ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 13:56
ހދ. ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި
ހދ. ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި
މުޙައްމަދު ޒާހިރު
ކުޅުދުއްފުށީ އެއާޕޯޓް
ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެެދި ކޯޓަށް ހުށަހަޅައިފި
12 ހެކްޓަރު ހުންނަ ކުޅީގެ 9 ހެކްޓަރު ހިއްކަން ވަނީ ނިންމާފަ
މި ހަފްތާ ތެރޭގައި ކުޅި ހިއްކަން ފެށުމަށް ވަނީ ނިންމާފަ
ކުޅި ހިއްކަނީ އެމްޓީސީސީގެ މަހާ ޖައްރާފާއިން

ހދ. ކުޅުދުއްފުށީ ގައި އެއާޕޯޓް އަޅަން އެ ރަށު ކުޅި ހިއްކުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި އެރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމަށް ކޯޓް އަމުރަކަށް އެދި ހުށަހެޅީ އެ ރަށު ޗަންޕާގޭ، މުހައްމަދު އާދަމް އެވެ. އޭނާ މި މައްސަލަ ހުށަހެޅީ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ދެކޮޅަށެވެ.

މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ކުޅިއަކީ ކުޅުއްދުއްފުށީގެ ހުރިހާ ރައްޔިތުން ބޭނުން ކުރަމުންދާ ތަނަކަށްވެފައި އެތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ނަފާ ލިބެމުން ދަނިކޮށް އެފަދަ މަސައްކަތަކަށް ހުއްޓޭނެ ފަދަ ކަމެއް ސަރުކާރުން ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ. އަދި ކުޅުދުއްފުށީ ރައްޔިތުން އެއަރޕޯޓް އަޅަން ދެކޮޅު ނަހަދާ ކަމަށާއި އެރަށުގައި އެއަރޕޯޓް އަޅާން ހިއްކާނެ އެހެން ދިމާތައް އޮއްވައި ކުޅި ހިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ.

އެއާޕޯޓް އެޅުމަށް 12 ހެކްޓަރުގެ ކުޅީގެ ނުވަ ހެކްޓަރު ހިއްކުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ. އެމްޓީސީސީ އިން ގެނެސްފައިވާ ޑްރެޖަރު، މަހާ ޖައްރާފާ ބޭނުންކޮށްގެން މި ފަހްތާ ތެރޭގައި ކުޅި ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ނިންމާފައިވާއިރު، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން އަމިއްލަ މީހަކާ ހަވާލުކޮށްގެން ހަދާފައިވާ އެންވަޔަރެމެންޓް އިމްޕެކްޓް އެސެސްމެންޓް(އީއައިއޭ) ދައްކާ ގޮތުން ކުޅި ހިއްކައިފިނަމަ ފެން ބޮޑުވުން ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ކުޅުދުއްފުއްޓަށް ދިމާވާނެ އެވެ.

ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެ ތަނުގައި ތަފާތު އަށް ބާވަތެއްގެ ކަނޑޫފަލުގައި ހެދޭ ގަސް ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ. ކުޅުދުއްފުށީ ކުޅިއަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން ނާޒުކު ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް