ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 18:51
ރައީސް ޔާމީން: މިހާރު ކުރައްވާ ދަތުރުފުޅުތަކުގައި ދީނުގެ ވާހަކަ ދައްކަވާ
ރައީސް ޔާމީން: މިހާރު ކުރައްވާ ދަތުރުފުޅުތަކުގައި ދީނުގެ ވާހަކަ ދައްކަވާ
އަސުރުމާ
ރައީސް ޔާމީން
އަބަދަކު ދީން ހަތިޔާރަކަށް ނެހެދޭނެއެވެ!
ރައީސްގެ ދަތުރުފުޅުތަކުގައި ދީނުގެ ވާހަކަ ގިނައިން މިހާރު ދައްކަވާ
ދީނީ ކާޑު ކުޅެގެން ނިކުތް ނަތީޖާ ދިވެހިންނަށް ހިތި
ދީނުގެ ވާހަކަ ދައްކަވަނީ ރައްޔިތުންނަށް ކަމެއް ކޮށްނުދެވުނީމާ ކަމަށް ބައެއް މީހުން ބުނޭ

ކޮންމެ ރިޔާސީ އިންތިޚާބެއް ބޯމަތިވެގެން އަންނައިރު ދިވެހިންނަށް އެންމެ އަޑުއިވޭނެ އެއް ވާހަކަޔަކީ ދީނާއި ވަހުދަތުގެ ވާހަކައެވެ. ދީން ހިމާޔަތްކުރުމާއި ދެން ތިބި ބަޔަކު ދީނަށް ފުރައްސާރަކުރާ ވާހަކައެވެ. ދިވެހިންނަކީ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކަށްވުމުން، ދީނޭ ކިޔާފައި ވާހަކަ ދެއްކުމުން އެވާހަކަ ޤަބޫލުކުރެވެން ތަންކޮޅެއް ފަސޭހަ ވެސް ވަނީއެވެ. އެހެން ކަމުން ސިޔާސީ ފަރާތްތަކުން ވެސް އޭގެ ފައިދާ ނަގަނީއެވެ. 

އެހެން ނަމަވެސް، ދީން ހަތިޔާރަކަށް ހަދައިގެން އިންތިޚާބުތައް ކާމިޔާބުކުރަން އުޅުން އެއީ މިހާރު މާޒީވެ ގޮސްފައިވާ ކަމެކެވެ. ދިވެހިން އިހުނަށްވުރެ ހޭލުންތެރިވެއްޖެއެވެ. ތަންދޮރު ފިލައިފިއެވެ. ތިން ހަތަރު ވެރިކަމެއްގެ ގޮތް ބާވަތް އެނގިއްޖެއެވެ. ދީނުގެ ވާހަކަޔަކީ ހަމައެކަނި ސިޔާސީ ހަތިޔާރެއްކަން ހާމަވެއްޖެއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ކޮންމެވެސް ދީނވެރިޔަކު ޕޯޑިއަމަކަށް އަރުވައި ލޮލަށް ފިޔައި ދިޔަ ފެލައިގެން ނަމަވެސް ކަރުނަ އޮހޮރުވައިގެން ސިޔާސީ ފަރާތްތަކުން ޖަހާ މަޅި ދިވެހިންނަށް މިހާރު ވަރަށް ރަނގަޅަށް އެނގެއެވެ.

އިސްލާމްދީނަކީ އެންމެ ފަހު ދުވަހާއި ހަމަޔަށް މިބިންމަތީގައި ލަހައްޓަވާނެ ދީނެކެވެ. ވެރިކަމުގައި މިއަދު އެތިއްބެވި ބޭފުޅުން ރައްޔިތުންނަށް ވިސްނައިދޭން އެމަސައްކަތްކުރައްވަނީ އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެ ނަމަ މިރާއްޖެއިންނާއި ދުނިޔެއިން އިސްލާމްދީން ނެތި ހިނގައިދާނެ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ އެންމެންގެ ވެރިކަން ވެސް ދިވެހިންނަށް ތަޖުރިބާކުރެވިފައިވުމުން އެކަން އެހެން ނުވާނެކަން ދިވެހިން ދަނެއެވެ. ރައީސް މައުމޫނަކީ ދީނީ އިލްމުވެރިއެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމް ދީން ހިމާޔަތްކޮށް، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިސްލާމް ދީނުގެ ލޯބި އިތުރުކުރެއްވުމަށް ތަފާތު މަސައްކަތްތަކެއް ކުރެއްވިއެވެ. ބޭރުގެ ދީނީ އިލްމުވެރިންނާއި ދީނީ ޖަމްއިއްޔާތަކާއި ތައުލީމީ އިދާރާތަކާ އެކު ގާތް ގުޅުމެއް ބޭއްވެވިއެވެ.

އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން ނިކުތް ބޭފުޅުން އެދުވަހު ނިކުތީ 30 އަހަރުގެ ވެރިކަން ތަންކޮޅެއް ދިގުވެއްޖެޔޭ، އެހެން ވެރިޔަކު ބޭނުމޭ ކިޔާފައެވެ. ދީނީ ކާޑު ކުޅެން އުޅުއްވި ބޭފުޅާ އެދުވަހު ހުންނެވި ހާލާ މިއަދު ހުންނެވި ޙާލު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެއެވެ. އެދުވަހު އެކާޑު ދިވެހިން ޤަބޫލެއް ނުކުރިއެވެ.

