ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 13:58
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާ ކުރާ މާލަމުގައި (ފައިލް ފޮޓޯ)
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާ ކުރާ މާލަމުގައި (ފައިލް ފޮޓޯ)
ޕީޕަލް މެގަޒިން
މަޖިލިސް ކޮމެޓީ
މެމްބަރުންގެ ހެލްތު އިންޝުއަރެންސް މައްސަލައިގައި ބާއްވާ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި
ކޮމެޓީގެ ބައްދަލުވުން ސިއްރުކުރި ސަބަބު ވަނީ ސާފުވާގޮތް ނުވެފައި
ކޮމެޓީގެ އެޖެންޑާގައި ވަނީ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުން
ސަރުކާރުގެ އިސްވެރިންނަށް ހެލްތް އިންޝުއަރެންސް ދެނީ އެލައިޑުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް މައްސަލާގައި އާއްމު ކޮމެޓީން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފި އެވެ.

އަންގާރަ ދުވަހު އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނީ އެލައިޑް އިންޝުއަރެންސްއިން މެމްބަރުންނަށް ފޯރުކޮށްދޭ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ދިނުމާ ގުޅޭ އެއްބަސްވުމާ އެއްގޮތަށް ހިދްމަތް ލިބެމުން ނުދާތީ އެކަމާގުޅޭ ގޮތުން މެމްބަރުން މަޝްވަރާ ކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި މެމްބަރުންނަށް ވާހަކަ ދެއްކުމަށް އެރުވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ މައްސަލައެވެ.

އާއްމު ކޮމެޓީން، މީޑިއާތައް އެކޮމެޓީއަށް ނުވައްދަން ނިންމިއިރު، އެގޮތަށް ނިންމި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ. 

އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް ސަރުކާރުން މިވަނީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ. ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މަޖިލީހުން އިއުލާން ކުރެއެވެ. އަދި ކޮންމެ އަހަރަކު ވެސް އާ އެއްބަސްވުންތަކެއް ހަދަމުންދާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ އެލައިޑް އިންޝުއަރެންސާއެވެ. 

މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައަޅަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދިރާސާ ކުރުމަށްފަހުގަ އެވެ.

މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައެޅުމަށް މިދިއަ އަހަރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުމުގައި ވެސް ގިނަ މެމްބަރުން ވަނީ އެލައިޑުން އެކަށީގެންވާ ގޮތެއްގައި ހިދްމަތް ފޯރުކޮށް ނުދޭކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެހެން ނަމަކަށް އެހިދްމަތް ބޭނުންނުވާ ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ވަނީ އެލައިޑް އިންޝުއަރެންސްގެ ހިދްމަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ނަމަވެސް އެލައިޑުން ހުށަހަޅާފައިވާ ހެލްތް އިންޝުއަރެންސް ޕެކޭޖް ރަނގަޅު ކަމަށް ބުނެ އެއްބަސްވުމަކަށް އައިސްފައި ވަނީ ވެސް އެލައިޑް އިންޝުއަރެންސާއެކުގަ އެވެ. 

އެ ޕެކޭޖްގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ބޭސްފަރުވާކުރެވެ އެވެ.

ދައުލަތުގެ ހުރިހާ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ އެލައިޑުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް