ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 10:21
ރައީސް ނަޝީދު އޮކްސްފަރޑް ޔޫނިއަންގައި ބަހުސްކުރައްވަނީ
ރައީސް ނަޝީދު އޮކްސްފަރޑް ޔޫނިއަންގައި ބަހުސްކުރައްވަނީ
އޮކްސްފަރޑް ޔޫނިއަން
ރައީސް ނަޝީދު
މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު
އޮކްސްފަރޑް ޔޫނިއަންގެ މި ބަހުސްގައި ރައީސް ނަޝީދާ އެކު އެމެރިކާގެ ހަކަތަޔާ ބެހޭ ކުރީގެ ވަޒީރު ބައިވެރިވެވަޑައިގެންނެވި

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔޫނިއަންއިން ބޭއްވި ބަހުސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަހުސްކުރައްވަފިއެވެ.

އޮކްސްފޮރޑް ޔޫނިއަންގެ މިބަހުސަކީ ތިމާވެއްޓަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވަކިވަކި ފަރުދުން މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޝައުޤުވެރިކަމާއި އަހުލުވެރިކަން ނެތުން ކަމަށް ބުނެ ކުރެވުނު ބަހުސެކެވެ. މައުޟޫއާ އެއްކޮޅަށް ވާހަކަ ދެއްކެވީ އިނގިރޭސި ޤާނޫން ހަދާ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ބެރީ ގާޑިނަރ އަދި އެންޖެލާ ސްމިތުގެ އިތުރުން އިނގިރޭސި ޚާރިޖީ ވަޒީރަށް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލަތަކުގައި ލަފާއަރުވާ މުޝީރު ސަރ ޑޭވިޑް ކިންގްއެވެ. މައުޟޫއާ ދެކޮޅަށް ވާހަކަ ދެއްކެވީ ރައީސް ނަޝީދުގެ އިތުރުން އެމެރިކާގެ ކުރީގެ ހަކަތަޔާ ބެހޭ ވަޒީރު އަރނެސްޓް މޮނީޒްގެ އިތުރުން އިނގިރޭސި ގްރީން ޕާޓީގެ ކުރީގެ ލީޑަރު ނަޓަލީ ބެނެޓްއެވެ.

މި ބަހުސްގައި ރައީސް ނަޝީދު ވިދާޅުވީ މޫސުމީ މައްސަލަތަކަށް ވަކިވަކި ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެކަމަށެވެ.

މި ބަހުސްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދާއިއެއްކޮށް މައުޟޫއާއި ދެކޮޅަށް ބަހުސް ކުރެއްވި އަރނެސްޓް މޮނީޒްއަކީ ނިއުކްލިއަރ ސައިންސްވެރިއެކެވެ. އަދި ސައިންސްގެ ދުނިޔޭގައި އެންމެ ނަން ހިނގާ އެއްބޭފުޅާއެވެ. މޮނީޒް އެމެރިކާގެ ހަކަތަޔާ ވެހޭ ވަޒީރުކަން ކުރެއްވީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2013ވަނަ އަހަރުން ފެށިގެން އޮބާމާގެ ވެރިކަން ނިމެންދެނެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބަހުސް ނިމިގެންދިޔައީ މައުޟޫއާ ދެކޮޅަށް އޮކްސްފަރޑް ޔޫނިއަންގެ މެމްބަރުން ވޯޓު ދީގެންނެވެ. މައުޟޫއާ އެއްކޮށް ލިބުނީ 61 ވޯޓެވެ. ދެކޮޅަށް ލިބުނީ 248 ވޯޓެވެ.

އޮކްސްފަރޑް ޔޫނިއަންއަކީ ދުނިޔޭގެ އޮތް އެންމެ ގިނަ ދުވަސްވީ އެއް ޑިބޭޓް ސޮސައިޓިއެވެ. މި ސޮސައިޓީގެ މެމްބަރުންގެ މައިގަނޑަކީ އޮކްސްފަރޑް ޔުނިވަރސިޓީގެ ދަރިވަރުންނެވެ. އެތަނުގެ ބަހުސްތަކުގައި ބައިވެރިވުމަށާއި ސްޕީޗްތައް ދިނުމަށް ދައުވަތު އަރުވަނީ އާއްމުކޮށް ދުނިޔޭގައި އެކި ރޮނގުތަކުގައި ފާހަގަކޮށްލެވޭ ފަރާތްތަކެވެ. އަދި މި ބަހުސްތަކުގައި ބައިވެރިވުމަކީ ޝަރަފެއް ކަމުގައި އެކަޑަމިކް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް