ރަންވީރު ސިންގް ކުޅޭ ފިލްމު "ޓެމްޕާ" ގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ ރޯހިތު ޝެޓީ ބުނެފިއެވެ.
މިއީ އެކްޝަން ފިލްމެކެވެ. މިއީ 2015 ވަނަ އަހަރު ނެރުނު ތެލުގޫ ފިލްމު "ޓެމްޕާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
ރޯހިތު ބުނީ އެއީ ހާޑް އެކްޝަން ފިލްމަކަށް ވުމުން ރަންވީރު ސިންގް އެ ފިލްމު ކުޅެން ބޭނުންވީ އޭނާ އެކަހަލަ ބަޔަކުން އަދި ނުފެންނާތީ ކަމަށެވެ.
މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރޯހިތު ބުންޏެވެ.
ތެލުގޫ ފިލްމު "ޓެމްޕާ" އިން ފެންނަނީ ކޮރަޕްޓް ފުލުހެއްގެ ހަޔާތެވެ. އެހެން ކަމުން މި ފިލްމުގައި ފުލުހެއްގެ ރޯލު އަދާކުރާނީ ރަންވީރު ކަމަށް ވަނީ ބެލެވިފައެވެ.
ރަންވީރުގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާނީ ކޮން ތަރިންނެއް ކަމެއް ރޯހިތު ޝެޓީ ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނީ މިހާރު ކުރިއަށް ދަނީ މި ފިލްމުގެ ފައިނަލް ސްކްރިޕްޓް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. ރޯހިތު ބުނީ ހާޑް އެކްޝަން ރޯލު ރަންވީރަށް އުނދަގޫ ނުވާނެ ކަމަށާއި އޭނާގެ ގައިގައި އެ ފެންވަރު ހުންނާނެ ކަމަށެވެ. ރޯހިތު ބުނީ އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓުގެ ތެރޭގައި މަރާތީ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން ދާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ރޯހިތުގެ އެންމެ ފަހުގެ ފިލްމު "ގޯލްމާލް އެގެއިން" ސިނަމާތަކަށް އަންނާނީ މިމަހުގެ 20 ގައެވެ.