ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 12:15
މެންބަރު މުހައްމަދު އިސްމާއިލް، ފައިސާ ގޯނި ހިފައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވި
މެންބަރު މުހައްމަދު އިސްމާއިލް، ފައިސާ ގޯނި ހިފައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވި
ޕީޕަލް މެގަޒިން
ފައިސާ ގޯނީގެ މައްސަލަ
އެމްއެމްޕީއާރްސީ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވިއިރު، "ފައިސާ ގޯނީ" ގެ މައްސަލަ "ފުލްސްޓޮޕެއްގައި"!
އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ފަށައިފި
އޭސީސީން ބުނަނީ އަދިވެސް މައްސަލަ ބަލަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށް
ފުލުހަށް ވެސް މައްސަލަ ހުށަހެޅި، ފުލުހުން ވަނީ މައްސަލަ ނުބަލަން ނިންމާފަ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލަތަކުގައި ދައުވާކުރަން ފޮނުވިއިރު، ޚިޔާނާތުގެ "ފައިސާ ގޯނި" ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންނެވި މައްސަލަައިގައި ދައުވާކުރަން ނުފޮނުވާކަން ހާމަވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން މަޖިލިސް މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށާއި ހުރިހާ މެންބަރުން އެ ފައިސާގައި ހިފި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ މާޗް 9 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. އަދި އޭގެ ފަހުން ބައެއް ޓީވީ ޗެނަލްތަކުގައި ވެސް އެ ވާހަކަ އެގޮތަށް އޭނާ ދައްކަވާފައިވެއެވެ.

"މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފާގެން ހިނގީ އަޅުގަނޑޭ ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެއެވެ.

އޭސީސީއިން މިދިޔަ އަހަރުގެ މާޗް މަހު އެ މައްސަލަ ބަލަން ފެށިއިރު، އެ ކޮމިޝަނުން ބުނެފައިވަނީ ފައިސާ ގޯނީގެ މައްސަލަ ބަލަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ނިންމައި، ބައެއް ރަށްރަށުގެ މައްސަލައިގައި އަދީބުގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ވަނީ ފަށާފަ އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، ފައިސާ ގޯނީގެ މައްސަލައާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބުނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ފައިސާ ގޯނީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިމިފައިވާއިރު، ނިމިފައިވާ ތަހުގީގެއްގެ ތެރެއިން ފައިސާ ގޯނީގެ މައްސަލަ ކުރިއަށް ގެންދަނީ ކިހިނެއްތޯ ސުވާލުކުރުމުން ވެސް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާ ގޯނީގެ މައްސަލަ ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށެވެ.

"އެ ކޭސް ކުރިއަށް ގެންދަނީ އެެމްއެމްޕީއާރްސީ ކޭސްގެ ތެރެއިން ކަމަށް މިކޮޅުގެ ކޮމެންޓަކީ" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފައިސާ ގޯނި ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންގެ އިދާރާއަށް އަމިއްލަ ފަރާތަކުން ހުށަހެޅި އެވެ. އެހެންނަމަވެސް، އޭސީސީއިން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފަ އެވެ.

މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ވެސް ދަންނަވާފައިވެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެފަދައިން ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކޮށް، ރިޝްވަތު ދިނުމުގެ ދައުވާކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުންނެވެ.

އޯގަސްޓް 7 ވަނަ ދުވަހު ޕީޖީއަށް ފާރިސްގެ ފަރާތުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރު މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް، އެ މައްސަލަ ބެލުމަށް ފުލުހުން އިންކާރު ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ޕްރޮސެކިއުޓަރ ޖެނެރަލް އަޅުއްވަވާފައި ނުވާ ކަމަށެވެ. 

މެންބަރު މުހައްމަދު އިސްމާއިލް މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލެއް ހިންގިކަމުގެ އިލްޒާމް ބަޔަކު ފާރިސްގެ އިސްތަށިފުޅުގައި ބަޔަކު މީހުން އެޅުވުމުން ފާރިސް ހައްޔަރުކޮށް، މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުނުކޮށް ތަފާތުވުން ގެންގުޅެފައިވާއިރު، އެ ތަފާތުކުރުން ބިނާވެފައިވާ އެއްވެސް ގާނޫނީ ހަމައެއް ވާނަމަ، އެ ހަމަ އަންގައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.

މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާއިރު، ކުށަށް އިންކާރު ކުރި ހާލުގައި ވެސް ފާރިސް ބަންދުކޮށް، ކުށަށް އިއުތިރާފްވި މީހާ މިނިވަންކަންމަތީ ހުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުރުސަތު ފަހިކޮށްދިނުމަކީ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވުމުގެ އުސޫލާ ފުށޫއަރާ އިންސާފަށް ހުތުރު އަދި ގާނޫނު އަސާސީގެ ސަރީހަ އަމުރުތަކާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް