އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ރާއްޖެ ނުދެކޭހާ އަނދިރި ދުވަސްތަކެއް މިއަދު ދަނީ ފެންނަމުންނެވެ. މުޅި ދައުލަތުގެ މުވައްސަސާތައް ފެއިލްވެފައިވާ ކަމުގެ ހެކިތައް ބަލާލި ކޮންމެ ދިމާލަކުން ދަނީ ދަނީ ފެންނަމުންނެވެ. މި ހާލަތުގައި ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2018 ވަނަ އަހަރު އިންތިގާލީ ވެރިކަމެއް ގާއިމު ކުރުމަށް ގޮވާލައްވާފަ އެވެ. ސުވާލަކީ އިންތިގާލީ ވެރިކަމަކަށް ދާން ޖެހޭތޯ އެވެ.
އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އެއްބަސްވާ ކެނޑިޑޭޓަކާއެކު ރިޔާސީ އިންތިހާބަށް ނިކުތުމުގެ މުހިންމު ކަން ބޮޑެވެ. އެކަން ގަބޫލު ކުރައްވާ ބޭފުޅުން ދެކޭ ގޮތުގައި އޭގެ އެންމެ ބޮޑު ސަބަބަކީ މިހާރުގެ ވެރިކަން ކޮންމެހެން ބަދަކުރާން ޖެހުމެވެ. މިހާރުގެ ހާލަތު އޮތް ގޮތުން އެއްވެސް ޕާޓީއަކަށް އެ ޕާޓީން އެންމެ ބޭނުންވާ ކެންޑިޑޭޓެއް ނެރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެ ޕާޓީއަކަށް ކެނޑިޑޭޓެއް ނެރެވިދާނެ އެވެ. އެހެން ނަމަވެސް އެއީ އެ ޕާޓީގެ އެންމެ ތާއީދު ކުރާ ކެނޑިޑޭޓަށް ނުވެދާނެ އެވެ. ނަތީޖާ އަކަށްވާނީ ކޮންމެ ޕާޓީއަކުން އެ ޕާޓީއަށް ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި އުޅެން ހަދައިގެން އަނެއްކާވެސް މިހާރުގެ ވެރިކަން ދެމިގެންދިއުމެވެ. އޭގެ ބަދަލުގައި ހުރިހާ އިދިކޮޅު ފަރާތްތަކުން އެއްބަސްވާ ކެނޑިޑޭޓަކާއެކު ނިކުމެ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އެ ޕާޓީން ބޭނުންވާ ކެންޑިޑޭޓެއް ނެރެވޭނެ ސިޔާސީ މިނިވަން މާހައުލަކަށް ރާއްޖެ ގެންދިއުން މުހިންމެވެ. އެމްޑީޕީން ރައީސް ނަޝީދު ކަމަށްވަންޏާ އެމަނިކުފާނެވެ. ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް ކަމަށްވަންޏާ އެމަނިކުފާނެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކަމަށްވަންޏާ އެ ބޭފުޅާއަށްވެސް ވެރިކަމަށް ކުރިމަތިލެވެންޖެހޭނެއެވެ. ސިޔާސީ މިނިވަން މާ ހައުލެއް ބޭއްވޭނެ ވެރިކަމެއް ގާއިމު ކުރަން ޖެހޭނެ އެވެ.
ވަކި ސިޔާސީ ޕާޓީއަކުން ވެރިކަމަށް އައިސް ވެރިކަން ކުރެވޭނެ ހާލަތައް ވުރެ ދައުލަތުގެ ނިޒާމްތައް ހަމައިން ނެއްޓިފައިވާލެއް ބޮޑެވެ. ސަރުކާރެއް ހިންގަން ފަސޭހަ ނުވާނެ ފަދަ ވަރަށް ޝަރުއީ ދާއިރާ އޮތީ ވަކި ފަރާތެއްގެ މުށުދަށުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެން ކަމަށްވާނަމަ ވެރިކަމަށް އަންނަ ޕާޓީއަކުން އެކަނި އެކަން އިސްލާހް ކުރަން މަސައްކަތްކޮށްފި ނަމަ އެއީ އަނެއްކާ ވެސް އެ ސަރުކާރުގެ އަތްދަށަށް ޝަރުއީ ދާއިރާ ގެންދިއުމަށް ކުރާ ކަމެއްގެ ގޮތުގައި ބަޔަކު ސިފަ ކޮށްފާނެ އެވެ. އެހެން ކަމަށްވާނަމަ ގިނަ ސިޔާސީ ޕާޓީތަކުން އެއްބަސްވެ އުފެދިފައިވާ އިންތިގާލީ މަރުހާލެއްގައި އެކަން ކުރުމަކީ މަސްލަހަތައް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވެއެވެ.
އާ ސަރުކާރެއް އައި ނަމަވެސް މިހާރުވެސް ހިނގާ ރައްޔިތުންގެ މަޖިލިސް އޮންނާނެ އެވެ. އިންތިގާލީ ސަރުކާރެއް އުފެދި އެކަން ކަމާ ކުރިމަތިލައިގެން ނޫނީ ސަރުކާރެއް ހިންގާކަށް ފަސޭހައެއް ނުވާނެ އެވެ.
މިނިވަން މުވައްސަސާތައް ވެސް އޮތީ ވަކި ބޭފުޅަކު ކޮންޓްރޯލްކުރާ ތަނެއްގެ ގޮތުގައި ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. އެތަން ތަން މިނިވަންކަމާއެކު މަސައްކަތް ނުކޮށް އޮންނަތާ ކިތަންމެ ދުވަހެއް ފާއިތުވެއްޖެ އެވެ. އެ ކޮމިޝަންތައް މިނިވަންކަމާއެކު ހިނގާނެ ގޮތަށް ބަދަލުކޮށްގެން ނޫނީ ސަރުކާރަށް ކުރިއަށް ދެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
އިދިކޮޅު ހުރިހާ ފަރާތަކުން އެއް ކެނޑިޑޭޓަކު ނެރެފިނަމަ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މިހާރުގެ ވެރިކަމަށް ރައްޔިތުން ބޭނުން ނުވާކަން ތަފާސް ހިސާބުތަކުން އެނގެ އެވެ. ވެރިކަމަށް އައި ކޯލިޝަން ރޫޅުނުފަހުން ބޭއްވި އިންތިހާބުގެ ބޮޑު ޕަސެންޓެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ. މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި މޭޑޭގެ މުޒާހަރާއަކީ މި ސަރުކާރާ ދެކޮޅަށް ރައްޔިތުން ތިބިކަން ދައްކައިދޭ ކަންކަމެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުންގެ ބޮޑު ތާއީދެއް ދިނީ އޭރުގެ އެމްޑީޕީގެ ކެނޑީޑޭޓް ކުރީގެ ރައީސް ނަޝީދަށެވެ. އެހެން ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށް އަލުން އިންތިހާބުގައި ވޯޓުލާ، ދެ ވަނަ ބުރުގައި ވޯޓުލުމަށް އޮތް ތާރީހަށް ވުރެ ފަސްކޮށް ނެގި ވޯޓުގެ ނަތީޖާ އަކީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވި ގޮތަކަށްނޫނެވެ. އެފަދަ ގޮތަކަށް ނަތީޖާ މި ފަހަރު ވެސް ނިކުމެދާނެ ކަމުގެ ބިރު އެބަ އޮތެވެ.