ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 16:28
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް
މަޖިލިސް
މެމްބަރު ތޯރިގް
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ތޯރިގް ބަޖެޓަށް ވޯޓު ދެއްވައިފި
އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ވިދާޅުވެފައިވޭ

 ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވައި އަދި އެތައް މިލިއަން ރުފިޔާއެއް ދިނަސް ސަރުކާރާ ނުގުޅޭނެ ކަމަށް ވިދާޅުވި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވައިފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ތޯރިގް ފިޔާވާ ދެން ބައިވެރިވެވަޑައިގަންނަވާފައިވަނީ ޕީޕީއެމް-އެމްޑިއޭ ކޯލިޝަން މެމްބަރުން އެކަންޏެވެ. 

މެމްބަރު ތޯރިގް ބަޖެޓަށް ވޯޓް ދެއްވާފައި މިވަނީ ސަރުކާރާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

ދާދިފަހުން  ނުވަ ރަށެއްގެ ނަރުދަމާ ނިޒާމުގެ ލޭބާ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ޝީ ބިލްޑިންގގައި ބޭއްވި ރަސްމީއްޔާތުގައި ތޯރިގް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މި ރައިސްމީއްޔާތުގައި ވާހަކަ ދައްކަމުން ތޯރިގް ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ވަަރަށް ބޮޑަށް ޝުކރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ކުރިއަށް  ގެންދާ މިހާ ބޮޑު މަޝްރޫއެއްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތަށް ދައުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރު ތޯރިގަށް ވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. 

އެރަސްމިއްޔާތަށް ފަހު، ތޯރިގް އަލުން ސަރުކާރާ ގުޅިނީތޯ ނޫސްވެރިން ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރަސްމިއްޔާތަށް ވަޑައިގެންނެވީ ދައުވަތު ދެއްވައިގެން ކަމަށެވެ. 

އެ ރަސްމީއްޔާތުގައި ބައިވެރިވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ އިސް ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ވަަރަށް އަވަހަށް ތޯރިގް ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން ތޯރިގް އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނަވާނީ މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި މަހިބަދޫގައި ބާއްވާ ހާއްސަ ރަސްމީއްޔާތުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަށް ފަޑުވިދާޅުވި މެމްބަރުންގެ ތެރޭގައި މަހިނދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހިމެނިވަޑައިގެންނަވައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް މިނިވަން މުއސްތަގިއްލު ތަނަކަށް ހަދަން ޖެހިފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށްޓަކައި މަސައްކަތްތައް ނުކުރާ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. 

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ތޯރިގު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަޑުވިދޅުވެ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މުސްތަގިއްލު މިނިވަން ތަނަކަށް ހެދުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. 

ޕީޕީއެމްގެ ދަފްތަރުން ވަކިވެވަޑައިގެން ރައްޔިތުންނަށް ފޮނުވި މެސެޖުގައި މެންބަރު ތޯރިގް ވިދާޅުވެފައި ވަނީ، 2014 ވަނަ އަހަރު މަހިބަދޫ ދާއިރާއަށް ރައްޔިތުން އޭނާ ހޮވާފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ދާއިރާގެ ބަސް ބުނުމަށާއި ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނިންމުންތައް ނިންމުމަށް މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުފައި ވަނީ ޕީޕީއެމްއާ ގުޅިގެން މަސައްކަތް ފެއްޓެވީ ދާއިރާ ތަަރައްގީ ކުރުމަށް ކަމަށާއި އެގޮތުން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދާއިރާގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ފެށުމުގެ ގޮތުން ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭރު އުންމީދުކުރެއްވި ކަމަށެވެ. ނަމަވެސް އެ އުންމީދު ހާސިލްނުވި ކަމަށް އޭރު ވިދާޅުވެފައި ވެއެވެ. 

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ ނުވަތަ ޕާޓީން ވަކިކުުރަމުން ގޮނޑިގެއްލޭ ގޮތަށް ސްޕްރީމް ކޯޓަށް ނިންމި ނިންމުމަށް ވެސް ތޯރިގް ވަނީ ފާޑުވިދާޅުވެފައެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. 

އިދިކޮޅު ފަރާތްތަކާ އެކު ހުންނެވި ކަމަށް ތޯރިގު އޭރު ވިދާޅުވި ނަމަވެސް އިދިކޮޅު އެއްވެސް ހަރަކާތެއްގެ ތެރެއިން ވެސް އަދި ޕޯޑިއަމަކުން ވެސް ތޯރިގު ފެނިފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް