ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 16:21
ޖުލައި 19 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ގޮތަށް މިއަދާ ހަމައަށް ވެސް ބަންދުކޮށްފައި
ޖުލައި 19 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ގޮތަށް މިއަދާ ހަމައަށް ވެސް ބަންދުކޮށްފައި
މުހައްމަދު ޝަރުހާން
ފާރިސްގެ އިސްތިއުނާފް
ފާރިސްގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗު ބަދަލުކުރި އިޖުރާއަތާ މެދު ގޮތް ކަނޑައަޅާނީ ހައިކޯޓުން: ސުޕްރީމް ކޯޓް
ބެންޗަށް ބަދަލު ގެނެސް ރިޔާސަތަށް ފަނޑިޔާރު ޝުޖާއު
ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓް
އެ އިޖުރާއަތާ މެދު ފައިސަލާ ކުރާނީ ހައި ކޯޓުން ކަމަށް ވަނީ ކަނޑައަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި އަމުރާއި ބަންދުކުރި އަމުރުގެ އިސްތިއުނާފް މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗު ބަދަލުކުރި އިޖުރާއަތުގެ ސައްހަކަމާ މެދު ގޮތެއް ކަނޑައަޅާނީ އެ ކޯޓުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ބެންޗަށް ބަދަލު ގެނެސްފައި ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ފާރިސްގެ ފަރާތުން ވަނީ ބެންޗު ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އިސްތިއުނާފް އަޑުއެހުމުގައި ވަނީ، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މައްސަލަ މަޑުޖައްސާލާފަ އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ ފާރިސްގެ ފަރާތުން ހުށަހަޅާ އެ ދަފްއުއަކީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން އެ ދަފްއު ހުށަހަޅައިފި ނަމަ، އެ އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާއެކު އެ ކޯޓުން ކަނޑައަޅައި މައްސަލައިގައި ފައިސަލާ ކުރަންޖެހޭ މައްސަލައެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލުކުރަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ވާހަކަ ހައިކޯޓުގައި ދެންނެވިފައިވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައިނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް އިބްތިދާއީ އަޑުއެހުން ވަނީ ފަށާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް