ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 12:24
ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ސަޕްލިމެންޓްރީ ބަޖެޓް
ސަރުކާރުން ހުށަހެޅި ބަޖެޓަށް "ބަހުސްކޮށްލާނެ" މެމްބަރެއް މިއަދުގެ ޖަލްސާގައި ނެތް!
އިދިކޮޅު މެމްބަރުން ވަނީ އިއްޔެ ޖަލްސާއާއި މިއަދުގެ ޖަލްސާވެސް ބޮއިކޮޓް ކޮށްފަ
އިބްތިދާއީ ބަހުސްގައި ބައިވެރިވީ އެންމެ 14 މެމްބަރުން
ބަޖެޓް ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވާނެ މެމްބަރެއް ނުވި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަށް އެއްވެސް ވެސް މެމްބަރަކު ބަހުސް ކުރުމަށް އެދިނުލެއްވުމުން ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާ ނިންމާލައިފި އެވެ.

ބަޖެޓް ދިރާސާ ކުރާ ބަޖެޓް ކޮމެޓީން ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކޮށް ނިންމާ، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބުދަ ދުވަހު އެކޮމެޓީން ބޭއްވި ބައްދަލުވުމުގަ އެވެ. އަދި ކޮމެޓީގެ އެ ރިޕޯޓް، ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން ބަޖެޓް ކޮމެޓީގެ މުގައްރިރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވަނީ ކޮމެޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާ ދެއްވާފަ އެވެ. 

ސަޕްލިމެންޓްރީ ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމަށް ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބަހުސް ކުރުމަށް ދެއްވާފައިވަނީ ކޮންމެ މެމްބަރަކަށް ވެސް ތިން މިނެޓްގެ ފުރުސަތެކެވެ. ނަމަވެސް އެއްވެސް މެމްބަރަކު ބަޖެޓަށް ބަހުސް ކުރެއްވުމަށް ފުރުސަތަކަށް އެދިވަޑައިގަންނަވާފައި ނުވުމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާ ނިމުނު ކަމަށް އިއުލާން ކުރައްވާފަ އެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާ ފަށާފައިވަނީ 28 މެމްބަރުންނާއެކުގަ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އެ 28 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ބަޖެޓަށް ބަހުސް ކުރައްވަން ބޭނުންފުޅު ނުވިއެވެ. އަދި  ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބަޖެޓްގެ އިބްތިދާއީ ބަހުސް މަރުހަލާގައިވެސް ބަޖެޓަށް ބަހުސް ކުރަށްވާފައި ވަނީ ވެސް އެންމެ 14 މެމްބަރުންނެވެ. 

ބުދަ ދުވަހުގެ ޖަލްސާއެކޭ އެއްގޮތަށް ބުރާސަފަތި ދުވަހުގެ ޖަލްސާވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. 

 

ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާ ކުރިއިރު، ސަޕްލިމެންޓަރީ ބަޖެޓާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި  އޮޑިޓަރ ޖެނަރަލްގެ ލަފާފުޅެއް ލިޔުމުން ހޯއްދަވާފައިވާ ކަމަށާއި އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކޮމެޓީއަށް ހާޒިރުކޮށް ބަޖެޓާއި އަދި ރާއްޖޭގެ އިގްތިޞާދާ ގުޅޭގޮތުން ކަންކަން އޮޅުންފިލުވުމަށް މެމްބަރުންނަށް ފުރުސަތު ދެއްވާފައިވާ ކަމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު ނިހާނު ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ބަޖެޓް ކޮމެޓީ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ވަޑައިގެން ވިދާޅުވެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ދަށުން ސަރުކާރުން ހިންގަންރާވާފައިވާ މަޝްރޫއުއިން 500 މިލިއަން ޑޮލަރު ނުލިބިފައި ތާށިވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް ބޮޑުކަމުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޖެހިލުންވުން ކަމަށެވެ. 

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވަނީ ހުށަހަޅުއްވައިދެއްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް