ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 11:59
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނިހާނު (ކަނާތްފަރާތުން ދެވަނައަށް)
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނިހާނު (ކަނާތްފަރާތުން ދެވަނައަށް)
ޕީޕަލް މެގަޒިން
އޮޑިޓް އޮފީސް ބަޖެޓް
އަންނަ އަހަރަށް އޮޑިޓް އޮފީހަށް ބޭނުންވާ 50.5 މިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
މިއަހަރަށް ފާސްކުރީ 45 މިލިއަން ރުފިޔާ، އަންނަ އަހަރަށް 50.5 މިލިއަން ރުފިޔާ
މިއަހަރަށް ފާސްކުރި ބަޖެޓްގެ އިތުރުން ދެ މިލިއަން ރުފިޔާ ދީފައިވޭ
އޮޑިޓް އޮފީހުގެ ބަޖެޓަކީ މާލިއްޔަތު ކޮމެޓީން ދިރާސާކުރަންޖެހޭ އަދި މަޖިލީހުން ފާސްކުރަންޖެހޭ ބަޖެޓެއް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް އެ އޮފީހުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުން ނެވެ. އިދިކޮޅި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނެވުމުން މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި އިހުތިޖާޖު ކުރައްވަމުންނެވެ. 

ނިޒާމު ގެއްލިފައިވާ އެޖަލްސާ މަސީހު ކުރިއަށް ގެންދެވިއިރު، އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫން ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ބުނެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމަށް ތަކުރާރުކޮށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދިޔައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓް އޮފީހަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ކަމަށްވާ 50،599،995.00ރ، އެ އޮފީހުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފައި ވަނީ އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުގެ އިއްތިފާގުންނެވެ. އޮޑިޓް އޮފީހުގެ އެ ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވެސް ދެ ކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެެވެ.

ހިނގަމުންދާ 2017 ވަނަ އަހަރު އޮޑިޓް އޮފީހަށް 45 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އިތުރަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ އޮޑިޓް އޮފީހުގެ ބަޖެޓްގައި އިތުރުވެފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ. 

އޮޑިޓް އޮފީހުގެ ބަޖެޓާ ގުޅިގެން މައިގަނޑު ގޮތެއްގައި މެމްބަރުން ވެސް ވިދާޅުވެފައި ވަނީ އަހަރުން އަހަރަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުންދާއިރު، އޮޑިޓް އޮފީހުގެ ބަޖެޓްގައި ކަންބޮޑުވާކަމެއް ނެތް ކަމަށެވެ. މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު އަންނަ އަހަރަށް ބޮޑުވެފައި ވަނީ މުވައްޒަފުންގެ މުސާރައާއި ދަތުރުފަތު ކުރުމުގެ ޚަރަދު އެކަނި ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މީގެއިތުރުން މެމްބަރުން ވިދާޅުވެފައި ވަނީ އޮޑިޓް އޮފީހުން އެކަށީގެންވާ  ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ. 

އޮޑިޓް އޮފީހުން މިހާތަނަށް 627 އޮޑިޓް ރިޕޯޓެއް ނިންމާފައިވާއިރު، މިއަހަރުގެ މިހާތަނަށް 78 އޮޑިޓް ރިޕޯޓް ނިންމާފައިވެ އެވެ. 

އޮޑިޓް އޮފީހަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޖަވާބުދާރީވާންޖެހޭ ކޮމެޓީ އެކެވެ. އަދި އޮޑިޓް އޮފީހުން ނިންމާ ރިޕޯޓްތައް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި އޮޑިޓް ރިޕޯޓް ތަކުގައިވާ ކަންކަން ތަންފީޒު ކުރުމަކީ މާލިއްޔަތު ކޮމެޓީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެކެވެ. 

މީގެ އިތުރުން އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމަކީ ވެސް މާލިއްޔަތު ކޮމެޓީން ނިންމަންޖެހޭ  ކަމެކެވެ. 

މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ ނުވަ ވަނަ ދުވަހު ފަށާފައިވާއިރު، މި ދައުރުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި، ފާސްކުރުމުގެ މަސައްކަތެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީ މަސަކަތް ކުރަމުންދާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާއިރު، މި އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް މަޖިލީހަށް މިވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ.

އާއްމު އުސޫލުން ބަޖެޓް ދިރާސާ ކުރަނީ މާލިއްޔަތު ކޮމެޓީއާއި އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާ ބަޖެޓް ކޮމެޓީން ނެވެ. 

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް