ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 14:38
އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ޔޫއެން ފޮޓޯ
އދ - ރާއްޖެ
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!
ސަލާމަތީ މަޖިލީހުގެ އޭޝިއާ ސަރަހައްދުން ހުސްވާ 2 ގޮނޑިއަށް ކުރިމަތިލަނީ ރާއްޖެއާއި އިންޑޮނީޝިއާ
އިންޑޮނީޝިއާއިން ގެންދަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުން
ރާއްޖެއާއި ޤައުމުތަކާއި އޮންނަ ގުޅުން އެހާ ރަނގަޅެއް ނޫން

ދިވެހިރާއްޖެއިން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ނިންމި ވާހަކަ އަޑު އިވުމުން އެންމެ ފުރަތަމަ ހީކުރީ އެއީ ސަރުކާރުން މަޖަލަކަށް ދެއްކި ވާހަކައެއްކަމަށެވެ. މިއީ ނުލާހިކު ސަމާސާކުރާ، ހެޕެނިންގ ސަރުކާރެއް ވިއްޔާއެވެ.

އެހެން ނަމަވެސް މިއީ ހަމަ ހަޤީގަތުގައިވެސް ކުރަން އުޅޭ ކަމެއްކަން އެނގުމުން، ދިވެހި ސަރުކާރުގެ ވިސްނުން ހުރީ ކިހިނެއްތޯ ހިތަށް އަރައެވެ. ދުނިޔޭގެ ޖަމާޢަތެއް އޮތިއްޔާ އެޖަމާޢަތަކަށް އެއްޗެހި ގޮވަމުން، ކަމެއް ރަނގަޅުކުރަން ބުނާ އިރަށް އެ ޤައުމަކަށް ބަވަމުން ދިވެހިރާއްޖެއިން ދާއިރު، ސަލާމަތީ މަޖިލީހަށް ރާއްޖެ ވަންނަން ވޯޓު ދޭނީ ކިތައް ޤައުމުންތޯ ސުވާލު އުފެދެއެވެ. ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހަށް ވަދެ، ރައީސް ޔާމިންގެ ދެން އަންނަން އޮތް ދައުރެއްގައި ސަލާމަތީ މަޖިލީހަށް ވަދެ، ރާއްޖެއަށް މިހާރު ފާޑުކިޔާ ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ހުވަފެން ދެކެމުންދާ ރައްޓެއްސަކަށް މިކަމާއި ގުޅޭގޮތުން މެސެޖްކޮށްލީމެވެ. އަދި ރާއްޖެއަށް ވޯޓު ދޭނީ ކޮން ޤައުމުތަކަކުންތޯ ސުވާލުކޮށްލީމެވެ. އޭނާގެ ޖަވާބަކަށްވީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލަށް ކުރިމަތިނުލަނީސްވެސް 4 ވޯޓު ލިބުނުކަމަށާއި، އެހެންކަމުން އަދި ކުރިމަތިލުމުން މާގިނަ ވޯޓު ލިބޭނެކަމަށެވެ.

އެއީ ގާތްގަނޑަކަށް ސަރުކާރުގެވެސް ވިސްނުމެވެ. ހިތާމަޔަކީ އެކަހަލަ ތާކުންތާކު ނުޖެހޭ ޚިޔާލު ގެންގުޅޭކަމެވެ. ތާޢީދު ނެތްކަން އެނގުމުން އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ އިންތިޚާބުން ނަން ނެގުމުންވެސް ވީއެއް ނުވީއެއް ނޭނގޭ ބަޔަކު ރާއްޖެއަށް ވޯޓު ދެނީއެވެ. ވާނީވެސް އެހެންނެވެ. ތަންދޮރު ދަންނަ ބަޔަކު ވެއްޖެއްޔާ ވޯޓު ދޭނެތޯއެވެ؟

