ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 12:11
އީސަގެ 'ކަނޑު ކޮސް ކެޔޮޅު' - މި އަލްބަމްގައި ޖުމްލަ 8 ލަވަ ހިމެނޭ
އީސަގެ 'ކަނޑު ކޮސް ކެޔޮޅު' - މި އަލްބަމްގައި ޖުމްލަ 8 ލަވަ ހިމެނޭ
ރާއްޖެއެމްވީ
ދިވެހި މިއުޒިކް
އީސަގެ 'ކަނޑުކޮސް ކެޔޮޅު' ލަވަފޮށީގައި ރިލީޒްކޮށްފި
މިއީ އީސަގެ ފުރަތަމަ ސޯލޯ އަލްބަމް
އަލްބަމްގައި ޖުމްލަ 8 ލަވަ ހިމެނޭ
މި އަލްބަމްގެ ލަވަތަކުގެ ލިރިކްތައްވެސް ވަރަށް ތަފާތު ވެފައި ދިވެހި ވަންތަ

ދިވެހި މިއުޒިކީ ލެޖެންޑް، އަދި މި ޖީލުގެ އީސަދަރީގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރާ މޫސީގާރު، ޢަބްދުﷲ އީސަގެ ފުރަތަމަ ސޯލޯ އަލްބަމް ނެރެފިއެވެ.

'ކަނޑު ކޮސް ކެޔޮޅު'ގެ ނަން ދީފައިވާ މި އަލްބަމް ނެރެފައިވަނީ އޮކްޓޯބަރ 19 ވަނަ ދުވަހުގެރޭ، ދިވެހި އޮންލައިން މިއުޒިކް އެޕްލިކޭޝަން ލަވަފޮށީގައެވެ. ގިނަ ދުވަސްތަކަކަށްފަހު އީސަގެ އަޑު އާންމުންނާއި ހަމައަށް އިވިގެންދިޔައިރު، މި އަލްބަމަކީ، ދިވެހި އޮރިޖިނަލް މިއުޒިކް ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޑިންބާ މިއުޒިކް އާއި ގުޅިގެން އޭނާ ތައްޔާރުކޮށްފައިވާ އަލްބަމެކެވެ.

އަލްބަމްގައި ޖުމްލަ 8 ލަވަ ހިމެނޭއިރު، މީގެ ތެރޭގައި ހިމެނެނީ އީސަ އެކަނި ކިޔާފައިވާ 7 ލަވައާއި އީސަގެ އެންމެ މަޝްހޫރު އެއް ލަވަ ކަމުގައިވާ 'އިންސާނާ' ގެ ވަރޝަން އެކެވެ. އިންސާނާގެ މި ވަރޝަންގައި އީސަ އާއި އެކު ފުލޫ ނާޝިދުގެ ދަރިފުޅު، ނިޝް ނާޝިދު ވަނީ ފީޗަރ ކޮށްފައެވެ.

އަލްބަމްގައި ދެން ހިމެނޭ ލަވަތަކަކީ، އެ ގަރުދިޔަ ސަޅި، ވަޖިދު، ނަގިލި، ކިރިލި، ޒައިދޭ ނެތްތަ ރަތްމަހެއް އަދި ދޫނި ހާލީގެ އިތުރުން ކަނޑުކޮސް ކެޔޮޅެވެ.

މުޅި އަލްބަމްގައިވެސް މިއުޒިކީ ތީމެއްގެ ގޮތުގައި ގެންގުޅެފައިވަނީ ދިވެހި ފުލޯކް މިއުޒިކާއި ރެގޭގެ ފިއުޝަނެކެވެ. މި އަލްބަމްގެ ދިގުމިނަކީ 26 މިނެޓާއި 25 ސިކުންތެވެ. އަލްބަމްގެ ނަމާއި ގުޅޭގޮތަށް، އަލްބަމްގެ މައިގަނޑު ލިރިކަލް ތީމްވެސް ވަނީ ކަނޑުމައްޗާއި، މަސްވެރިކަމާއި ގުޅުވާލާފައެވެ.

އީސަގެ އާ ލަވަތަކެއް އެހުންތެރިންނާއި ހަމައަށް ގެނެސްދިންއިރު، މިހާތަނަށް އޭނާ ނެރެފައިވާ އެހެން ލަވަތަކެކޭވެސް އެއްގޮތަށް މި އަލްބަމްގެ ލަވަތަކުގެ ލިރިކްތައްވެސް ވަރަށް ތަފާތު ވެފައި ދިވެހި ވަންތައެވެ.

'ކަނޑު ކޮސް ކެޔޮޅު' ނެރުނުތާ ގިނަ އިރުތަކެއްނުވެ، ލަވަފޮށީގައި އެންމެ މަޤުބޫލު އަލްބަމްތަކުގެ ލިސްޓަށް މި އަލްބަމް ވަނީ އަރާފައެވެ.

- ކޮމެންޓް