ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 14:19
ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް
ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް
މުހައްމަދު ފަޒީން
ބ. ކަމަދޫ
ތެޔޮވަހާހެދި ކަމަދޫ ސްކޫލް ބަންދު ކޮށްފި
މުޅި ކަމަދޫއަށް ތެލުގެ ވަސްގަނޑު، ގެއިން ބޭރަށް ނިކުމެވޭވަރެއް ނޫން
ސްކޫލް ވެސް ބަންދުކޮށްފައި
ފަރަށް އެރިތާ މިއަދަށް ތިން ދުވަސް، ކައިރި ރިސޯޓްތަކަށް ވެސް އޭގެ އަސަރުކޮށްފި

ބ. ކެންދޫ ފަޅުތެރޭގައި އޮއްވާ އަލިފާން ރޯވި ތެޔޮ ބޯޓް، އެއަތޮޅު ކަމަދޫ ފަރަށް އެރުމާއި ގުޅިގެން، ތެލުގެ ވަހާ ހެދި އެ ރަށު ސްކޫލް ވެސް ބަންދު ކުރަންޖެހިއްޖެ އެވެ.

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މީގެ ތިން ދުވަސް ކުރިން އެރަށު ފަރަށް އެރި ތެޔޮ ބޯޓުން ތެޔޮ ލީކުވެ، އަދި ތެލުގެ ވަސް މުޅި ރަށުތެރޭގައި ފެތުރިފައި ވާތީ ރަށަށް ވަރަށް ބޮޑު ނުރައްކަލަކާއި ދަތިތަކެއް ވަމުންދާ ކަމަށެވެ.

ސާޖިދު ވިދާޅުވީ ރަށު ތެރޭގައި ތެލުގެވަސް ގަދަކަމުން ބުރާސްފަތި ދުވަހުގެ 11:30 އިން ފެށިގެން ކަމަދޫ ސްކޫލް ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މުޅި ރަށުތެރޭގައި ތެލުގެ ވަސް ވަރަށްގަދަ ކަމަށާއި އެކަމާހެދި ރައްޔިތުންނަށް ގެއިން ބޭރަށް ނިކުތުމަށް ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށެވެ.

ސާޖިދު ވިދާޅުވީ ތެޔޮ ވަސް ގަދަކަމުން ބައެއް މީހުން ބޮލަށް އެނބުރުން އަރާގޮތް ވެސް ވެފައިވާ ކަމަށެވެ.

ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް

މީގެއިތުރުން ސާޖިދު ވިދާޅުވީ އެ ސަރަހައްދަކީ ބ. އަތޮޅުގައި އޮންނަ ބަޔޯސްފިޔާ ރިޒާރވް އޮންނަ ސަރަހައްދުކަމުން ތެލުގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށެވެ.

ކަމަދޫ ކައިރިގައި އޮންނަ މިލާދޫ ރިސޯޓުންނާއި ފޯސީޒަން ލަނޑާގިރާވަރުން ރިސޯޓުން ވެސް އެ ރިސޯޓްތަކުގެ ފަޅު ތެރޭގައި ތެލުގެ އަސަރު ހުރުމުން ވެގެން އުޅޭގޮތް ކަމަދޫއަށް ގުޅައިގެން އޮޅުން ފިލުވާފައިވާ ކަމަށެވެ.

ސާޖިދު ވިދާޅުވީ އެ ތެޔޮ ބޯޓު ކައިރީގައި އެމްއެންޑީއެެފްގެ ކޯސްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށާއި ނަމަވެސް އަދި ފުން ކުރެވިފައި ނުވާ ކަމަށެވެ. ނަަމަވެސް ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސާޖިދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްއެންޑިއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ސާޖިދު ވިދާޅުވީ އެއީ ކެންދޫ ފަޅުގައި އޮއްވާ ރޯވި ތެޔޮ ބޯޓް ކަމަށާއި އެ ބޯޓު އެހެންތަނަކަށް ގެންދިއުމުގެ ތެރޭގައި ކަމަދޫ ފަރަށް އެރީ ކަމަށެވެ.

ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް

އެ ބޯޓަކީ "ޔޫ ފިލް" ނަމަކަށް ކިޔާ ކުންފުންޏެއްގެ "ގަލްފު" ނަމަކަށް ކިޔާ  ތެޔޮ ބޯޓެކެވެ. ކެންދޫ ފަޅުގައި އޮއްވާ އެބޯޓުގައި ރޯވުމާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައި ވަނީ އެ ބޯޓުން ތެޔޮ ލީކުވަމުން ދާތީ، ޑައިވަރުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ސްޕީޑުގައި އެކަން ނުކުރެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އަޑިޔަށް ދިޔަ ތެޔޮ ބޯޓުން ލީކުވަނީ ޕެޓްރޯލް ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި މިހާދިސާގެ މައުލޫމާތު އޮކްޓޯބަރު 20 ވަނަ ދުވަހު 09:35 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. ނައިފަރު ފަޔަރ ސްޓޭޝަން ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވި ކަމަށް ބުނެފައެވެ.  މިހާދިސާ ހިނގިއިރު އެބޯޓްގައި ތިބީ ދެ ދިވެއްސަކާއި ބަންގްލަދޭޝް މީހަކާއެކު ޖުމްލަ ތިން މީހުންނެވެ. މިހާދިސާގައި ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހާއަށް ވަނީ އަނިޔާވެފައެވެ. މިގޮތުން އޭނާގެ ހަށިގަނޑުގެ 40 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ކެންދޫ ބީޗްގައި ހުރި ފީފާތަކަށް ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. މިބޯޓްގައި ޖުމްލަ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލް ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް