މިއީ ދުވާލު ހޭލައި ހުއްޓައި އަޅުގަނޑަށް ފެންނަ ހުވަފެނެއް ހެއްޔެވެ؟ ނޫނީ ހަމަނިދި ނުލިބި މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުން ސިކުނޑިއަށް ވެރިވާ ހިޔާލުތަކެއް ހެއްޔެވެ؟ ނޫނީ ހަގީގަތުގައި ވެސް ރައީސް ޔާމީނުގެ މޮޅުކަން އަޅުގަނޑުމެންނަށް ފެންނަނީ ހެއްޔެވެ. ނޫނީ މިނިވަން މުއައްސަސާތަކުގެ ވެރިން ސަރުކާރުގެ މުށުތެރެއަށް ވަދެ ނިމުނީ ހެއްޔެވެ؟ ސުވާލަށް ފުރިހަމަ ރޫފަ ހެޔޮ ޖަވާބެއް ބެލުންތެރިން ދެއްވާށެވެ.
ރާއްޖެޓީވީ މިލިއަނުން ޖޫރިމަނާކުރުމުގެ މަސްތުގައި ޖެހިފައި އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނުގައި އެކޮމިޝަނުން ކުރާންވީ ކަންކަން ބަޔާންކޮށްފައި އެބަ އޮތެވެ. އެކޮމިޝަނުން ކުރާންޖެހޭ ކަންކަމަކީ ކޮމިޝަނުގެ ރައީސް ބޮޑު ފަތިހާ ނުދާ އެނދުން ތެދުވެ ވަޑައިގަތުމުން ހިޔާލުފުޅަށް އެވަގުތަކު އަންނަހާ ކަންކަމެއް ނޫނެވެ. އަދި ސިޔާސީ ޕާޓީއަކުން އަންގާ ކަންކަމެއް ވެސް ނޫނެވެ.
ވިސްނާ ވަޑައިގެން ބައްލަވާށެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން ތިޔަ މަގާމުގައި ތިޔަ ތިއްބެވީ ކޮން ޒިންމާއެއް ކޮނޑުގައި އަޅުއްވައިގެން ހެއްޔެވެ؟ ރުމާލު 2 ޖަގަހައިގައި ހިންގާ ހަރަކާތެކޭ އެއްފެންވަރަށް ތިޔަ ކޮމިޝަން ވެއްޓެންޖެހޭ ހެއްޔެވެ؟ ތިޔަ ކޮމިޝަނަށް ކޮން އިނާޔަތެއް ނުލިބި އޮތީ ހެއްޔެވެ؟ ތިޔަ ކޮމިޝަނުގެ މެންބަރުން މިނިވަންކޮށް މުސްތގިއްލުކޮށް އަބުރުވެރި ދިރިއުޅުމެއް އުޅުއްވުމަށް ފައިސާ ފޮއްޗެއް އަދި ވެސް މަދީ ހެއްޔެވެ؟ ނޫނީ ހަމަ ބުއްދި ފިލާ ދިޔައީ ހެއްޔެވެ؟
ނޫސްވެރިކަމުގެ މިނިވަންކަމާ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ތިޔަ ކޮމިޝަނުގެ މެންބަރުން ޖެހިލުންވެ ވަޑައިގަތުމެއްނެތި އަރާ ވަޑައިގަންނަވަން ތިޔައީ ކޮން ބޭފުޅުންނެއް ހެއްޔެވެ؟ މިގައުމަކީ ތިޔަ ބޭފުޅުންގެ ތަރިކަ މުދާ ހެއްޔެވެ؟ މިގައުމަކީ ތިޔަ ބޭފުޅުން ބޭނުންފުޅު ގޮތަކަށް ކޮށަން އޮތް މަސްބުރިއެއް ހެއްޔެވެ؟ ހަމަ ނިދި ލޮލަށް ނައިސްގެން ތިޔަ ޖަހާ ސަކަރާތެއް މި ސްޓޭޝަނާ ދެކޮޅަށް ތިޔަ ޖައްސަވަނީ ތާއަބަދަށް ތިޔަ މަގާމު އޮންނާނެ ކަމަށް ތިޔަ ސިކުނޑިތަކަށް ކާކު ނަސޭހަތް ދީގެން ހެއްޔެވެ؟ ތިޔަ އުޅުއްވަނީ ހަގީގަތުގައި ވެސް ކިހިނެއް ވެގެން ހެއްޔެވެ؟
ނުހައްގުން މި ސްޓޭޝަން ކުރަމުންދާ ޖޫރިމަނާ ދައްކަން ނިކުންނަނީ މުޅިން ވެސް ރައްޔިތުންނެވެ. ރައްޔިތުން ނިކުމެ މިލިޔަން ރުފިޔާ އެއްކުރުމުން އެފައިސާ ހަވާލު ކުރަނީ ތިޔަ ކޮމިޝަނަށެވެ. އެފައިސާ އެ ހަވާލު ކުރެވުނީ އޭރުން ސަރުކާރާއެވެ. ބަލަގަ މިތިބަ ފެންނަ ބޭފުޅުންނޭވެ. އަޅުގަނޑުމެން ފެލައިގެން ފައިސާ ހޯދަން ފޫގަޅައިގެން ތިޔަ ތިއްބެވީި ސަރުކާރު ހިންގާނެ ފައިސާ ފޮއްޗެއް ނެތިގެން ހެއްޔެވެ؟ ނޫނީ މަގާމުގައި ތިބޭ މަދު ދުވަސްކޮޅު މި ސްޓޭޝަން އިދިކީއްޔަށް ހަންދަމާލަން ކޮއިލު ތެރޭގެ ބޭފުޅުން އެންގެވީ ހެއްޔެވެ؟ ނޫނީ ނުހައްގު ޖޫރިމަނާއެއް ކުރެއވުމުން ތީގެން ބޭފުޅެއްގެ ހިތަށް ހަމަޖެހުމެއް ލިބެނީ ހެއްޔެވެ؟
ހައްތާވެސް ސުވާލެވެ. ފެންނަ މަންޒަރުން ސުވާލު ގިނަވަނީއެވެ. އުސޫލުތައް މުގުރާ ބޭފުޅުންގެ ލިސްޓުން ޖާގަ ހޯއްދެވުމުން ސުވާލު ގިނަވީއެވެ. ދުނިޔޭގައި ތިބެ ބަޔަކަށް ނުހައްގު އަނިޔާއެއް ކުރާއިރު ޖަވާބުދާރީ ކުރުވާ ދުވަހުން މިއަދު ތިޔަ ތިއްބަވާފަދަ އަރާމާ އުފަލުގައި ދެމިތިބެވޭނެ ތޯ އެވެ؟ އެދުވަހުން ތިޔަ ބޭފުޅުންގެ އަތަށް ވުރެ ގާނޫނުގެ އަތް މާދިގުވާނެކަން ހަނދުމަފުޅު ބަހައްޓަވަން ވާނެއެވެ. ތިޔަ ބޭފުޅުންނާ ގާނޫނު އެދުވަހުން އަރާ ހަމަ ކުރާނެ ކަމީ ކަށަވަރު ކަމެކެވެ. ގަބޫލު ކުރައްވާސެވެ. މިއަދު އަޅުގަނޑުމެންގެ ކަރަށް އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.