ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 14:24
އީޔޫ ވަފުދާއި ރައީސް ޔާމީން ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ
އީޔޫ ވަފުދާއި ރައީސް ޔާމީން ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
އީޔޫ ވަފުދު
އީޔޫގެ ވަފުދާއި ރައީސް ޔާމީން ބައްދަލުކުރައްވައިފި
އީޔޫގެ ވަފުދު ރޭ ވަނީ އިދިކޮޅު ފަރާތްތަކާ އެކު ބައްދަލުކޮށްފައި

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވިލާތުގެ އިއްތިޙާދުގެ ޕާލަމެންޓްގެ ވަފުދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމާއި ބައްދަލުކުރައްވަފިއެވެ.

ރައީސް އޮފީހުގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި މިބައްދަލުވުމުގައި ރާއްޖެ އާއި އީޔޫގެ ގުޅުމާ ބެހޭ ގޮތުން ޔޫރަޕިއަން ޕާލަމެންޓްގެ ބޭފުޅުންނާއި ރައީސް ޔާމިން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނަސީރާއި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގެ ކުރިން އާދިއްތަ ދުވަހުގެ ރޭ އީޔޫ ވަފުދުގެ ބޭފުޅުން ވަނީ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. އަދި ރައީސް ޔާމީނާއި ބައްދަލުކުރެއްވުމުގެ ކުރިން ޚާރިޖީ ވަޒީރު ޑރ. އާސިމް އާއި ފޮރިން މިނިސްޓްރީގައި ބައްދަލުކުރައްވާފައިވެއެވެ.

ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޔޫރަޕްގެ އިއްތިޙާދުގެ މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޕާލަމެންޓްގެ 3 މެމްބަރުންނާއި އެޕާލަމެންޓްގެ އިދާރީ ބޭފުޅުންނާއި ލަންކާގައި ހުންނަ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައިވާ އީޔޫ އޮފީހުގެ ބައެއް ބޭފުޅުންނެވެ. 3 ދުވަހުގެ މުއްދަތަކަށް އެބޭފުޅުން ކުރައްވާ މި ޒިޔާރަތުގައި އާދިއްތަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވާފައިވާއިރު، މިއަދު ބައްދަލުކުރައްވާނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއިއެވެ. އަދި މިދަތުރުގައި އީޔޫގެ އެހީގައި ކުރިއަށްދާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ދާ ގޮތަށް ބައްލަވައިލެއްވުމަށް އައްޑޫއަށާއި ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ރާއްޖެއަށް ކުރައްވާ މިޒިޔާރަތަކީ ރާއްޖޭގެ ޙާލަތު ބެއްލެވުމަށް ކުރައްވާ ޒިޔާރަތެކެވެ. އަދި މިޒިޔާރަތުގެ ކުރިން އީޔޫ ޕާލަމެންޓުންވަނީ ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ޤަރާރެއް ވެސް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް