ޤަތަރާ އެކު އޮންނަ ގުޅުން ކަނޑާލުމަށް ސައޫދީ ސަރުކާރުން ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދިވެހިރާއްޖެއިން ވެސް ގަތަރާ ގުޅުން ކަނޑާލުމަށް ފަހު، ސައޫދީ އާއި ބައިވެގެން ގަތަރާ ގުޅުން ކަނޑާލި ޤައުމުތަކާ ގުޅުން ބަދަހިކުރަން ފަށައިފިއެވެ.
ސައޫދީއާ ގުޅިގެން ގަތަރާ އެކު އޮންނަ ގުޅުން ކަނޑާލީ ބަހްރައިން އާއި، ޔޫއޭއީގެ އިތުރުން މިސްރެވެ. ރާއްޖެއިން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދަނީ މީގެ ތެރެއިން މުއްސަނދި ޤައުމުތަކާ އެވެ. އެގޮތުން ސައޫދީގެ އިތުރުން ބަހްރައިން އަދި ޔޫއޭއީއާ އެކު އޮންނަ ގުޅުން ބަދަހިކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މިހާރު ވެސް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ، ބަހްރައިންގެ ޚާރިޖީ ވަޒީރު ޝެއިޚް ޚާލިދު ބިން މުހައްމަދު އަލް ޚަލީފާއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފައިވާކަން ވަނީ ހާމަވެފައެވެ.
މިނިސްޓަރ ޒެނީޝާ ބަހްރައިންގެ ވެރިރަށް މަނާމާއަށް ވަޑައިގެން އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށް ބަޙްރައިން ނިއުސް އެޖެންސީން ބުނެއެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައިވާ ޒަމާންވީ އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދައްކަވައި، ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިނިސްޓަރ ޒެނީޝާ އާއި ބަހްރައިންގެ ޚާރިޖީ ވަޒީރު މަޝްވަރާކުރެވި ކަމަށް ބަހްރައިން ނިއުސް އެޖެންސީން ރިޕޯރޓްކޮށްފައި ވެއެވެ.
އެހެން ނަމަވެސް މި ދަތުރާ ބެހޭ މާބޮޑު މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައެއް ނުވެއެވެ. ފޮރިން މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ އިތުރުން ރައީސް އޮފހުން ވެސް މިދަތުރާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ތެލާއި އެލުމިނިއަމްގެ މުއްސަނދިކަން ލިބިފައިވާ ބަހްރައިންއަށް މިނިސްޓަރ ޒެނީޝާ ޒިޔާރަތްކުރެއްވީ ޖެންޑަރ މިނިސްޓަރގެ ހައިސިއްޔަތުންނެއް ނޫނެވެ. ބަހްރައިން ނިއުސް އެޖެންސީއިން ބުނާ ގޮތުން މިޒިޔާރަތް އެކަމަނާކުރެއްވީ "ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން" ނެވެ. މިދަތުރއި ބެހޭ ގޮތުން ބަހްރައިން ހާމަކުރާ އެއްޗެއް ނޫން އެއްޗެއް ނޭނގެއެވެ.
ބަހްރައިންއާ ގުޅުން ބަދަހިކުރަމުންދާއިރު، ޔޫއޭއީއާ އެކު ވެސް ރާއްޖެއިން ދަނީ ގުޅުން ބަދަހިކުރަމުންނެވެ. ގަތަރުގައި ބާއްވަން ހަމަޖެއްސި އިންވެސްޓްމަންޓް ފޯރަމް ޔޫއޭއީގެ ޑުބާއީއަށް ބަދަލުކުރަން ނިންމާފައިވާއިރު، ރައީސް ޔާމީން ވަނީ ދާދިފަހުން ވެސް ޑުބާއީއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި ބޮޑު ލޯނު އެއްބަސްވުމެއްގައި ސޮއެކުރައްވާފައި ވެއެވެ.
މީގެ އިތުރުން ދާދިފަހުންރައީސް މައިތިރިޕާލާ ސިރިސޭނާއަށް ފަތްކޮޅު އެރުވި ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) އެމަނިކުފާނުގެ މަޤާމުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ބައްދަލުކުރެއްވި އެއް ބޭފުޅަކީ ދުބާއީގެ ޤައުމީ އެއަރލައިން އެމިރޭޓްސްއިން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖަރ ޗަންދަނާ ޑިސިލްވާއާ އެވެ. އާއްމު ގޮތެއްގައި ސަފީރު ކަމަށް އައްޔަންކުރައްވާ ބޭފުޅުން އެންމެ ފުރަތަމަ ބައްދަލުކުރައްވަނީ އެޤައުމެއްގައި ތިއްބަވާ ޑިޕްލޮމެޓިކް އަދި ސިޔާސީ ބޭފުޅުންނާއެވެ. އެމިރޭޓްސްގެ އޭރިއާ މެނޭޖަރާއި ސަފީރު ބައްދަލުކުރެއްވިއިރު، ގަތަރާ ގުޅުން ކަނޑާލި ނަމަވެސް ގަތަރުގެ ރަސްމީ އެއަރލައިން ގަތަރު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. އަދި ގަތަރު އެއަރވޭސްއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއަރލައިނެކެވެ. ސަރުކާރުން ޔޫއޭއީ ސަރުކާރާ ގުޅިގެން ގަތަރު އެއަރވޭސްގެ މާކެޓް، އެމިރޭޓްސްއަށް ހޯދައިދޭން މަސައްކަތްކުރަނީތޯ ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ.
ރާއްޖޭގެ އާ "ބެސްޓް ބަޑީޒް" ކަމަށްވާ ޔޫއޭއީ އިން ބޮޑެތި ލޯނުތަކެއް ނަގަމުންދާއިރު، ބަހްރައިންގެ ސަރުކާރުން ހޯދަން ދިވެހި ސަރުކާރުން މަސައްކަތްކުރަނީ ކިހާ ވަރެއް ކަމެއް ނޭނގެއެވެ. ކޮންމެއަކަސް ގަތަރާ އެކު އޮންނަ ގުޅުން ކަނޑާލުމުގެ ބޭނުން ދިވެހި ސަރުކާރުން ހިފަން ދިމާކޮށްފައިވާއިރު، މިއީ ނުރައްކާތެރި ކަމެކެވެ. ބޮޑެތި ލޯނުތަކެއް ނަގަމުންދާއިރު، މި ލޯނު ދައްކަން ޖެހުމުން އެލޯނު ދައްކާނީ ކާމިނީގޭ އަބްދުﷲ ޔާމީނެއް ނޫނެވެ. ދިވެހި ރައްޔިތުންނެވެ.