ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 01:03
ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ
ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ
އަސުރުމާ
ރައީސް ޔާމީންގެ ވާހަކަފުޅު
ދީނީ އިލްމުވެރިން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ: ރައީސް ޔާމީން
ކެމްޕޭން ދުވަސްވަރު ދީން ނެގެހެއްޓުމަށް ނަޝިދަށް ވޯޓް ދިނުމަށް ގޮވަމުން ދިޔަ
ނަޝީދު ވެރިކަމުގައި ނަސޯރާ ދީނުގެ ބަޔަކު ރާއްޖެ ގެނައި
ރައީސް މައުމޫން ދީން ހިމާޔަތްކުރުމަށް ދައްކަވާނެ ވާހަކައެއް މިއަދު ނެތް

ބައެއް ދީނީ އިލްމްވެރިން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ "ފިޔާތޮށީ" ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިސްލާމްދީނާއި އިސްލާމީ އަގީދާ ރައީސް މައުމޫނަކަށް ހިމާޔަތެއް ނުކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިން ވަހަކަ ދެއްކެވި ކަމަށެވެ.  ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ބައެއް ދީނީ އިލްމުވެރިން، ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ބޭނުމުގައި ވާހަކަ ދެއްކެވިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ދީނީ އިލްމްވެރިން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަމަެވެ. 

"ރައީސް މައުމޫންގެ ފަހު ޓާމްގެ ފަހު ދުވަސްވަރު އައިރު، މުޅި ރާއްޖެ ގޮވަމުން އައި ދެ ގޮވުމެއް އެބައޮތް، ވަރަށް އިލްމުވެރި ބޭފުޅުން އެބޭފުޅުންގެ ނިދި ނަގާލާފައި ކުރައްވަމުން ގެންދިޔަ ދުޢާ އަކީ، ވާރެއާއި އަވީގައި ކުރައްވަމުން ގެންދިޔަ ދުޢާ އަކީ، އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި، އިސްލާމީ އަގީދާ ދިވެހިރާއްޖޭގައި ދެމެހެއްޓުމަށްޓަކައި، މުހައްމަދު ނަޝީދު ރައީސްކަމަށް އިންތިޙާބް ކޮށްދެއްވާށޭ، ވަރަށް އަސަރުގަދަ ތަގްރީރްތަށް ކުރެއްވި ޝެއިހުން އޭރު ރާއްޖޭގައި މަދެއް ނޫން، އޭރުވެސް ރައީސް ނަޝީދަކީ ކޮންކަހަލަ ފިކުރެއްގައި ކިހާވަރަކަށް ދީނީ ކަންކަމުގައި ސަމާލުކަން ދެއްވާ ބޭފުޅެއްކަން ނޭގޭ މީހުން މަދެއް ނުވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2008ގެ ކެމްޕެއިން ދުވަސްވަރު، ދިނީ އިލްމުވެރިން  ގޮވަމުން ދިޔައީ އިސްލާމް ދީން ހިމާޔަތްކޮށް، އިސްލާމް ދީން ނެގެހެއްޓުމަށް ނަޝީދަށް ވޯޓުދިނުމަށެވެ. ރައީސް ނަޝީދަކީ ދީނީ ކަންކަމަކަށް ކިހާވަރަކަށް ސަމާލުކަންދޭ ބޭފުޅެއްކަން އެނގިވަޑައިގެން ތިބެ އެވާހަކަތަށް ދެއްކެވި ދީނީ އިލްމުވެރިން ދުނިޔޭގެ އިލްމު ދަސްކުރަންޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން

"އިލްމުވެރިންގެ ތެރެއިން އެކަން އެނގިވަޑައިނުގެން ވާހަކަ ދެއްކެވި ބޭފުޅުން ޖެހޭނެ ކަންނޭނގެ، ދުނިޔޭގެ އިލްމު ދަސްކުރަން ފިލާވަޅެއް ނަގަން، އެހެންވީމަ އޭރު އެންމެ ވަރުގަދަ އަށް، ގޮވަމުން ދިޔަ ގޮވެއްޔަކީ، އަޅުގަނޑުމެން މި ކުޑަ ދިވެހި ރާއްޖެއަކީ އިސްލާމް ދީނަން ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމަކަށްވަތީ، އެމީހުންގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި މި ކުޅެލީ، އެހެންވީމަ މި ދެންނެވި ކަހަލަ ޝެއިޚުން ވެސް ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު އާއި އެކު އޭރު އުޅުއްވި ދީނީ އިލްމުވެރިންނަން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ދީނީ އިލްމުވެރިން އޭރު ބުނަމުން ދިޔައީ، ރައީސް މައުމޫން އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރި މަސަކަތުގައި " ބާގަނޑުތަށް އަޅާއިފި" ކަމަށެވެ. 

"ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން، ކޮން ކަހަލަ ސިފަތަކެއް އެކުލެވިފައިވާ ޝަހްސިއްޔަތެއްކަން އެނގި ތިބެގެން އިލްމުވެރިން ގޮވަމުން ދިޔައީ ރައީސް މައުމޫން އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ބާގަނޑުތައް އަޅައިފިއޭ، ލޯވަޅުތައް އަޅައިފިއޭ، ބާގަނޑުތަކަށްވެއްޖެއޭ. އެހެންވީމަ ރައީސް މައުމޫނަކަށް އިސްލާމް ދީނާއި އިސްލާމީ އަގީދާ މިހާރު ހިމާޔަތެއް ނުކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ނަސޯރާ ދީނުގެ ބަޔަކު ރާއްޖެ ގެނައި ކަމަށެވެ. އަދި އޭރު ރައީސް ނަޝީދު ރާއްޖެ ގެނައީ މައުމޫން ވެރިކަމުގައި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ތިބި ނަސޯރާ ދީނުގެ ބައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް