ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 11:26
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ބަޖެޓް 2018
ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް
މަޖިލީހަށް ތަފްސީލް ނުފޮނުވާ ކަމަށް ބައެއް މީޑިއާތަކުން ބުނޭ
ބަޖެޓް އޮތީ ރައީސް އޮފީހުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުންދޭ
މި ނޮވެމްބަރު މަހުގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް މަޖިލީހުން ފާސްކުރަންޖެހޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ ހަމައެކަނި ޖުމުލަ އަދަދު ޖަހާފައި ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ނެތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވާތީ އެކަމުގެ ތެދު މައުލޫމާތު ހޯދާލުމަށް އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާ އެކު ތަފްސީލް ރިޕޯޓް ހިމަނާފައިވާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވިކަން އެންގީ ހަމައެކަނި ސިޓީއެއްގެ ޒަރީއާއިންނެވެ. އެސިޓީގައި އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ އަދަދު އެކަނި ކަމަށް އެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. 

ފިނޭންސް މިނިސްޓްރީން ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނި ނަމަވެސް "ރާއްޖެއެމްވީ"އަށް ވެސް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓްގެ ތަފްސީލެއް ނުފޮނުވަ އެވެ. އަދި ބަޖެޓް އޮތީ ރައީސް އޮފީހުގައި ކަމަށާއި އެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ރައީސް އޮފީހުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. 

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް މަޖލީހަށް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބުތައް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހެއެވެ.

އެނގިފައިވާ ގޮތުން ފިނޭންސް މިނިސްޓްރީ މަޖިލީހަށް ބަޖެޓްގެ ޖުމުލަ އަދަދު ޖެހުމަށް ފަހު ފޮނުވާފައި ވަނީ ގާނޫނުގައި ބުނާ ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަސް ފަހަނަ އަޅައި ދިއުމުގެ ކުރިން ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މި ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ދައުރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނާނީ ވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެވެ. ނަމަވެސް މިހާތަނަށް މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާފައި ނުވާއިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވަމުން ނުދެއެވެ. ނޮވެމްބަރު މަހަށް ފަހު މަޖިލިސް އަނެއްކާ ވެސް ދާނީ ޗުއްޓީއަށެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ނުދަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ހުށަހަޅާފައި ނުވާތީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަމުން ދަނީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވިގެން އުޅެނީ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް މިދުވަސްވަރު އިތުރުވެފައި، ޖަލްސާތަކާއި އިވެންޓްތައް ބާއްވަމުންދާތީ ކަމަށެވެ.

މިދިޔަ އަހަރު ފާސްކޮށްފައިވާ 2017 ވަނަ އަހަރުގެ ބަޖެޓަކީ 26.7 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅައި ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މި އަހަރު ސަރުކާރުން އާމްދަނީ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް