ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 10:45
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ސަޕްލިމެންޓަރީ ބަޖެޓް
ސަޕްލިމެންޓްރީ ބަޖެޓް: ބައި-އިލެކްޝަންތަކަށް 26 މިލިއަން ރުފިޔާ ހުށަހަޅައިފި
ގާނޫނުގައި ބުނަނީ ގޮނޑި ގެއްލޭތާ 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބު ކުރަން ޖެހޭކަމަށް
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާއިރު، 60 ދުވަހުގެ އެ މުއްދަތު ވަނީ ފާއިތުވެފައި
ސަރުކާރުން ދަނީ ބައި-އިލެކްޝަންތަކަށް ކެމްޕެއިން ކުރަމުން

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮނޑިތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނައިފި އެވެ. 

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓަށް ވުރެ ޚަރަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެ ޚަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރަށް އިތުރު 493 މިލިއަން ރުފިޔާގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވިގޮތުގައި މިބެޖެޓްގެ މައިގަނޑު ބޮޑުބައެއް ޙަރަދު ކުރުމަށް ކަނޑައަޅަފައިވާ ދާއިރާއަކީ އެންސްޕާއާއި އާސަންދައިގެ ދަށުން ފޯރުކޮށްދޭ ސިއްހީ ނިޒާމަށް ކަމަށެވެ. 

ސަޕްލިމެންޓްރީ ބަޖެޓްގައި 26 މިލިއަން ރުފިޔާގެ ބަޖެޓް ބައި-އިލެކްޝަންތައް ކަނޑައަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 7  މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން ބައި-އިލެކްޝަންތައް ބޭއްވުމަށް ގާނޫނު ބުނާ 60 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ފައިސާ ނެތިގެން ކަމަށްބުނެ ބައިލެކްޝަންތައް ވަނީ ބޭއްވޭގޮތް ނުވެފަ އެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ:

1. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު

2. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް

3. މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

4. ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމު

5. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

6. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

7. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު

މީގެތެރިން ތުލުސްދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އަދި ވިލިނގިލި ދާއިރާގެ ބައި އިލެކްޝަންތައް ބާއްވަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި އެ ތިން ދާއިރާގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް