ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 15:04
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނެރެގެން ވެހިކަލަށް އަރުވަނީ
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނެރެގެން ވެހިކަލަށް އަރުވަނީ
މުހައްމަދު ޝަރުހާން
ރިޝްވަތު ދިނުމުގެ ދައުވާ
ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ދައުލަތުން ދެކޮޅު!
ދައުލަތުން ބުނަނީ ފަސްކޮށްފިނަމަ ހެކިން ހާޒިރުކުރަން ދަތިވާނެ ކަމަށް
ފާރިސްގެ ފަރާތުން ބުނަނީ ހައިކޯޓުގެ ނިންމުން ތަފާތުވެއްޖެނަމަ އަގު ވެއްޓޭނެ ކަމަށް
ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާއިރު، ރިޝްވަތު ދިން ދުވަހެއް ދައުލަތަށް ނޭނގޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ރިޝްވަތުދިނުމުގެ ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދައުލަތުން ދެކޮޅު ހަދައިފި އެވެ.

މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން އެދުނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ތިން ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ، އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ޝަރީއަތް މަޑުޖައްސާލުމަށެވެ. އެގޮތުން، ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށާއި، ފާރިސްއަށް ކުރާ ދައުވާ ސައްޚަ ކަމަށް ނިންމި ނިންމުމުގެ އިތުރުން، މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސެޕްޓެމްބަރު 25 ވަނަ ދުވަހު ނިންމި ނިންމުން ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށްދަނީ، ސެޕްޓެމްބަރު 25 ގެ ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށެވެ. އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ހައިކޯޓުން ކުރާ ހުކުމް ކްރިމިނަލް ކޯޓުގެ ނިންމުމާ ތަފާތުވެއްޖެނަމަ، ކުރިއަށްދާ ހުރިހާ މަރުހަލާތަކެއް ބާތިލްވާނެކަން މައުމޫން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހައިކޯޓުގެ ހުކުމް ތަފާތުވެއްޖެނަމަ އަގުވެއްޓިގެންދާނީ ހަމައެކަނި ކްރިމިނަލް ކޯޓުގެ ނޫން ކަމަށާއި މުޅި އަދުލު އިންސާފުގެ ދާއިރާގެ އަގު ވެއްޓިގެންދާނެ ކަމަށެވެ. 

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ބައްލަވާ ބެންޗު ބަދަލުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައިކޯޓުގައި ކުރިއަށްދާ މައްސަލަަ މަޑުޖައްސާލިކަން މައުމޫން ފާހަގަކުރެއްވި އެވެ. އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ހައިކޯޓުން ކަނޑައަޅާ އިޖުރާއަތްތައް ސުޕްރީމް ކޯޓުން ބާތިލްނުކުރާނަމަ ދަށު ކޯޓުތަކުން އެ އިޖުރާއަތުތަކަށް ތަބާވުން ލާޒިމްވެގެންވާ ކަމަށެވެ.

ފާރިސްގެ ފަރާތުން ޝަރީއަތް މަޑުޖައްސާލަން އެދުމުން ދައުލަތުގެ ވަކީލާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އަޑުއެހުންތައް ފަސްކޮށްފިނަމަ ހެކިން ހާޒިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ފާރިސްގެ މަސްލަހަތަށް ވުރެ މުޅި މުޖުތަމައުގެ މަސްލަހަތު ބޮޑުވާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ދައުވާގެ ލިޔެކިޔުން ހަވާލުކުރާ ތާރީޚުން ފެށިގެން 70 ދުވަހުގެ ތެރޭގައި މައްސަލައިގެ ޝަރީއަތް ފަށަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ވަކީލާ ވިދާޅުވީ އަޑުއެހުންތައް ފަސްކޮށްފިނަމަ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައިގެންދާނެ ކަމަށެވެ. ފާރިސްގެ މައްސަލައިގައި ލިޔުންތައް ހަވާލުކުރީ އޯގަސްޓް 28 ވަނަ ދުވަހުކަން ފާހަގަކުރައްވާ ވަކީލާ ވިދާޅުވީ ލަސްވެގެން ނޮވެމްބަރު 5 ވަނަ ދުވަހު ޝަރީއަތް ފަށަންޖެހޭނެ ކަމަށެވެ.

ޝަރީއަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް  ނިންމާލަން ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި މައުމޫން ހަމީދު ވިދާޅުވީ "ނޮވެމްބަރު 11 އަށް ނޫނީ 17 އަށް ހުކުމެއް ކުރަން ޖެހެނީ" ކަމަށް ވެދާނެ ކަމަށެވެ. 

އެ މުއްދަތު ފާއިތުވާފަހުން ޝަރީއަތް ފެށުމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިބްތިދާއީ އަޑުއެހުން ނިންމައި ޝަރީއަތް ފަށަންޖެހޭ ދުވަސް ގުނުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހަޅަންދާ މުއްދަތު ނުގުނާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެހެންކަމުން ނޮވެމްބަރު 5 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ޝަރީއަތް ފެށިޔަސް އެއީ ގާނޫނާ ޚިލާފު ކަމަކަށް ނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ވަނީ ހެކި ހާމަކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. އެ ހުށަހެޅުމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ދޫކުރެވެން ހުރި ލިޔުންތައް ދޫކޮށްފައިވާ ކަމަށާއި އަދި ހާމަކުރަން އެދުނު ބައެއް ލިޔުންތައް ދެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ހޯދަން އެދުނު އެހެން ލިޔުންތައް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި އެ ލިޔުންތައް ދައުލަތާ ފުލުހުން ހިއްސާ ކޮށްފައި ވެސް ނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. 

ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންތަކުގެ ތެރޭގައި ސިއްރު ހެއްކަކު ހިމެނޭއިރު، ބައެއް ބަޔާންތައް ހާމަކޮށްފިނަމަ ސިއްރު ހެކީގެ އައިޑެންޓިޓީ ހާމަވެދާނެ ކަމަށެވެ. އެކަން ފާހަގަކޮށް ދައުލަތުން ވަނީ އެ ބަޔާންތައް ހާމަކުރުމަށް ދެކޮޅު ހަދާފަ އެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ވަނީ، ސިއްރު ހެކި ބިރު ގަންނަނީ ފާރިސްއާ ހަތަރު ކަޅި ހަމަވެދާނެތީތޯ ސުވާލު ކުރައްވާފަ އެވެ. ފާރިސްގެ ނަޒަރުގައި ހުރީ ކޮން ބިރުވެރިކަމެއްތޯ ވެސް މައުމޫން ސުވާލުކުރެއްވި އެވެ.

ސިއްރު ހެއްކަކީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނާ މަޖިލިސް މެންބަރެވެ. އެ މެންބަރަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ ދުވަހެއް ދައުލަތަށް ބުނެދެވިފައެއް ނުވެ އެވެ. ދައުލަތުން ބުނަނީ އޭޕްރީލް 10 ގެ ފަހުން ދުވަހެއްގައި ރިޝްވަތު ދިން ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން 23 ކަމެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ވާހަކަ ދައްކައި ނިމުނީ ނުވަ ކަމަކާ ގުޅޭ ގޮތުންނެވެ. ބާކީ ހުރި ކަންތައްތަކާ ގުޅޭ ގޮތުން ދެފަރާތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން އޮންނާނީ ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 16:29
އަހުމަދު
މިއަދު ދައުލަތުގެ ވަކީލުންނަކީ މަގާމާއި ފައިސާއަށް ދަހިވެތި ރައްޔިތުންނަ ގައްދާރުވެ ގާނޫނާއި އިންސާފަށް ދެކޮޅު ހަނދާ އަނިޔާވެރި ބައެކެވެ. އެ ވަކީލުން ގާނޫނާއި ގާނޫނު ތަކަށް އަމަލުކުރާނަމަ ރައްޔިތު މީހާއަށް އަނިޔާވެރި ވުމަކަށް ވާކާލާތު ނުކުރާނެއެވެ. އަދި އެ ރައްޔިތު މީހާއަށް ވެސް ގާނޫނުން ލިބިދޭ އެންމެ ބޮޑު ލުޔެއް އެދެން ވެސް އެދޭނެއެވެ. އެހެން ނަމަވެސް މިގައުމުގެ ދައުލަތުގެ ވަކީލުން ދެކެނީ ދައުވާ ލިބޭފަރަތަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށާއި އެވަކީލު ގަދަކަމާއި މޮޅުކަން އަނިޔާކޮށް ދެއްކުމަށެވެ. އެ ވަކީލުން މާތްﷲ ގައްދީ ހުވާކޮށް އެ ހުވާމަތީން ހަނދާނެތި ފައިސާ ފައިސާ ފައިސާ މަގާމު މަގާމު މަގާމު ގެ ދަހިވެތިކަން ބޭނުން ވެގެންނެވެ. މީ ހަގީގަތެވެ. ރައްޔިތުން ގަބޫލު ކުރާގޮތެވެ.