ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 14:15
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
ސަރުކާރުން ހުށަހަޅާފައިވަނީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް
ބަޖެޓްގެ ބޮޑުބައި ކަނޑައަޅާފައި ވަނީ އެންސްޕާއާއި އާސަންދައަށް، 330 މިލިއަން ރުފިޔާ
ބައި-އިލެކްޝަންތަކަށް 26 މިލިއަން ރުފިޔާ

އަހަރު ނިމެން ދެ މަސްދުވަހަށް ކައިރިވެފައިވަނިކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ބަހުސް ކުރުމަށް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީވެސް ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން އެކަންޏެވެ. 

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވަނީ ހުށަހަޅުއްވައިދެއްވާފަ އެވެ. 

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓްގައި  ޚަރަދުގެ ގޮތުގައި ހިމަނާފައި ވަނީ ސިއްޚީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓް ހިނގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ، ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

މި ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑުބައެއް މިއަހަރު ތެރޭގައި ލިބޭނެކަމަށް ނުފެންނާތީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށްވެސް ސަޕްލިމެންޓަރީ ބަޖެޓްގައި ވަނީ ހުށަހަޅާފައެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.

- ކޮމެންޓް