ދެން ވެރިކަމަށް ވަޑައިގަތީ މުހައްމަދު ނަޝީދެވެ. އެމަނިކުފާނޭ ކިޔައިގެން ދެއްކޭނެ މާގިނަ ވާހަކަތަކެއް ނެތުމުން ހަތިޔާރަކަށް ދެން ބޭނުންކުރީ ދީނެވެ. ދީނީ ކާޑު ނޫން އެހެން ކާޑެއް ނެތުމުން އެކާޑު ރަނގަޅަށް ކުޅުނެވެ. އަދި ވެރިކަން ބަދަލުވެގެން ދިޔައެވެ. އެހެން ނަމަވެސް އެކަމުން ނިކުތް ހިތި ނަތީޖާ ދިވެހިންނަށް މިއަދު އެއޮތީ ފެންނާށެވެ. ހަމަނުޖެހުމަކަށް ފަހު ހަމަނުޖެހުމެއް ހިނގައި، ދިވެހިންނަށް ސިޔާސީ ގޮތޮން ހަމަޖެހުމެއް ނުލިބުނެވެ. ވެރިކަމުގެ ބާރުތައް ކޮރަޕްޝަންގެ ތެރެއަށް ގޮސް ހުސްވީއެވެ. މިއީ ކޮން ދީނެއްގައި ހުއްދަ ކުރާ ކަމެއްތޯއެވެ؟

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ދިވެހިން ނިކުތީ ފޯރި އާއި ޖޯޝުގައެވެ. އެހެން ނަމަވެސް ހެދި ގޮތެއް ހަދައިގެން އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅަކު އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ދެން ކަންތައް ހިނގަމުންދާ ގޮތް ފެނިވަޑައިގަންނަވާނެއެވެ. އިސްލާމީ ދައުލަތެއް ހިނގަން ޖެހެނީ މިހެންތޯއެވެ؟ އިސްލާމުންގެ ލީޑަރުން ވަޑައިގަންނަނީ ރައްޔިތުންގެ އަރިހަށެވެ. ރައްޔިތުން އެބޭފުޅުންގެ އަރިހަށް ދަނީކީ ނޫނެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ އިސްލާމީ ވެރިކަމެއްގައި ކަން ކުރަންވާ ގޮތް ތޯއެވެ؟ 

އިސްލާމް ދީން ކުރިއެރުވުމަށް އެހެން ސަރުކާރަކަށް ނުކުރެވުނު ކަމަކަށް މިސަރުކާރަށް ކުރެވުނީ ވަކިކީއްތޯއެވެ؟ ސައޫދީއާއި ގުޅުން ބަދަހިކޮށް އެކަމުގެ ތެރެއިން މާލީ މަންފާއެއް ހޯދުމަކީ އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރެއްވުމެއް ނޫނެވެ. އަލްސައޫދުގެ އާއިލާއަކީ މީގެ ސާދަ ސަތޭކަ އެތަކެއް އަހަރެއް ކުރިން ވެރިކަންކުރެއްވި ޚަލީފާއިންނާއި އެއްފަދަ ބައެއް ކަމަށް ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ހީފުޅުވަނީތޯއެވެ؟

ރައީސް ނަޝީދުގެ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ލިޔުމެއް ނުބަލައި ޚުތުބާ ވިދާޅުވުން ފަދަ ފުރުސަތު ހުޅުވާލައްވައި ދީނީ އިލްމުވެރިންގެ ދަރަޖަ މަތިވެގެން ދިޔައެވެ. ދީނީ އިލްމުވެރިންނަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ނަމަވެސް ވެރިކަން ބަދލަުވެ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންފަހުން ވަކި ގޮތަކަށް ދީނީ ނަސޭހަތް ދޭން މަޖުބޫރުވެ ދީނީ އިލްމުވެރިން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. އަނެއްކާ ވެސް ޚުތުބާ ކިޔުން ފަދަ ހުއްދަތައް ބާތިލްކުރަން ފެށުނެވެ.

ރައީސް ޔާމީނެވެ. ކަމެއް ކޮށްނުދެވުނީމައި ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެ، ދެން ވެރިކަމަށް ކުރިމަތިލައްވަފާނެ ކަމަށް ހީފުޅުވާ ކޮންމެ މީހަކީ ލާދިނީ މީހެކޭ ބުންޏަސް ދިވެހިން މިއަދު ޤަބޫލެއް ނުކުރާނެއެވެ. އިސްލާމްދީނުގެ ނަމުގައި ސިޔާސީ ކުޅިވަރު ކުޅެން އުޅުއްވިޔަސް އެއީ ދިވެހިން މިއަދު ޤަބޫލުކުރާނެ ކަމެއް ނޫނެވެ. ދީނީ ކާޑު ބާއްވާފައި އެހެން ކާޑެއް ނަންގަވާށެވެ. މަނިކުފާނަކީ މޮޅު ބޭފުޅެކޭ ކިޔާތީ އަޑުއަހަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ނޮވެންބަރ 2017 | ބުރާސްފަތި 19:24
Rumaalu 10
Rumaalu 2 rangalhuvaane