ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 19:19
ވެލާނާގެ އިމާރާތް
ވެލާނާގެ އިމާރާތް
މުހައްމަދު ޝަރުހާން
ސިވިލް ސަރވިސް ކޮމިޝަން
ސިވިލް ސަރވިސް އިސްފަންތީގެ މުވައްޒަފުންނަކީ ޑިޕްލޮމާ ފެންވަރުގެ މުވައްޒަފުންނަށް ހަދަނީ
މި ސިޔާސަތައް އަމަލު ކުރަނީ އަންނަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން
ޑިޕްލޮމާ ނެތް މުވައްޒަފުންނަށް 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިއަލަށް ޑިޕްލޮމާ ހާސިލް ކުރުމަށް ފުރުސަތު ދެނީ
އެ މުއްދަތުގެ ތެރޭގައި ޑިޕްލޮމާ ނެތް މުވައްޒަފުން ވަކި ކުރެވޭނެ

ސިވިލް ސަރވިސް މުވައްފަޒުންގެ ތެރެއިން އިސް ފަންތީގައި މަސައްކަތް ކުރާ ފަރާތްތަކަކީ ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮންނަންޖެހޭނެ ބަޔަކަށް ހެދުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަނުން ފަށައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތި ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަކީ ވަކި ފެންވަރަކަށް ތަމްރީނުވެފައިވާ ބައެއް ކަމަށް ކަނޑައެޅުމުގެ ސިޔާސަތެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ.

އެގޮތުން މިފަދަ ސިޔާސަތެއް އެކުލަވާލުމުގެ ބޭނުމަކީ ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމައި  މުވައްޒަފުންނަކީ ހުނަރާއި ގާބިލް ކަން ލިބިފައިވާ މުވައްޒަފުންނަށް ހެދުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި ޒަމާނީކޮށް ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތާއި ހުނަރު ލިބިފައިވާ އީޖާދީ، އިޖާބީ މުވައްޒަފުންނަށް ހެދުން ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި ސިޔާސަތުގެ ދަށުން އިސްފަންތީގެ މުވައްޒަފުންނަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލު ކުރާ ޑިޕްލޮމާ (ލެވެލް 5) ފެންވަރުގެ ސަނަދެއް އޮންނަންޖެހޭ ބަޔަކަށް ވާންޖެހެ އެވެ.

 ސިވިލް ސަރވިސް އިސް މުވައްޒަފުންނަކީ މިޑްލް މެނޭޖްމެންޓް ސަރވިސް އަދި ސީނިއަރ ސިވިލް ސަރވިސް ކެޓަގަރީގައި މަސައްކަތް ކުރާ ފަރާތްތަކެވެ.

މި ސިޔާސަތައް އަމަލު ކުރަން ފެށުމާ އެކު ސިވިލް ސަރވިސްގެ އިސް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަށްވެގެން ޑިޕްލޮމާއެއް ނެތް ފަރާތްތައް ކަނޑައެޅިފައިވާ ފެންވަރުގެ ތަމްރީނެއް އެ މުއްދަތުގެ ތެރޭގައި ހާސިލް ކުރަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މިގޮތަށް ތަމްރީނު ހާސިލް ކުރުމަށް މި ސިޔާސަތުގައި ބަަޔާންކުރާ ފެންވަރުގެ ތަމްރީނެއް ފުރިހަމަ ކުރުމަށް، މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 20 މަސް ދުވަސް ދޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އިސްފަންތީގެ މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އެމްއެސް 3 ރޭންކު ނުވަތަ އެ ފެންވަރުގައި ދަރަަޖަކުރާ މަގާމުތަކާއި އެ ރޭންކަށް ވުރެ މަތީ ރޭންކުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން  ދައްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތްތަކަށް 20 މަސް ދުވަސް އެފެންވަރަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން ތަމްރީނު ވުމަށް އުޒުރުވެރިވާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެެވެ.

މި ސިޔާސަތައް އަމަލު ކުރަން ފަށަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ނޮވެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ( 31 ޖެނުއަރީ 2018) ސިވިލް ސަރވިސްގެ ގަވައިދު 2014 ގެ 228 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކި ކުރުމަށް  އެދި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖޫން ކަނޑައަޅާފައިވާ ފެންވަރުގެ ސަނަދެއް ހާސިލު ނުކުރާ ފަރާތައް ސިވިލް ސަރވިސްގެ ގަވައިދު 2014 ގެ 103 ވަނަ މާއްދާގެ (ރ)ގެ ހަތަރު ވަނަ މާއްދާ އާއި އެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ)ގެ ދެވަނަ މައްދާގެ ދަށުން ވަޒީފާއިން ވަކި ކުރެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެ މުވައްޒަފުންނަށް އިތުރު އެއްވެސް ނޯޓިސްއެއް ނުދެވޭނެ ކަަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް