ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 16:01
ޔާމީންގެ މަރުގެ މައްސަލައިގަ ދައުވާ ލިބޭ ހަ މީހުން
ޔާމީންގެ މަރުގެ މައްސަލައިގަ ދައުވާ ލިބޭ ހަ މީހުން
މުހައްމަދު ޝަރުހާން
ޔާމީންގެ މަރުގެ ޝަރީއަތް
ޔާމީންގެ މަރުގެ ޝަރީއަތް: ދައުވާއަށް ޖަވާބުދާރީވުން މާދަމާ!
ޔާމީން މަރާލާފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އެޅި ބައެއް ކަމަށް ފުލުހުން ބުނޭ
މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިމަހުގެ 4 ވަނަ ދުވަހު
ޝަރީއަތް ކުރިއަށް ގެންދަނީ އާންމުންނާއި ނޫސްވެރިން ނުވައްދާ ސިއްރުކޮށްގެން

އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގައި ދައުވާއަށް ޖަވާބުދާރީވުމަށް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ޔާމީންގެ މަރުގެ ދައުވާ ލިބޭ މީހުންގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 3:00 އަށެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ އިތުރުން، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ  އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.

މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ޝަރީއަތް ހިންގަމުންދަނީ އާންމުންނާއި ނޫސްވެރިން ނުވައްދާ ސިއްރުކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މައްޗަށް ކަމަށްވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ސިއްރުކުރަން އެދުނީ މައްސަލައިގެ ވަކި އަޑުއެހުންތަކެކެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ 4 ވަނަ ދުވަހު އެވެ. ނަމަވެސް، ހައިޝަމްގެ ގާނޫނީ ވަކީލު ސަސްޕެންޑް ކޮށްފައި ހުރުމުން، އެހެން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދިނުމަށް ފަހު އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދު އާއި ހައިޝަމް އާއި އަހުމަދު ޒިހާން އިސްމާއީލް އަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން މަރާލާފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެކެވެ. އަދި އެ މީހުން ޔާމީން މަރާލާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް