ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 16:17
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ރާއްޖެ އެމްވީ
ފަލާހަށް ރިޝްވަތު ހުށަހެޅުން
ފަލާހަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި
ރިޝްވަތު ދޭން އުޅޭ ކަމަށް ގަބޫލުކުރެވިއްޖެނަމަ އެކަން އޭސީސީއަށް އަންގަންޖެހޭ
ފަލާހު މައްސަލަ ހުށައެއް ނާޅުއްވާ، އޭސީސީން އަމިއްލައަށް އިސްނަގައިގެން ބަލަން ފެށީ
ފަލާހު ވިދާޅުވީ ރިޝްވަތު ދޭން އުޅުނީ ކާކުކަން ނޭނގޭ ކަމަށް

ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވި މައްސަލަ ނުބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަށް ފަލާހަށް 32 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށް ބުނާ މައްސަލަ ނުބަލަން އޭސީސީން ނިންމީ ޖުލައި މަހުގަ އެވެ.

މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނީ ރިޝްވަތު ހުށަހެޅިކަމަށް ބުނާ މައްސަލައިގައި ފަލާހާ ސުވާލުކުރުމުން، އޭނާއަށް ފައިސާހުށަހެޅީ ކާކުކަން ނޭނގޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިނުވަނީ ކޮމިޝަނަށް މައްސަލަ ހުށަނޭޅުމުގެ ނިޔަތުގައި ނޫންކަމަށާއި މައްސަލަ ހުށަހެޅޭވަރަށް މަޢުލޫމާތު ލިބިފައިނުވާތީ ކަމަށް ވެސް ފަލާހު ވިދާޅުވެފައިވާ ކަމަށެވެ.

އޭސީސީން ބުނީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުން ޖުލައި މަހުގެ 11 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވެފައި ވަނީ އޭނާއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.

ފަލާހުއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް އޭނާ ވިދާޅުވުމުން، އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެތޯ ސުވާލުކުރުމުން އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ވެފައިވާ ނުވަތަ އައްޔަން ވެފައިވާ މީހަކު، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުން ވިޔަސް، ރިޝްވަތު ހިފުމާއި، ރިސްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިންކަމަކަށް ޝައުގުވެރި ކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް ރިޝްވަތު ދިނުމާއި، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެއިން ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.

 

އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކު ރިޝްވަތު ހިފައިފިކަން، ނުވަތަހިފަން އުޅެފިކަން، ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިޝްވަތު ދީފިކަން ނުވަތަ ދޭން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ ރިޝްވަތު ހިފައިފިކަމަށް، ނުވަތަ ހިފަން އުޅޭ ކަމަށް، ނުވަތަ ދީފިކަމަށް، ނުވަތަ ދޭން އުޅޭކަމަށް ގަބޫލުކުރެވޭފަދަ ގޮތްތަކެއް ދިމާވެއްޖެ ހާލަތެއްގައި ކަމާބެހޭ ތަފްސީލާއި، އެ އަމަލެއް ހިންގި ނުވަތަ ހިންގަން އުޅުނު މީހާގެ ނުވަތަ މީހުންގެ މައުލުމާތާއެކު، އޭސީސީއަށް ލަސްނުކޮށް އަންގަންވާނެ އެވެ. އެގޮތުން ގަބޫލުކުރެވޭފަދަ އުޒުރެއްނެތި، އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ނާންގައި ހުރުމަކީ، ކުށެއް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީގެން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.

ރިޝްވަތު ހުށަހަޅަން އުޅެފިނަމަ އެކަމުގެ މައުލޫމާތު އޭސީސީއާ ހިއްސާކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، ފަލާހު އެ މައްސަލައެއް އޭސީސީއެއް ހުށައެއްނާޅުއްވަ އެވެ. އެ މައްސަލަ އޭސީސީއިން ބަލަން ފެށީ އަމިއްލަ އަށް އިސްނަގައިގެން ބަލާ މައްސަލައެއް ގޮތުގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 ނޮވެންބަރ 2017 | ބުދަ 18:40
ހުސޭނު
ފަލާޙުގެ އޮތީ ހަމަ އެކަނި އަނގަގަނޑެއްދޯ ގިނަ ގޯތި ގަނޭ. ޖަލަށްލާން ޖެހެނީ ފާރިސް . މިރާއްޖޭގައި އިންސާފުން ހިނގާ އެއްވެސް މުއައްސަސާ އެބައޮތްތަ؟
1 ނޮވެންބަރ 2017 | ބުދަ 08:01
ރަހްމާން
ތިޔަ ފަލާހަކީ ބުއްދި ސަލާމަތުން ހުރިމީހަކާ މެދު ސައްކު އުފެދޭ. ކޮން މުއައްސަސާ އަކަށްތޯ މިކަން ސާފުކުރަން ހުށައަޅަންޖެހޭނީ؟ މީނަ ރައްޔިތުން ތަމްސީލު ކުރަން ބައިންދާ ކަށް ނުވާނެ. މި ހާލަތުގަ ތިބި ބައިވަރު މީހުން އެބަތިބި މަޖްލިސްއިން ބޭރުކުރަންޖެހޭ