ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 08:07
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ގޫގުލް
އަދުލު އިންސާފް
އަދުލު އިންސާފަކީ ރެކޯޑް ހެދުމަށް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން: ފާއިޒް
އަދުލު އިންސާފަކީ ބިމުގައި ގާއިމް ކުރުމަށް ﷲ އެންގެވި ވަރުގަދަ އަމުރެއް
1999 ވަނަ އަހަރު ރެކޯޑް ހަދަން އުޅެގެން 67 މައްސަލައިގެ ތެރެއިން 66 މައްސަލަ ސާބިތުވި
ރެކޯޑް ހެދުމުގެ ވާދަވެރިކަން ފެށުނީ އެންމެ މޮޅު ގާޒީ ހޮވަން ފެށުމުން

އަދުލު އިންސާފަކީ މީސްތަކުންގެ ހައްގުތަކާ ގުޅިފައިވާ ކަމަކަށްވާއިރު އެއީ ރެކޯޑް ހެދުމަށް ކުރަން ހެޔޮވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިމިވަނީ، އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ބައްލަވައިގެން ސިވިލް ކޯޓުގެ ގާޒީ މުޙައްމަދު ހަލީމް ރާއްޖޭގެ ޝަރުއީ ދާއިރާގެ ރިކޯޑެއް ބުރާސްފަތި ދުވަހު ހައްދަވާފައިވަނިކޮށެވެ.

ގާޒީ ހަލީމް ރެކޯޑް ހެއްދެވި ކަމަށް "ރާއްޖެއެމްވީ" ގައި ލިޔެފައިވާ ހަބަރުގެ ލިންކާއެކު ފާއިޒް ފޭސްބުކްގައި ވިދާޅުވީ އަދުލު އިންސާފަކީ މީސްތަކުންގެ ހައްގުތަކާ ގުޅިފައިވާ، ބިމުގައި ގާއިމް ކުރުމަށް ﷲ އެންގެވި ވަރުގަދަ އަމުރެއް ކަމަށެވެ. 

"އަދުލު އިންސާފަކީ މީސްތަކުންގެ ހައްގުތަކާ ގުޅިފައިވާ، ބިމުގައި ގާއިމް ކުރުމަށް ﷲ އެންގެވި ވަރުގަދަ އަމުރެކެވެ. އެއީ ރެކޯޑް ހެދުމަށް ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ،" ފާއިޒް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ރެކޯޑް ހެދުމަށް ގިނަ މައްސަލަތައް އެއްފަހަރާ ތާވަލުކޮށްގެން ކުރިއަށް ގެންދިއުމުން ކަންތައްވީ ގޮތް ވެސް ފާއިޒް ވިދާޅުވެފައިވެއެވެ.

އެގޮތުން ފާއިޒް ވިދާޅުވީ ސެޕްޓެމްބަރު، 9، 1999 ފާހަގަކުރުމުގެ ގޮތުން ކުރީގެ ޖިނާއީ ކޯޓުގެ ގާޒީއަކު 67 މައްސަލަ ތާވަލުކުރުމަށްފަހު، 66 މައްސަލައިގެ ހުކުމްކޮށް އެންމެންގެ މައްޗަށް ކުށް ސާބިތުވި ކަމަށެވެ. 

ފާއިޒް ވިދާޅުވީ ގާޒީންގެ މެދުގައި ރެކޯޑް ހެދުމުގެ ވާދަވެރިކަން ފެށިގެން ދިޔައީ ހުރިހާ ގޮތަކުން އެންމެ މޮޅު ގާޒީ ހޮވައި، ފިލާ ދިނުމުގެ ސަގާފަތެއް މިނިސްޓްރީ އޮފް ޖަސްޓިސް އިން ފެށުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް، އެއިރުގެ ބައެއް ގާޒީން އެކަމާ ދެކޮޅަށް ވާހަކަ ދައްކައި، މައްސަލަ ޖައްސައި ހަދަން ފެށުމުން އެންމެ މޮޅު ގާޒީ ހޮވުން މިނިސްޓްރީއިން ހުއްޓާލި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ރެކޯޑް ހެއްދެވީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން އެރޭ 12:00 އާއި ހަމައަށް 153 މައްސަލައިގެ ޝަރީއަތް ހިންގަވައިގެންނެވެ. މެދުނުކެނޑި 16 ގަޑިއިރު ގާޒީ ހަލީމް ޝަރީއަތް ކުރެއްވިއިރު، ކުރިއަށްގެންދެވި 153 މައްސަލައިގެ ތެރެއިން 66 މައްސަލައެއްގައި ގާޒީ ހަލީމް ހުކުމް އިއްވެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް