކަމެއްގައި ދަނޑުވެރިންނަށް މަހަކު އަށްހާސް ރުފިޔާ ދޭނެ ކަމަށް ވެފައިވާ ވައުދެއްގެ ވާހަކަ ހުއްޓުމެއް ނެތި އިދިކޮޅުފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ. އަދި މީޑިއާތަކުން އެކަން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. އަދި 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓުން ވެސް އެވާހަކަ ރައްޔިތުންނަށް ހަނދާން ކޮށްދީފައި އެބަހުއްޓެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެފައިސާ މަހު މުސާރައިގެ ގޮތުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ލިބިފައި އޮތް ކަމަކަށް ނުފެނެއެވެ. ސަރުކާރުން އެކަމާ ކޮންމެހެން ހަވާލުވެގެން އެއީ ޕީޕީއެމް އިން ވެފައިވާ ވައުދެއް ކަމަށް ދެކިގެން ރައީސް އޮފީސް ވެބްސައިޓުގައިވާ، " ޔަގީން" މެނިފެސްޓޯގައި އެވާހަކަ ހިމަނާފައި އޮތް ތަނެއް ވެސް މިއަދު ފެންނާކަށް ނެތެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބުނާ ގޮތުގައި  މިސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަން ކުރާ މީހުންގެ އަދަދު ފަސްހާހުން، ދިހަހާހަށް އިތުރުކުރުމެވެ. އަދި ދަނޑުވެރިންގެ އެވްރެޖް އާމްދަނީ ދިހަހާސް ރުފިޔާގައި ހިފެހެއްޓުމެވެ. 

ޕީޕީއެމް ސަރުކާރެއްގައި ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިހަހާސް ރުފިޔާއެއް މަހު މުސާރައިގެ ގޮތުގައި ދޭނެ ކަމަށް ލިޔެފައިވާ ފޮތިގަނޑުތަކެއް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފެނިފައިވުމުން އެކަމާ ގުޅޭ ގޮތުން ދޭތެރެއަކުން ނޫސްވެރިން ސަރުކާރާއި ވެރިންނާ ސުވާލުކޮށް އުޅުނެވެ. ނޫސްވެރިން އެސުވާލު ކުރުން ހުއްޓާލީ ސަރުކާރުން އެކަމަށް ދިން ޖަވާބަކުންނެވެ. ސަރުކާރުން ބުނި ގޮތުގައި ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިޔަކަށް ދޭނެ ކަމަށް ބުނެ ފޮތިގަނޑުތަކެއްގައި އޭރު ފެނުނު ވައުދު ފުއްދާނެ ގޮތަކީ މަސްވެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް މަސްނުބާނާ ދުވަސްވަރު އެ ސްކީމުން ފައިސާ ދެވޭނެ ގޮތް ހަމަޖައްސައިގެންނެވެ. އަދި އެ ބުނާ އިންޝުއަރެންސް ސްކީމަކީ މަސްވެރިން ކޮންމެވެސް ވަރެއްގެ ހޭދައެއް ކޮށްގެން ބައިވެރިވާން ޖެހޭ ސްކީމެއް ގޮތުގައި ވާހަކަ ދެކެވެމުން ދިޔުމުގެ ނަތީޖާއަކަށްވީ އެގޮތް ގަބޫލު ކުރާ މަސްވެރިންގެ އަދަދު ހީނުކުރާ ވަރަށް މަދުވުމެވެ. ޔަގީނުން ވެސް މަހަކު ދިހަހާސް ރުފިޔާގެ މަހު މުސާރަ ދޭ މަސްވެރިޔަކު މިއަދަކު ނެތެވެ. 

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ "ޔަގީން" މެނިފެސްޓޯގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ފްލީޓް 900 އިން 1،500 އަށް އިތުރުކުރުމެވެ. އަދި ފަސް އަހަރުތެރޭގައި ޒުވާން ދިހަހާސް މަސްވެރިން އުފެއްދުމެވެ. މީގެ އިތުރުން މަސްވެރިންގެ އެވްރެޖް އާންމުދަނީ ދިހަހާސް ރުފިޔާއަށް މައްޗަށް ޖެއްސުމެވެ. 

ސިއްހީ ފަރުވާއަށް ރައްޔިތުން އުފުލާ ތަކުލީފް ކުޑަކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލް ކުރުމަށް ކޮންމެ އާއިލާއަކަށް ޑޮކްޓަރެެއް ޕީޕީއެމް ސަރުކާރެއްގައި ލިބޭނެ ކަމުގެ ވާހަކަތައް އާންމުވެގެން ދިޔައެވެ. އާންމު ރައްޔިތުންނަށް އޭރު ގަބޫލު ކުރެވުނީ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހުންނަންޏާ ލައްކަ ފަސޭހަތައް ވާނެ ކަމަށެވެ. އެންމެ ފަހުން އެވައުދު ފުއްދުމުގައި ސަރުކާރުން އަމަލު ކުރާނެ ގޮތް އާންމު ކުރިއެވެ. ސަރުކާރުން ބުނާ ގޮތުގައި ޖީޕީ ކްލިނިކްތަކުގައި ރަޖިސްޓްރީވުމުން އެ އާއިލާތަކުގެ ސިއްހީ މައުލޫމާތު ބަލަހައްޓަން ޑޮކްޓަރަކާ ހަވާލުކުރެވޭނެއެވެ. އަދި މިގޮތަށް އަމަލުކުރުމުން އެއް ޑޮކްޓަރަކު އެތައް އާއިލާއެއް ވެސް ބަލަހައްޓަފާނެ ކަމަށް ގަބޫލު ކުރެވިގެން އެކަމަށް ރައްޔިތުންގެ މާބޮޑު ތަރުހީބެއް ނުލިބުނެވެ. ސަރުކާރުން ބުނާ  ޖީޕީ ކްލިނިކުތަކުން އާއިލާތަކުގެ ސިއްހީ މައުލޫމާތު ބަލަހައްޓައި ވާރުތަވާ ބާވަތުގެ ބަލިތައް ދުރާލައި ފާހަގަކޮށް ފަރުވާ ފެށުމަށް މަގުފަހި ކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. 

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ" ޔަގީން" މެނިފެސްޓޯގައިވާ ގޮތުން ސަރަހައްދީ ހޮސްޕިޓަލްތައް އަލުން ދިރުވައި މާލެއާ އެއްފެންވަރެއްގެ ޚިދުމަތް ދެވޭނެ ގޮތް ހަދާނެއެވެ. އަދި ކެންސަރާއި ކިޑްނީގެ ބަލިތަކަށް ހުރިހާ ފަރުވާއެއް ހޯދަން ސަރުކާރުން އެހީތެރިވާނެއެވެ. 

ސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު ސަރުކާރު ހިންގުމުގެ ނިޒާމަށް އައިސްފައި އޮތް ބަދަލުގެ ސަބަބުން ގާނޫނު އަސާސީގައި ވަކިކުރެވިފައިވާ ތިން ބާރުގެ އިންތައް ފުރިހަމައަށް ވަކިވެފައި ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން ހުއްޓުމަކަށް ނާދެއެވެ. އެކަމަށް ކުރާ ތުހުމަތުތައް ކުޑައެއް ނޫނެވެ. 

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ "ޔަގީން" މެނިފެސްޓޯގައި ބުނެފައި ވަނީ ދައުލަތުގެ ތިން ބާރަށް ފުރިހަމަ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވެންނެވުމަށް ވަޑައިގަތުމުން ފުލުހުން ހުރަސްއެޅި މަންޒަރުތަކާއި، މަޖިލީހުގެ މައިގޭޓުތަކުގައި ސިފައިން ތަޅުއެޅުވި މަންޒަރު ފެނިގެން ގޮސްފިއެވެ. އަދި މަޖިލީހުގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފައިވާ ބޭފުޅުންތަކެއް އެބަ ތިއްބެވިއެވެ. މަޖިލިސް 12 މެންބަރެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލިފައިވެއެވެ. ސިޔާސީ އިދިކޮޅު ގިނަ ލީޑަރުންނަށް ސިޔާސީ ހަރަކާތް ހިންގަވަން ފުރުސަތު ލިބިވަޑައެއް ނުގަންނަވައެވެ. ގިނަ ބޭފުޅުންނަށް ވަނީ ބޮޑެތި ޖަލު ހުކުމްތައް ކުރެވިފައެވެ. ޝަރުއީ ނިޒާމުގައި އިސްލާހުކުރަން ހުރި ކަންކަމުގެ ވާހަކަ ދައްކަވާ ވަކީލުންގެ ލިސްޓް އެހާމެ ދިގުވެއްޖެއެވެ.  

މިހުރިހާ ކަމެއް މިގޮތަށް ހިނގައިފައި ވިޔަސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ "ޔަގީން" މެނިފެސްޓޯގައި ބުނެފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި އަބުރުވެރި ޝަރަފްވެރި ރައްޔިތުންގެ މަޖިލީހެއް އޮންނާނެ ކަމަށެވެ. އަދި މިނިވަން ޝަރުއީ ނިޒާމެއް މިގައުމުގައި ގާއިމް ކުރެވޭނެ ކަމަށެވެ. ވޯޓުން އަޅުވެތިވުމަށް އޮތް ފުރުޝަތު ނިމުމަކަށް ގެނައުމާއި، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާނެ ކަމަށެވެ. 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް