ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 09:17
ކުރީގެ ނައިބު ރައީސް ޑރ ޖަމީލް
ކުރީގެ ނައިބު ރައީސް ޑރ ޖަމީލް
ގޫގުލް
ޑރ ޖަމީލު ޓްވީޓް
މި ހުންނެވީ ޕީޕީއެމްގެ ސިޔާސީ ފިކުރުގައި މެމްބަރުންނާއިއެކު: ޑރ ޖަމީލް
ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވަން އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޖަމީލް

ޕީޕީއެމްގެ ސިޔާސީ ފިކުރުގައި އެޕާޓީގެ މެމްބަރުންނާއިއެކު ހުންނެވިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޑރ ޖަމީލު މިހެން ވިދާޅުވީ ޕީޕީއެމްގެ 6ވަނަ އަހަރީ ދުވަހާ ގުޅިގެން ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. ޑރ ޖަމީލު ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ޕީޕީއެމްގެ ހީވާގި އެންމެހާ މެމްބަރުންނަށް ދަންނަވާކަމަށް ވިދާޅުވެފައެވެ. ތަހުނިޔާގެ މި މެސެޖާއިއެކު ޑރ ޖަމީލްވަނީ އެމަނިކުފާނާއި ރައީސް ޔާމީނާއި ދެބޭފުޅުންގެ އަތްޕުޅުގައި ޕީޕީއެމްގެ އިންތިޚާބީ ރައީސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ހިއްޕަވައިގެން ހުންނެވި ފޮޓޯއެއްވެސް ޓްވީޓްކުރައްވާފައެވެ.

ޑރ ޖަމީލް އާއި ރައީސް މައުމޫނާއި ދެބޭފުޅުންނަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމްގެ ކެންޑިޑޭޓް ޔާމިން އަބްދުލްޤައްޔޫމަށް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރެއްވި ދެބޭފުޅުންނެވެ. އެހެން ނަމަވެސް ރަނިން މޭޓްގެ ހައިސިއްޔަތުން ޔާމިންއާއިއެކު އިންތިޚާބު ކާމިޔާބުކުރައްވައި، ނައިބު ރައީސްކަމުގައި ޑރ ޖަމީލަށް 2 އަހަރުވެސް ފުރިހަމަ ނުކުރެއްވެނީސް އިތުބާރު ނެތްކަމަށް ބުނެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އިސްނަގައި، ޑރ ޖަމީލު މަޤާމުން ބޭރުކުރިއެވެ.

ޑރ ޖަމީލު އިނގިރޭސިވިލާތުގައި ހުންނަވައިގެން މިހާރު މަސައްކަތްކުރައްވަނީ ގުޅިފައިވާ އިދިކޮޅު އިއްތިޙާދާއި އެއްކޮށެވެ.

ޕީޕީއެމްގެ ސިޔާސީ ފިކުރުގައި އެޕާޓީގެ މެމްބަރުންނާއިއެކު ހުންނެވިކަމަށް ޑރ ޖަމީލު ވިދާޅުވިއިރު، ކުރީގެ ރައީސް މައުމޫންވެސް ވަނީ ޕީޕީއެމްގެ އަހަރީ ދުވަހާއި ގުޅިގެން ދެއްވި މެސެޖްގައި، އެޕާޓީ އުފެއްދި އަސްލުތަކާއި ޚިލާފުވަމުންދާކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް އެޕާޓީ މިހާރު ކޮންޓްރޯލްކުރާ ރައީސް ޔާމީން ފެކްޝަނުން ފާހަގައެއް ނުކުރެއެވެ. ސަބަބަކީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އަހަރީ ދުވަހަކީ ސިވިލް ކޯޓުގެ ހުކުމެއްގެ ދަށުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާއި ހަވާލުކުރެވުނު ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް