ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 07:22
ހެލްތު މިނިސްޓަޜ ނާޒިމް
ހެލްތު މިނިސްޓަޜ ނާޒިމް
ހެލްތު މިނިސްޓްރީ
ޕީޕީއެމް ޖަލްސާ
ދިވެހި ރައްޔިތުން ބޭނުން ވަނީ މިޤައުމު ބިނާ ކުރުމަށް ރައީސް ޔާމީނަށް ފުރުސަތު ދޭން: ނާޒިމް
މި ޤައުމުގެ ކަންކަން އީޔޫ ޕާލަމެންޓަކަށް ނުނިންމޭނެ
ރައީސް ޔާމީން ހުންނެވީ މިޤައުމު ތަރައްޤީ ކުރެއްވުމަށް

ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ މިޤައުމު ތަރައްޤީކޮށް، އާރާސްކޮށް ޤައުމު ބިނާ ކުރުމަށްޓަކައި ރައީސް ޔާމީނަށް ފުރުސަތު ދޭން ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށް ބުނެ "އަސްތާ"ގެ ނަމުގައި ޕީޕީއެމުން ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިޤައުމު ބޭނުން ވަނީ ތަރައްޤީއަށް ކަމަށާއި ރައީސް ޔާމީން ހުންނެވީ އެކަން ކުރެއްވުމަށް ކަމަށެވެ. އެގޮތުން ޖަލްސާއަށް ހާޒިރުވެ ތިބި ފަރާތްތަކަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ "މިތާ މިތިބީ ދިވެހި ރައްޔިތުން" ކަމަށާއި "އެ ރައްޔިތުން ބޭނުން ވަނީ ޤައުމު ބިނާ ކުރުމަށް ރައީސް ޔާމީނަށް ފުރުސަތު ދިނުމަށް" ކަމަށެވެ.

"ދިވެހިރައްޔިތުން ބޭނުންވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި މިޤައުމު ބިނާ ކުރުމަށް ފުރުސަތު ދޭން،" ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށާއި އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ތާރީޚުގައި ދަރުމަވަންތަ ރަސްގެފާނުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް މިޤައުމުގައި "އިސްލާމް" މާއްދާ ކިޔަވައިދިނުން މަޖްބޫރު މާއްދާއެއްގެ ގޮތުގައި ބަހުސް ކުރެވިގެން ދިޔަ ހަމައެކަނި ވެރިކަމަކީ އެމްޑީޕީގެ ވެރިކަން ކަމަށެވެ. އެކަމުގެ މަގްސަދަކީ މި ޤައުމުގެ ސުލްހަ މަސަލަސް ކަމާއި މިޤައުމުގެ ކާމިޔާބީއަކީ އިސްލާމްދީން ކަމަށް ވާތީ ބޭރުބައެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން މިޤައުމުގައި އޮތް އިސްލާމްދީން ބަލިކަށިކޮށްލުން ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި ހުކުމްތައް ތަންފީޒު ކުރާނީ ދިވެހި ޖަލުތަކުގައި ކަމަށާއި އެކަން ކުރާނީ އީޔޫއިން ނޫން ކަމަށެވެ.

"ދިވެހިންނަކީ އަންޒަމާނުންސުރެ މިނިވަންކަމަށް ލޯބި ކުރި ބައެއް. މިނިވަންކަމާއެކު ފަޚުރުވެރިކަމާ އެކު ދެމިތިބި ބައެއް. އަޅުގަނޑުމެންގެ ނިންމުންތައް އީޔޫގެ ޕާލަމެންޓް ތެރޭގައި ނިންމޭނެ ކަމަށް ބަޔަކު ދެކިގެން އުޅޭއުޅުމަކީ ވަރަށް ބޮޑު ކުށްހީއެއް،" ނާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް