ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 10:23
ހައިކޯޓަށް ފަނޑިޔާރުން ނުނަގައި މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެ ގާނޫނާ ޚިލާފުވެފައި
ހައިކޯޓަށް ފަނޑިޔާރުން ނުނަގައި މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެ ގާނޫނާ ޚިލާފުވެފައި
މުހައްމަދު ޝަރުހާން
ހައިކޯޓަށް ފަނޑިޔާރުން
ގާނޫނުގައި ބުނާ މުއްދަތު ފާއިތުވެގެން ދިޔަތާ މަހަކަށް ވުރެ ގިނަ ދުވަސް، އަދިވެސް ފަނޑިޔާރުން ނުނަގާ!
ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން ތިން މަސް ދުވަސް ތެރޭ ފަނޑިޔާރުން އައްޔަންކުރަންޖެހޭ
ގާނޫނުގައި ބުނާ މުއްދަތު ހަމަވީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު
ޖޭއެސްސީއިން ބުނާ ގޮތުގައި އައްޔަން ނުކުރެވިވަނީ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނާ މުއްދަތު ފާއިތުވެގެން ދިޔަތާ މަހަކަށް ވުރެ ގިނަ ދުވަސްވީއިރުވެސް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ފަނޑިޔާރުން އައްޔަން ނުކުރާކަން ހާމަވެއްޖެ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. އެ އިސްލާހުގައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާ އާއި  35 ވަނަ މާއްދާގެ "ބ" އަށް އިސްލާހުތަކެއް ގެނެސްފަ އެވެ.

ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނުއިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ހައިކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވި ލަސްވެގެންދަނީ ކޮމިޝަނުގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެންނެވެ. ފާއިތުވި ފަސް ޖަލްސާގެ އެޖެންޑާގައި ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ކަންތައްތައް ތާވަލުކޮށްފައި އޮތް ކަމަށާއި އެހެންނަމަވެސް، ޖަލްސާއެއް ބާއްވަން ބޭނުންވާ އަދަދު ހަމަނުވުމުން ޖަލްސާ ބޭއްވޭގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝޯޓް ލިސްޓް ކުރި ބޭފުޅުންނާ އިންޓަވިއުކޮށް ނިމުނުތާ ވެސް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ 10 މެންބަރުންނެވެ. އެގޮތުން މިހާރު މެންބަރުންގެ ގޮތުގައި ތިއްބަވަނީ، ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުﷲ މަސީހާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި، ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި، ދަށު ކޯޓުތަކުން ފަނޑިޔާރު މުހައްމަދު އީސާފުޅާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި، އާންމުންގެ ތެރެއިން އަބްދުލް ހަންނާނު އަހުމަދާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ މުހައްމަދު ފައިސަލްއާއި، ބަންޑާރަނައިބު މުހައްމަދު އަނިލްގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން ލަތީފާ ގާސިމެވެ. 

ޖޭއެސްސީގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ގޮތުން ކޮމިޝަނުގެ ޖަލްސާތަކަށް ހާޒިރުވުމަކީ ކޮމިޝަނުގެ މެންބަރުންގެ މަސްއޫލިއްޔަތެކެވެ.

ހައިކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގަން މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން އެ ފަނޑިޔާރުން މިހާރު މަސައްކަތް ކުރައްވަނީ މާލެ ވަޑައިގެން ހައިކޯޓުގަ އެވެ.

ހައިކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު ތިއްބެވީ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް