ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 11:10
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ސަޕްލިމެންޓަރީ ބަޖެޓް
493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިފި
ސިއްޚީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ
މި ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެ

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ހުށަހަޅުއްވައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓްގައި  ޚަރަދުގެ ގޮތުގައި ހިމަނާފައި ވަނީ ސިއްޚީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓް ހިނގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ، ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

މި ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑުބައެއް މިއަހަރު ތެރޭގައި ލިބޭނެކަމަށް ނުފެންނާތީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށްވެސް ސަޕްލިމެންޓަރީ ބަޖެޓްގައި ވަނީ ހުށަހަޅާފައެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.

- ކޮމެންޓް