ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 12:36
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ރައީސްގެ ސްކޮލާޝިޕް
ސްކޮލާޝިޕް ދޭ އުސޫލާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް
މެއި/ޖޫން މަހުގެ އިމްތިހާނުން އެއްވަނަ ހޯދި ގިނަ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމަށް ސްކޮލާޝިޕް ނުލިބޭ
ސްކޮލާޝިޕް ދިނުމުގައި އޭ ސްޓާރއަށް ޕޮއިންޓް ދިނުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު އިމްތިހާނަށް ފަހު

މި އަހަރުގެ މެއި/ޖޫން އޭ ލެވެލް އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕާ ގުޅޭ ގޮތުން ބައެއް ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން އެބަދެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ގިނަ ދަރިވަރުންތަކަކަށް ރައީސް ދެއްވާ ސްކޮލާޝިޕްގެ އުސޫލުން ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު މިފަހަރު ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އުސޫލެއްގައި ވަނީ މި ސްކޮލާޝިޕްގެ ދަށުން ބޭނުން ގައުމަކުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދާ ދަރިވަރުންނަށެވެ. އެހެން ނަމަވެސް ހަމަ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ސޮއި ކުރައްވާ ނެރުއްވާފައިވާ "މަތީ ޘާނަވީ ސްކޫލް ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާ އުސޫލް" ގައި ވަނީ މި އުސޫލު ތަންފީޒުކުރަން ފަށާނީ މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި ބާއްވާ އޭ ލެވެލް އިމްތިހާނުތަކުން ފެށިގެން ކަމަށެވެ.

އެހެނަސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އުސޫލު ގެޒެޓްކޮށް އާންމު ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް އިމްތިހާން ނިންމި ދަރިވަރުންނަށް ވެސް ސްކޮލާޝިޕް ދިނުމުގައި އޭ ސްޓާރއަށް ޕޮއިންޓް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މެއި/ޖޫން އިމްތިހާނުގައި އެއްވަނަ ހޯދި ދަރިވަރުންނަށް ބޭނުން ގައުމަކަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ސާކް ގައުމަތަކުން ސްކޮލާޝިޕް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ސާފުކުރަން ދިޔުމުން އަންގާފައިވާ ކަމަށް ބެލެނިވެރިއަކު ރާއްޖެއެމްވީއަށް މައުލޫމާތު ދީފައި ވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނެފައިވަނީ އޭނާގެ ދަރިފުޅު ބައެއް މާއްދާތައް ޖެނުއަރީ މަހު ވެސް ހެދި ކަމަށާއި އަދި އޭރު 'އޭ' ގްރޭޑް ލިބުމުން މެއި/ޖޫން އިމްތިހާނުގައި އޭ ސްޓާރއެއް ހޯދުމަށް އިތުރު މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެއީ ޒަމާނުއްސުރެ އޭ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށް ރައީސްގެ ސްކޮލާޝިޕް ދޭތީ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީއިން ދަނީ މެއި/ޖޫން މަހު އެއްވަނަ ހޯދި ދަރިވަރުންނާ ވަކިވަކިން ބައްދަލުކޮށް މި ނިންމުމާ ބެހޭ ގޮތުން އެ ދަރިވަރުންނާ ވާހަކަ ދައްކަމުންނެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޭ ލެވެލް އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ބޭނުން ގައުމަކަށް ކިޔަވަން ދިޔުމުގެ ފުރުސަތު ލިބެއެވެ. އަދި އެއްވަނައިގައި ހިމެނޭ ބާކީ ދަރިވަރުންނަށާއި ދެވަނައިގައި ހިމެނޭ ދަރިވަރުންނަށް ސާކް ގައުމުތަކުން ސްކޮލާޝިޕުގެ ފުރުސަތު ދެއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ލޯނު އެހީގެ ދަށުން ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. 

މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅާލުމުން ފޮނު ނުނަގާތީ އެ މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޮކްޓޯބަރ 2017 | ހޮނިހިރު 15:02
ޔާމީނު
ވަގަށް ކައިފަ ހުރި ލާރިން މިކުދހިން ނަށް ކިޔަވަން ފޮނުވްން ރިނގަޅު