އދ.ގެ ސަލާމަތީ މަޖިލީހަކީ އދ.ގެ އާއްމު ޖަލްސާ ފިޔަވައި އެންމެ ބާރުގަދަ ގުނަވަނެވެ. ހަޤީގަތުގައި އެންމެ ބާރުގަދަ ގުނަވަނަކީ ސަލާމަތީ މަޖިލީހޭވެސް ބުނެވިދާނެއެވެ. ޤައުމުތަކަށް މެމްބަރުކަން ދިނުމާއި، އދގެ ޗާޓަރަށް ބަދަލު ގެނައުމާއި އަދި ބައިނަލްއަޤްވާމީ ސުލްހަ ބެލެހެއްޓުމުގެ ޒިންމާ އުފުލަނީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މިކައުންސިލުންނެވެ. ކައުންސިލުގައި ދާއިމީ 5 މެމްބަރު ޤައުމު ވީޓޯކުރުމުގެ ބާރާއިއެކު ތިބެއެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ފަރަންސޭސީވިލާތް އަދި ޗައިނާއެވެ. ވީޓޯކުރުމުގެ ބާރު އޮންނާތީ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި ނިންމުންތައް ފާސްނުކޮށް މިޤައުމުތަކަށް ވީޓޯކުރެވޭނެއެވެ.

ދާއިމީ 5 މެމްބަރުން ފިޔަވައި ބާކީ ހިމެނޭ 10 ގޮނޑިއަށް ޤައުމުތަށް އިންތިޚާބު ކުރަނީ ކޮންމެ 2 އަހަރަކުންނެވެ. ކޮންމެ 2 އަހަރަކު 5 ޤައުމެއް ކުރިއަށް އޮތް ދެ އަހަރުގެ ދައުރަށް އިންތިޚާބުކުރެއެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިތައްވެސް ބެހިފައިވަނީ ސަރަހައްދުތަކަށް ބަހާލެވިގެންނެވެ. އެއީ އެފްރިކާ ސަރަހައްދަށް 3 ގޮނޑިއާއި، އޭޝިއާ ޕެސިފިކް ސަރަހައްދަށް 3 ގޮނޑިއާއި، އިރުމަތީ ޔޫރަޕަށް 2 ގޮނޑިއާއި، ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދަށް 2 ގޮނޑީގެ އިތުރުން ހުޅަނގު ޔޫރަޕާއި އެހެން ޤައުމުތަކަށް 5 ގޮނޑިއެވެ. ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ ކޮންމެ މަހަކު އަލްފެބެޓިކަލް ތަރުތީބުން ވަކި ޤައުމެވެ.

ސަލާމަތީ މަޖިލީހަށް އިންތިޚާބުވަނީ އދގެ ޖެނެރަލް އެސެމްބްލީގައި ހިމެނޭ 193 ޤައުމުގެ ތެރެއިން ތިން ބައިކުޅަ ދެ ބައި ޤައުމުގެ ވޯޓު ބޭނުންވެއެވެ. 128 ޤައުމުގެ ވޯޓު މަދުވެގެން ބޭނުންވެއެވެ. ރާއްޖެއަށް އެހާ ގިނަ ވޯޓު ލިބޭނެތޯ ސުވާލު އުފެދެއެވެ.

ޔޫރަޕިއަން ޔޫނިއަންއަކީ 28 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ބޮޑު ޖަމާޢަތެކެވެ. އެޖަމާޢަތުން ރާއްޖޭގެ ޙާލަތާއި މެދު ކަންބޮޑުވެ، ކަންކަން އިސްލާހުކުރަން ގޮވާލާއިރަށް އެޖަމާޢަތާއި ދެކޮޅަށް އަދި އެޖަމާޢާތުގެ މެމްބަރު ޤައުމުތަކާއި ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ސަރުކާރުން ގޮވަން ފަށައެވެ. އެ 28 ޤައުމުން ރާއްޖެ އދ ސަލާމަތީ މަޖިލީހުގެ މެމްބަރަކަށް ވާން ވޯޓު ދޭނެހެއްޔެވެ؟ އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރަން ބުނީމައި، އެކަން ދޮގުކޮށް އެކަން ނުކުރަން އުޅޭ ބަޔަކު ސަލާމަތީ މަޖިލީހަށް ވައްދަން އެޤައުމުތަކުން ވޯޓު ދޭނެތޯއެވެ؟ ޔޫރަޕްގެ 2 ޤައުމެއް ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ކުރެއެވެ.

ދެން އޮތީ ކޮމަންވެލްތެވެ. 52 މެމްބަރު ޤައުމު ހިމެނޭ މިޖަމާޢާތުން ރާއްޖެ ވަކިވީ އެޖަމާޢަތުން ރާއްޖޭގެ ކަންކަން އިސްލާހުކުރަން މަސައްކަތްކުރުމުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތު ވަންނަނީ ކަމަށްބުނެއެވެ. އދގެ ސަލާމަތީ މަޖިލީހަށްވުރެ ބޮޑަށް ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ޖަމާޢަތެއް ނޯންނާނެއެވެ. ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ގޮސް ޤައުމުތަކަށް ސިފައިން އަރުވާ ހިސާބަށް ސަލާމަތީ މަޖިލީހުން ދެއެވެ. އެކަން ކުރަނީ ހަމަތަކެއްގެ ތެރެއިންނެވެ. ކަމެއް އިސްލާހުކޮށްލަން ބުނީމާ އެއީ ހަމަތަކުން ބޭރުން ބަޔަކު ކަންކުރަނީކަމަށް ބުނާ ޤައުމަކުން ސަލާމަތީ މަޖިލީހަށް ވަންނަން ދިމާކޮށްލީމާ އެހެން ޤައުމުތަކުންވެސް އަންނާނީ ހިންޏެވެ. މިސަބަބަށްޓަކައި ކޮމަންވެލްތުގެ ދެތިން ޤައުމެއް ފިޔަވައި ރާއްޖެއަށް އދގައި ވޯޓުދޭނީ ވަކި ކޮން ޤައުމަކުންތޯއެވެ؟

އދގެ ސަލާމަތީ މަޖިލީހުން ހުސްވާ އޭޝިއާގެ ދެ ގޮނޑިއަށް ކުރިމަތިލީ ރާއްޖެއާއި އިންޑޮނޭޝިއާއިންނެވެ. ރާއްޖެއާއި ވާދަކުރާ އިންޑޮނީޝިއާ އަކީ ބައިނަލްއަޤްވާމީ ދުނިޔެއާއި ގުޅުން ބަދަހި ޤައުމެކެވެ. މީގެ ކުރިން 3 ފަހަރު އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާއިރު، 2007ވަނަ އަހަރުން 2008ވަނަ އަހަރަށް ހިނގި ދައުރަށް އިންޑޮނީޝިއާ ހޮވުނީ 158 ޤައުމުގެ ވޯޓާއިއެކުއެވެ. އިންޑޮނީޝިއާއަކީ އދގެ އިޤްތިޞާދާއި އިޖްތިމާޢި ކަންކަމާއި ބެހޭ ކައުންސިލަށް އެތައް ފަހަރަކު ހޮވުނު ޤައުމެކެވެ. 3 ފަހަރު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި މަސައްކަތްކުރިއެވެ. މީގެ އިތުރުން އިންޑޮނީޝިއަކީ އިރުމަތީ އޭޝިއާގެ ބާރުގަދަ ޤައުމެކެވެ. އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ޖަމްއިއްޔާ އާސިއާން އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު އެއް ޤައުމަކީ އިންޑޮނީޝިއާއެވެ. އާސިއާންގެ މައި އޮފީސް ޤާއިމްކޮށްފައިވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައެވެ. ޖީ-ޓުވެންޓީގައިވެސް އިރުމަތީ އޭޝިއާގެ ފަރާތުން ވަކާލާތު ކުރާ ޤައުމަކީ އިންޑޮނީޝިއާކަމުން އެޤައުމަށް އެސަރަހައްދުގެ ތާޢީދު ބޮޑެވެ.

ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމުގެ ހައިސިއްޔަތުން އިންޑޮނީޝީއާއަކީ އޯއައިސީގެވެސް ބާރުގަދަ ޤައުމެކެވެ. އިސްލާމީ ޤައުމަކަށްވީތީ ރާއްޖެއަށް މިއިންތިޚާބުގައި ލިބޭ ހުރިހާ ފައިދާއެއް އިންޑޮނީޝިއައަށްވެސް ލިބޭނެއެވެ. އެހެން ނަމަވެސް ސައޫދީއާއި، ޔޫއޭއީ އަދި ބަހްރައިންއާއި މިސްރުގެ އިތުރުން ޔަމަނުގެ ވޯޓު ރާއްޖެއަށް ލިބޭނެއެވެ. ޤަތަރުގެ މައްސަލައިގައި އިންޑޮނީޝިއާ ނެގީ ސައޫދީގެ ބަދަލުގައި ގަތަރު ކޮޅެވެ. ސަޢޫދީގެ ބައިވެރިންގެ ވޯޓު ރާއްޖެއަށް ގެއްލުނަސް، ގަތަރުގެ ބައިވެރިންގެ ވޯޓު ރާއްޖެއަށް ނުލިބި، ލިބޭނީ އިންޑޮނީޝިއާއަށެވެ.

އިންޑޮނީޝިއާއަކީ އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ޖަމްއިއްޔާ އޭޕެކްގެވެސް މެމްބަރު ޤައުމެކެވެ. އެމެރިކާއާއި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގެ އިތުރުން ބާރުގަދަ އެހެން ޤައުމުތަކެއް އޭޕެކްގައި ހިމެނޭއިރު، އޭޕެކްގެ ޤައުމުތަކުގެ ވޯޓު އެއްކޮށްހެން އިންޑޮނީޝިއާއަށް ލިބުމަކީ ކައިރި ކަމެކެވެ. ޗައިނާއާއި ކިތަންމެ ގުޅިގެން ރާއްޖެ އުޅުނަސް، ސަލާމަތީ މަޖިލީހަށް ރާއްޖެއަށްވުރެ އެކަށީގެންވަނީ އިންޑޮނީޝިއާކަން އެޤައުމުންވެސް ދަނެއެވެ.

ރާއްޖެއިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލައިގެން އުޅޭއިރު، ލޮބީކުރަނީވެސް ވޯޓުދޭނެކަން ކަށަވަރު ޤައުމުތަކަށެވެ. ގަލްފުގައި ހިމެނޭ ސައޫދީއާއި ރަހުމަތްތެރި ޤައުމުތަކުގެ ކާރިޖީ ވަޒީރުންގެ އަރިހަށް ދިވެހި ވަޒީރުން ވަޑައިގަންނަވާއިރު، އެވޯޓު އޮންނަނީ ލިބިފައެވެ. ނުލިބޭ ވޯޓު ހޯދަން ލޮބީކުރަން ދިވެހި ސަރުކާރަށް ނޭނގޭނީބާއެވެ؟ ނިމިގެން ދިޔަ އދގެ އާއްމު މަޖިލީހުގެ ހަވާސާގައި އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އާއި ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީގެ އިތުރުން އިންޑޮނީޝިއާގެ ވަފުދުން ވަނީ 100 ވަރަކަށް ޤައުމުގެ މަންދޫބުންނާއި ބައްދަލުކޮށް ލޮބީކޮށްފައެވެ. 96 ޤައުމުގައި އިންޑޮނީޝިއާގެ އެމްބަސީތައް ހުރިއިރު، އެޤައުމުތަކުގައި ތިއްބަވާ ސަފީރުން ގެންދަވަނީ ސަލާމަތީ މަޖިލީހަށް އިންޑޮނީޝިއާއިން ކުރަމުންދާ މަސައްކަތުގައި އެޤައުމުތަކުގެ ސަރުކާރުތަކުގެ ތާޢީދު ހޯދުމަށް ކެނޑިނޭޅި ލޮބީކުރަމުންނެވެ. ކުޑަކުޑަ ރާއްޖޭގެ އެމްބަސީތައް ހުރީ އެންމެ 13 ޤައުމުގައެވެ. މި ސަފީރުންވެސް މިމަސައްކަތުގައި މާބޮޑަށް އުޅުއްވާތީއެއް ނުފެނެއެވެ. ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައިވެސް ބޮޑު އަކުރުން އދގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާފައިވާކަމަށް ލިޔެފައިވާއިރުއެ ލިންކަށް ފިތާލުމުން އަންނަ ޕޭޖްގައި އިންނަނީ ރާއްޖެ އދގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާފައިވާކަމަށް ބުނެ ލިޔެފައިވާ އެންމެ ޖުމްލައެކެވެ. އެހެންވީމާ ވަރަށް މަސައްކަތް އެބަކުރެވޭތާއެވެ.

މި ހުރިހާ ސަބަބަކާއިއެކު، ރާއްޖެއަށް އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ލިބޭނެކަމާއިމެދު ކުރެވޭ ޝައްކު ބޮޑެވެ. އަނެއްކާ މިފަހަރުވެސް ނަން އަނބުރާ ނަގާނީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް