ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 18:03
ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ބަޖެޓް ކޮމެޓީ
ބަޖެޓްގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހަށް ނިންމަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 27.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް
އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނަރަލް ކޮމެޓީ އަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައި
ކޮމެޓީގެ މުގައްރިރަކަށް ނިހާން ، ނައިބަކަށް އާމިރު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓްގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ. 

އިގްތިސާދީ ކޮމެޓީއާއި މާލިއްޔަތު ކޮމެޓީ އެއްކޮށްގެން އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ބުދަ ދުވަހު ބޭއްވި ބަޖެޓް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކަނޑައެޅީ ބަޖެޓްގެ މަސައްކަތް ކޮމެޓީން ނިންމާނެ ތާރީހާއި ކޮމެޓީގެ މުގައްރިރުގެ އިތުރުން ކޮމެޓީގެ ނައިބް މުގައްރިރު ކަމަށެވެ. 

އެގޮތުން ބަޖެޓް ކޮމެޓީގެ މުގައްރިރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ކަމަށެވެ. އަދި ނައިބް މުގައްރިރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

މީގެއިތުރުން ރިޔާޒް ވިދާޅުވީ ބެޖެޓް ކޮމެޓީން ނިންމާ ގޮތެއްގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް،އެމް،އޭ) ގެ ގަވަރުނަރާއި އޮޑިޓާ ޖެނަރަލް ކޮމެޓީ އަށް ހާޒިރު ކުރުމަށް ވެސް ބަޖެޓް ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. 


ބަޖެޓް ޑިފިސިޓް ވާނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 3.2 އިން ސައްތަ އެވެ.  މިދިޔަ އަހަރު ފާސްކޮށް މި އަހަރަށް ކަނޑައަޅާފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅައި ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.


މި އަހަރު އާމްދަނީގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީ ލިބިފައިނުވާ ކަމަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް