ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 09:10
އެމްޑަބްލިއުސީސީގެ އިސްވެރިން، އެ ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިޔާތުގައި
އެމްޑަބްލިއުސީސީގެ އިސްވެރިން، އެ ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިޔާތުގައި
ރާއްޖެއެމްވީ
އެމްޑަބްލިޔުސީސީ
އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ، "އެމްޑަބްލިޔުސީސީ" އިފްތިތާހް ކޮށްފި
މި ޖަމިއްޔާގެ މަގުސަަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިވެދިނުން

ވިޔަފާރީގެ ރޮނގުން އަންހެނުން ކުރިއެރުވުމުގެ މަގުސަދުގައި "މޯލްޑިވްސް ވޮމެންސް ޗެމްބަރ އޮފް ކޮމާސް( އެމްޑަބްލިޔުސީސީ)"ގެ ނަމުގައި އަންހެނުންގެ ވިޔަފާރިވެރިންގެ  ޖަމިއްޔާއެއް އުފައްދައި، އިފްތިތާހްކޮށްފި އެވެ. 

 

މި ޖަމިއްޔާ އިފްތިތާހް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ޗަމްޕާ ހޮޓެލްގައި ބޭއްވި ހަފްލާގައި އެ ޖަމިއްޔާގެ ރައީސް ޝީޒާ އިމާދު ވިދާޅުވީ އެ މަޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއިން ބާރުވެރިކޮށް ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަށް އެހީތެރިވެދިނުން ކަމަށެވެ. ވިޔަފާރީގެ ރޮނގުން ކުރިއަށްދާން ބޭނުންވާ މީހުންނަށް އެކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޝިޒާ ފާހަގަ ކުރެއްވި އެވެ.

 

"ރާއްޖޭގައި ވިޔަފާރި ކުރުމަށް ޝައުގުވެރިވާ އަންހެނުން އެބަ ތިބި، ބޭނުންވަނީ މި ދައިރާއިން ކުރިއަށްދިއުމުގައި އެހީވެ ދިނުން،" އޭނާ ވިދާޅުވި އެވެ. 

 

އޭނާ ވިދާޅުވި ގޮތުގައި އަންހެނުން ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިއުމަށް ރާއްޖޭގައިވެސް ގޮންޖެހުންތަކެއް އެެބަ ހުއްޓެވެ. އަދި ވިދާޅުވީ މި ޖަމިއްޔާގެ ފައުންޑަރުންގެ ގޮތުގައި ތިއްބެވީ ވަރަށް ކުޅަދާނަ އަދި ތަޖުރިބާ ހުރި އަންހެން ކަނބަލުންކަން ޝިޒާ ފާހަގަ ކުރެއްވި އެވެ. 

 

މީގެ އިތުރުން މި ޖަމިއްޔާގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މެމްބަރުންނަށް ވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

މި ހަފްލާގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެރިވެވަޑައިގެންވި ހައްގުން މަސައްކަތް ކުރައްވާ، އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވީ  އަންހެނުން ކުރިއަށް ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އެއީ ހަމަ އެކަނި މި ގައުމުގައި އެކަނި ނޫން ކަމަށާއި އެހެނިހެން ހުރިހާ ތަނެއްގައިވެސް ހުރި ގޮންޖެހުމެއް ކަން އަނީސާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭގެ އިތުރުން ސިޔާސީ މައިދާނުގައި އަންހެނުނަށް ހުރި އެއް ގޮންޖެހުމަކީ މާލީ ތަނަވަސްކަން ނެތުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެން ކަމުން އަންހެނުންނަކީ ވިޔަފާރީގެ ރޮނގުންވެސް ކުރިއަށްދާން ޖެހޭ އަދި ކުރިއަށް ދެވިދާނެ ބައެއްކަމަށް ވެސް އަނީސާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރަޖިސްޓްރީ ކުރި މި ޖަމިއްޔާގެ ރައީސްކަން ޝީޒާ ކުރައްވާއިރު ނައިބު ރައީސާއަކީ ކުރީގެ ހެލްތް މިނިސްޓަރ ޑރ.މަރިޔަމް ޝަކީލާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް