ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 12:11
ފައްތާހު އާއި ނަހުލާ
ފައްތާހު އާއި ނަހުލާ
ގެޓީ އިމޭޖަސް
ނަހުލާ-ފައްތާހު
މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!
"ބޮސް" އަޅުވާނީ އޮކްޓޯބަރ 31 ގައި

ޑައިރެކްޓަރ ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ބޮސް" ގެ ޓްރެއިލާ ނިކުތުމާއެކު ބެލުންތެރިންގެ ތަރުހީބު ދިޔައީ އެއަށް ލިބެމުންނެވެ. ޓްރެއިލާއަށް ބެލުންތެރިންގެ ތަރުހީބު ލިބުނުކަން ހާމަވީ އެ ޓްރެއިލާ ރިލީޒްކުރިތާ ހަތަރު ވަރަކަށް ދުވަހުން ބެލި މީހުންގެ އަދަދު އެއްލައްކައަށް ވުރެ އިތުރުވެގެން ދިއުމެވެ.

"ރެކޯޑް ބްރޭކިން މޫވީ" ގެ ހޭޝްޓެގް ބޭނުން ކޮށްގެން އިޝްތިހާރު ކުރި "ހައްދު" އަކީ ވަކި ބެލުންތެރިންގެ ތަރުހީބު ކުޑަ ފިލްމެކޭ ނުބުނެވޭނެއެވެ. އެ ފިލްމަށް ވެސް ދިޔައީ ތައުރީފު އޮހެމުންނެވެ. އޮގަސްޓު 6 ގައި ސިނަމާތަކަށް އައި އެ ފިލްމު ހެދުމަށް ފައްތާހު ބުނެފައިވާ ގޮތުގައި ލިބުނު ޚަރަދު ކަނޑާލުމަށް ފަހު އެ ފިލްމަށް ވަނީ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ "ޕްރޮފިޓް"ގެ ގޮތުގައި ނަގާފައެވެ.

ދައްކަން މިއުޅެނީ މި ދެ ފިލްމްގެ ވާދަވެރިކަމުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ މި ދެ ފިލްމްގެ ޑައިރެކްޓަރުންގެ ވާހަކައެވެ. ދެ ފަރާތުގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުގެ ވާހަކައެވެ. "ބޮސް" ފިލްމުގެ ޓްރެއިލާއާ އެކު ޑައިރެކްޓަރ ފައްތާހު އާއި ނަހުލާއާ ދޭތެރޭ މިވަނީ ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި މިއީ މިހާރު އެންމެ "ހިޓު" ވާހަކަ ވެސް މެއެވެ.

މި ކޯޅުންގަނޑާ ބެހޭ ގޮތުން ނަހުލާ ރާއްޖެއެމްވީއަށް ބުނެފައިވަނީ ފައްތާހާ ދޭތެރޭ އޭނާގެ އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް "ބޮސް" ގެ ޓިކެޓް ގަންނަން އޮލިމްޕަހަށް ދާ ބައެއް މީހުން ގާތުގައި އެ ފިލްމު ބެލުމަށް ނުވަންނަން ފައްތާހު އެދުނު ކަމަށް އެމީހުން ބުނެފައިވާ ކަމަށް ނަހުލާ ބުންޏެވެ. ނަހުލާ ބުނީ ފައްތާހު އެހެން ބުނިކަމުގައިވާ ނަމަ އެހެން ބުނަންވީ ސަބަބެއް ނެތް ކަމަށެވެ.

"ފައްތާހުގެ މައްސަލައެއް އުޅޭކަން އެނގުނީ ވެސް ނޫހުން. ފައްތާހު ބުނެފައިވާ ކަމަށް ޓިކެޓް ގަންނަ ފަރާތްތަކުން އެބަބުނޭ މި ފިލްމު ބަލަން ނުވަންނާށޭ ފައްތާހު ބުންޏޭ،" ނަހުލާ ބުންޏެވެ.

ނަހުލާ ވަނީ ބައެއް ނޫސްތަކަށް ފައްތާހު ދީފައިވާ އިންޓަވިއުތަކަށް އޭނާގެ ފޭސްބުކްގައި ރައްދު ދީފައެވެ.

"އަޅުގަނޑު ބޭނުން، ބޮސްއަކީ ކާމިޔާބު ފިލްމަކަށް ވާން. އަޅުގަނޑު އެދޭ ކަމެއް އެއީ. އެކަމަކު އަޅުގަނޑު މި ބުނަނީ އެހެން ވާހަކައެއް. އަޅުގަނޑު މި ބުނަނީ، ހައްދާ އެއްވަރަށް ގެންދާ ކަމަށް ވާނަމަ، އެ ހިތްވަރު ނަގައިގެން ކުރިއަށްދާން މަސައްކަތް ކުރާން ޖެހޭނޭ. އެ އޮޅުވާނުލާ......." ފައްތާހު ރާއްޖޭގެ ނޫހަކަށް ބުނެފައިވެއެވެ.

މި ވާހަކަތަކަށްރައްދު ދެމުން ނަހުލާ ބުނެފައިވަނީ އޭނާގެ ފިލްމު މާކެޓްކޮށް ހިންގަން ކިޔައި ދޭއިރު އޭނާގެ ފިލްމު "ކަލާޔާނުލާ"، "ޒުލޭޚާ"، "ޔޫސުފް" އަދި "4426" ގެ ރެކޯޑްއާ ހިސާބަށް ވެސް އަދި "ހައްދު" އަކަށް ނާދެވޭ ކަމަށެވެ. އެހެންކަމުން އޭނާ ފައްތާހުއެކީ ކޮމްޕެޓިޝަނަކަށް ނިކުންނަން ޖެހޭ ވަރުގެ މީހެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ނަހުލާ ބުންޏެވެ.

މީގެ އިތުރުން ފައްތާހު އެހެން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ނަހުލާ ހަދަނީ އަބަދުވެސް "އިމޯޝަނަލް" ފިލްމުތައް ކަމަށް ބުނެފައިވާ ވާއިރު އެ ވާހަކައަށް ރައްދު ދެމުން ނަހުލާ ބުނެފައި ވަނީ ފިލްމެއް ވެއްޖިއްޔާ އިމޯޝަނަލް ހުންނަން ޖެހޭނެ ކަމަށެވެ. އޭނާ ހަދަނީ ފިލްމު ކަމަށާއި ޑޮކިއުމެންޓްރީތައް ނޫން ކަމަށް ވެސް ފައްތާހަށް ރައްދު ދެމުން ބުންޏެވެ.  އަދި އޭނާ ވަނީ "ބޮސް" ބެލުމަށް ފައްތާހަށް ދައުވަތު ދީފައެވެ. ނަހުލާ ބުނާ ގޮތުން "ބޮސް" އަކީ ފައްތާހު ވެސް ރޮއްވާލާނެ ފިލްމެކެވެ.

ނަހުލާ އެންމެ ފަހުން ބުނީ ފައްތާހުގެ "ވިހަ" ބަސްތަކަކީ " ރެކޯޑް ބްރޭކިން މޫވީ" ގެ ނަމުން މަޝްހޫރު ކުރި ފިލްމަށް އެކަށީގެންވާ ތަރުހީބެއް ނުލިބި އަދި އޭނާގެ ފިލްމަށް ރެކޯޑް އަދަދެއްގެ ތަރުހީބު ލިބިދާނެތީ ދައްކާ ވާހަކަތަކެއް ކަމަށް ވެދާނެ ކަމަށެވެ.

މި ކަމާ ބެހޭ ގޮތުން ފައްތާހުގެ ބަހެއް ހޯދާލުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

ކޮންމެއަކަސް މި ދެ ޑައިރެކްޓަރުންގެ ކޯޅުންގަނޑު އަދި މައިތިރިއެއް ނުވެއެވެ. "ބޮސް" އެޅުވުމާއި ދޭތެރޭ މިހާރު މިއޮތީ ގާތްގަނޑަކަށް 16 ވަރަކަށް ދުވަހެވެ. އެހެން ކަމުން އެންމެ ކަމުދަނީ ފައްތާހުގެ "ހައްދު" ތޯ ނުވަތަ ނަހުލާގެ "ބޮސް" ތޯ ކަނޑައަޅާނީ ބެލުންތެރިންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ފަހަކަށް އައިސް ރިލީޒްކުރާ ކޮންމެ ދިވެހި ފިލްމަކާ ގުޅިގެން ވެސް މި ކަހަލަ ގޮސިޕް ވާހަކަތައް ދެކެވެއެވެ. އެހެންކަމުން މިއީ ފަހަރުގައި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ގުޅިގެން ފިލްމު ޕްރޮމޯޓްކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 އޮކްޓޯބަރ 2017 | ބުރާސްފަތި 14:44
ހަސަން
ތިޔަ ފައްތާހަކީ އަމިއްލައަށް މަމޮޅުވެގެން އުޅޭ މީހެއް