ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބާއްވާ ކޮންމެ ޖަލްސާއަކަށް ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ދިއުމަށް މަޖުބޫރުކުރުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެއީ މިހާރު ޝައުޤުވެރި ވާހަކައެއް ވެސް ނޫނެވެ.
ތުޙުމަތުގެ އިނގިލި ދިއްކުރެވޭ ކޮންމެ ފަހަރަކު ޕީޕީއެމާއި ޚުދު ސަރުކާރުން ވެސް އެކަން ދޮގުކުރި ނަމަވެސް ހާޒިރީ މާކުކުރަން ހެދި ކުލަކުލައިގެ ކޫޕަންތަކާއި، ދޫކުރި ނަންބަރުތައް ދުށް އެތައް ހާސް ދިވެހިންނެއް އެބަތިއްބެވެ. ޖަލްސާގައި އެކިއެކި އޮފީސްތަކާއި ކުންފުނިތަކުގެ ޑިޕާޓްމަންޓްތަކުގެ ވެރިން ރެޖިސްޓަރ މާކުކުރަން އުޅުނު މަންޒަރު ފެނުނު ދިވެހިން ވެސް މަދެއް ނުވާނެއެވެ. ޖަލްސާއަށް ދިއުމުގެ ކުރިން އޮފީހަށް ގޮސް ސައިން-އިން ވެފައި ޖަލްސާއަށް ދާންޖެހުނު މުވައްޒަފުންގެ ދުލުން އެ ވާހަކަތައް ވެސް ވަނީ ކިޔައިދީފައެވެ.
ވޭތުވެ ދިޔަހާ ދުވަހަކު މި ކަންކަން ހިންގަމުންދިޔަ ކަމަށް ޕީޕީއެމުން އެއްބަސް ވެފައިނުވާއިރު، ބުރާސްފަތިދުވަހުގެރޭ އެ ޕާޓީން ބާއްވާ ޖަލްސާއާ ގުޅިގެން ވެސް އެ ޕާޓީން ފުރަތަމަ ދެއްކީ ހަމަ މިވާހަކަތަކެވެ. ޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި، ގޮތުގައި ޕީޕީއެމްގެ ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ފަރާތަކަށް މަޖުބޫރެއް ނުކުރާނެއެވެ. ޖަލްސާގައި ބައިވެރިވާ މުވައްޒަފަކު ބައިވެރިވާނީ އަމިއްލަ އިޚްތިޔާރުގައި އެ ޕާޓީއަށް ކުރާ ތާޢީދެއްގެ ބޮޑުކަމުންނެވެ. ރައީސް ޔާމީން ގެނެސްދެއްވާ ތަރައްޤީ ފެނި އަތްޖަހަމުންނެވެ.
ނޫސްވެރިންގެ ސުވާލުތައް ކުރިއަށް ދިޔަވަރަކަށް އަބްދުއްރަޙީމްގެ ވާހަކަ ވެސް ދިޔައީ ބަދަލުވަމުންނެވެ. ދައްކަވަމުން ދިޔައީ ސަލާމަތް ބުއްދީގެ އަހުލުވެރިން އާޝޯޚުވާ ފަދަ ވާހަކަތަކެވެ. ފުރަތަމަ ކަމަކަށް ވިދާޅުވީ، އެ ޖަލްސާއަށް ސިވިލް ސަރވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުން ދަންވާނެ ވާހަކައެވެ. އެއީ ޤައުމުގެ ރައީސް ބައިވެރިވެވަޑައިގަންނަވާތީ ޔޯލައެވެ. ރައީސް ބައިވެރިވަންޏާ ދައުލަތުގެ ހުރިހާ މުވައްޒަފުން އެ ޖަލްސާއެއްގައި ބައިވެރިވާން ލާޒިމުވަނިއްޔޯލައެވެ. އެއީ ކޮރަޕްޝަނަށް ވެސް ނުވަނީއެވެ.
އަބްދުއްރަޙީމެވެ. ޕީޕީއެމްގެ މަތީފަޑީގައި ތިޔަ ތިބި ބޭފުޅުންނޭވެ. ރައީސް ޔާމީނު އަދި ތަނަކަށް ވަޑައިގަންނަވާހާ ފަހަރަކު އެތާކަށް ދައުލަތުގެ ހުރިހާ މުވައްޒަފުން ދާކަށް ލާޒިމެއް ނޫނެވެ. ޕީޕީއެމްއިން ބާއްވަނީ ދައުލަތުގެ ޖަލްސާތަކެއް ނޫނެވެ. ޕީޕީއެމްއިން ބާއްވަނީ ޕީޕީއެމްގެ ޖަލްސާއެވެ. އެ ޖަލްސާތަކަށް ދަނީ ޕާޓީގެ މުސްތަޝާރު ޢަބްދުﷲ ޔާމީންއެވެ. އެއްގޮތަކަށް ވެސް އެމަނިކުފާނު ޕީޕީއެމްގެ ޖަލްސާއަށް ވަޑައިގަންނަވަނިއްޔަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތަކުން ނޫނެވެ. ތިޔަވިދާޅުވާ ގޮތުން ނަމަ، ރައީސް ޔާމީން ވަޑައިގަންނަވާ ޖަލްސާއެއް ނަމަ، އަދި އެކީ ކޮންމެ ހައިސިއްޔަތަކުން ވަޑައިގަތަސް، ޖަލްސާ ދައުލަތުގެ ޖަލްސާއަކަށްވެ، ބްރޯޑްކޮމްގެ މެންބަރުންނާއި، އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސް ފަދަ ބޭފުޅުން ވަޑައިގެން ޤައުމީ ރޫހުގައި ގޮނޑި އަތުރަން ވެސް ހަރަކާތްތެރިވާން ޖެހޭނެ ދެއްތޯއެވެ.
އަބްދުއްރަޙީމް މި ވިދާޅުވި ވާހަކައަކުން އެއްކަމެއް ޔަޤީންވެ ސާފުވެއްޖެއެވެ. ޕީޕީއެމްގެ ޖަލްސާތަކުން މި ފެންނަ ބިދޭސީންނަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނެވެ. ރައީސް ބައިވެރިވަޑައިގަންނަވާތީ އެމީހުން ވެސް ޤައުމީ ކަމެއް ކަމަށް ދެކިގެން ޕީޕީއެމަށް ޖެހިފަ ހުރި ލޯތްބާއި، އެމީހުންގެ ޤައުމުތަކަށް ނާންނަހާ ތަރައްޤީ ރާއްޖެއަށް އަންނާތީ އާޝޯޚުވެގެން ޖަލްސާއަށް ދަނީއެވެ.
އަބްދުއްރަޙީމް އަދިވެސް ވިދާޅުވިއެވެ. ޖަލްސާއަށް ދާން މަޖުބޫރު ނުކުރާ ވާހަކައެވެ. ޖަލްސާއަކަށް ނުގޮސްގެން އެއްވެސް މުވައްޒަފަކަށް މިހާތަނަށް ފިޔަވަޅު އަޅާފައި ނޯންނާނެ ވާހަކައެވެ. އެއާ ވިދިގެން ދެން ވިދާޅުވީ ސިވިލް ސަރވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޖަލްސާއަށް ދާން އަންގާނެ ވާހަކައެވެ. ޖަލްސާއަށް ނުދާ މުވައްޒަފުން ހާޒިރުކޮށް، ސުވާލުކުރާނެ ވާހަކަ ވެސްމެއެވެ.
މި ޖެހުނީ ކޮންތާކުހެއްޔެވެ؟ ވިދާޅުވެވޭ އެއްޗެއް އެބަ އެނގިލައްވާތޯއެވެ؟
އަދި އެއްކަމެކެވެ. ރައީސް ޔާމީނަށް 2018 ޔަޤީން ކަމަށް ތިޔަބޭފުޅުން ވިދާޅުވާއިރު ތިޔަ ޖައްސަވާ ފޯމިއުލާއެވެ. ރާއްޖޭގެ ވޯޓުލާ އާބާދީގެ މެޖޯރިޓީ، ތިޔަ ވައްދަވާ ގޮތަކަށް ޕީޕީއެމްއަށް ވެއްދެވުމަށް ފަހު، ޑިފޯލްޓުން އިންތިކާބުގެ މެޖޯރިޓީ ތިޔަ ޕާޓީއަށް ލިބޭކަމަށް ބުނެ، ރައީސް ޔާމީނަށް ރިޔަސީ ޓިކެޓު ދިނުމާއި އެކު އިތުރު ރިޔާސީ ދައުރެއް ޔަޤީންވީއެވެ. ޤާނޫނު ތަން ނުދިނުން އެއީ އަދި މާބޮޑު މައްސަލައެއް ނޫނެވެ. ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނިކޮށް އެކަން ހަމަޖެހިދާނެއެވެ.