ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 17:55
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
އަނަސްގެ މަރު
އަނަސް މަރާލީ އޮޅިގެން ކަމަށް ފުލުހުންވެސް ބުނެފި
ތަހުގީގަށް ވަނީ 517 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖް ބަލާފައިި
ތަހުގީގަށް ވަނީ 53 މީހަކާ ސުވާލު ކުރެވިފައި
ހަމަލާ ދިނުމުގައި ބައިވެރިވި އެންމެން ވަނީ ހޯދިފައި

މިއަހަރު ޖުލައިމަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީ މަރާލި ރ.މީދޫ ފެންފިޔާޒުގެ އުމުރުން 25 އަހަރުގެ މުޙައްމަދު އަނަސް މަރާލީ އެހެން ބަޔަކަށް ދޭން ރާވައިގެން ދިޔަ ހަމަލާއެއްގައި އޮޅިގެން ކަމަށް ފުލުހުން ވެސް ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށާއި އެއީ އޮޅިގެން ދިން ހަމަލާއެއް ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

އިސްކަންދަރު ކޮށީގައި އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އަނަސް މަރާލީ ދެ ގުރޫޕެއްގެ ދެމެދުގައި އުފެދިފައިވާ ރުޅިވެރިކަމެއްގެ ތެރޭގައި އެއްގުރޫޕަކަށް ނިސްބަތްވާ މީހުން ހަނދުވަރުދޭ ގޯޅި ތެރޭގައި ތިބިކަން އެނގިގެން އެ މީހުން މަރާލަން ރާވައިގެން އެތަނަށް ދިޔަ ވަގުތު އެތަނުގައި ހުރި ސައިކަލެއްގެ މަތީގައި އިނދެފައި އަނަސްއަށް އެމީހުން ފެނިގެން ބިރުން ދުވެފައި ލިޓަސް ތެރެއަށް ވަނުމުން އަނަސް އެއީ އެ ގުރޫޕަށް ނިސްބަތްވާ މީހެއް ކަމަށް ހީކޮށް އޮޅިގެން ކަމަށެވެ.  އަދި 8 މީހަކު 4 ސައިކަލެއްގައި ދިޔައީ މީހަކު މަރާލުމަށް ވަޅިހިފައިގެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި އެމީހުން ދިޔައިރު އެމީހުން ހޯދަމުންދިޔަ މީހުން އެސަރަހައްދުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށްވަނީ ވަޅި ޖަހާފައެވެ. އަދި ލިބިފައިވާ ޒަހަމުތަކުގެ ސީރިއަސްކަމުން އަނަސް އެތަނުގެ ތެރޭގައި މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޢާއްމުން އެއްވެ އަނަސް ވެއްޓިފައިވާ މަންޒަރު ބަލައި ފޮޓޯ ނަގާ ހެދިއިރުވެސް އެއްވެސް މީހަކުއޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި ލިޓަސްގެ މުވައްޒަފުންތަކެއް އަނަސްގެ ގެއިން ފައިބަމުންދިޔަ ލޭ މަނާކުރެވޭތޯ ބަލަމުން ދިއަ ކަމަށެވެ. އަދި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށާއި ވަގުތުން ދެވެން ހުރި ފަރުވާ ޑޮކްޓަރުން ދިންނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަނަސް އަކީ އޭނާ މަރާލުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން ލިޓަސްގައި މަސައްކަތް ކުރި މީހެކެވެ. އަދި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް ލިޓަސް ކައިރިއަށް ދިޔައީ ކުރިން އޭނާއާއެކު އެތަނުގައި އުޅުނު ރަހުމަތްތެރިންނާ ބައްދަލު ކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމަރާ ގުޅިގެން ވަރަށް ޚާއްޞަ ތަހުގީގެއް ފުލުހުން ކުރި ކަމަށާއި 517 ގަޑިއިރުގެ ސީސީ ޓީވީ ފުޓޭޖް ބެލުމުގެ އިތުރުން 53 މީހަކާ ސުވާލު ކުރެވިފައިވާނޭ ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނޭ ކުޑަ ކުއްޖާ ނޫން ހަތް މީހުންގެ މައުލޫމާތުވަނީ އާއްމުކޮށްފައެވެ.

އެގޮތުން ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރީ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާ، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ތ ކިނބިދޫ، ގުލްފާމުގެ މުޙައްމަދު ސާޒްއާއި، މ ލޮނުމިދިލިގެ އަފްރާޙް ޢަބްދުއްރައްޒާގުއެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރޭގައި މޫނު ނިވާކޮށްގެން އެއަމަލުގައި ބައިވެރިވި މީހުންވެސް ހިމެނޭ ކަމަށާއި އެކަން ކުރުމުގައި ބައިވެރިވި އެންމެން ހޯދިފައިވާއިރު އެކަން ކުރުމުގައި ލަސްވީ ބައެއް މީހުން އެމީހުން ފޮރުވަން މަސައްކަތް ކުރުމުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް