އެއީ އާދައިގެ ކަމެއް ނޫނެވެ. ރޭވެފައި އަލިވިލުނު އިރު މުޅި ސްޓޫޑިއޯގައި ހުޅު ޖަހާފައެވެ. ގެންގުޅުނިއްޔާ ގެންގުޅުނު އަގު ބޮޑު ސާމާނެއް އަނދާ އަޅިއަށް ވީއެވެ. މަންޒަރު ދުށް ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުނެވެ.
ރޯކޮށްލީ މައި ސްޓޫޑިއޯގައި ވިއަސް އޭރު ބޯމަތިވަމުން ދިޔަ އިންތިޚާބުގެ ކަވަރޭޖަށް ޚާއްޞަކުރި ސްޓޫޑިއޯ ބޭނުންކޮށްގެން ރައްޔިތުންނަށް ހަމައަށް ޗެނަލްގެ ސިގްނަލް ގެނެސްދިނުމާއެކު އެރައްޔިތުންނަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެދެއްކި މަންޒަރުން ރައްޔިތުންގެ ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. ރާއްޖެ ޓީވީ އަންދާލި ގޮތެވެ. އަންދާލި މީހުންނަށް ލިބިދީފައި އޮތް ބާރެވެ. ކެމެރާތަކުގެ ކުރިމަތީގައި އެވެރިން މަގުމަތިން އައިސް ރާއްޖެ ޓީވީއަށް އަރާ މަންޒަރެވެ. އެއްވެސް ރަހުމެއް ނެތި އިކުއިޕްމަންޓަކަމަށް ޕެޓްރޯލް އަޅާ ހުޅު ޖެހިތަނެވެ. ގެންގުޅުނު ކަތިވަޅިއެވެ. ހުޅުޖެހި މީހާގެ ގައިގާ ރޯވި އަލިފާންގަނޑެވެ.
މިމަންޒަރާމެދު ރައްޔިތުންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެދަނޑިވަޅު އެސްޓޫޑިއޯގައި ބަޔަކު ހުރި ނަމަ އެމީހުންނާއެކުވެސް އަންދާލާނެ ކަމެވެ. ދިހަބުރި އިމާރާތުގެ އެހެން ފްލޯތަކުގައި ނިދާފައި ތިބޭނެ މީހުންނާ މުސްކުޅިން އަދި ކުދި ޅަދަރިންނަށް ވެދާނެ ގޮތަކާމެދު ވިސްނާ ނުލުމެވެ. މިލިއަން ރުފިޔާއިން ގުނާލެވޭ އަގުހުރި މުދާ ތަކަކަށް ބަލައި ނުލިކަމެވެ. އަންދާލި މީހުން މަގުމަތިން އައިއިރު އެމީހުން ނުހޯދޭނެ ގޮތެއް ނޯންނާނެ ކަމެވެ. މާލޭގައި އެތައް ބައިވަރު ފުލުހުން ފޯރިމަރަމުން ދިޔަ މީހުންނަށް ރޭކާލާފައި ނެތުމެވެ. ރާއްޖެޓީވީއަށް ލިބިފައިވާ އިންޒާރުތައް ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވާއިރު އެކަމަކަށް އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަމެވެ. ހުޅުޖެހި މީހާގެ ގައިގައި ރޯވިއިރު އޭނާ ފަރުވާ ހޯދި ހޮސްޕިޓަލެއް ފުލުހުންނަށް ނުހޯދި ނޯންނާނެކަމެވެ. އެމީހަކު އަތުލައި ނުގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމެވެ. މިއިން ކޮންމެ ކަމަކަށް ބަލާލާއިރުވެސް ރާއްޖެ ޓީވީގައި ހުޅުޖަހާ އަޅިއަށް ހަދާލީ ބާރުހުރި ބައެއްގެ ބާރުގައި ކަން ކިތައްމެހާވެސް ރަނގަޅަކަށް އެނގެއެވެ.
ރަހުމެއް ހަމްދަރުދީއެއް އިންސާނީ ހަމައެއް ނެތި އެދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައި ވަނީ ހަމަ އެންމެ ކަމެކެވެ. ރާއްޖެ ޓީވީގެ ދުވަސް ދުވާލުމެވެ. ރާއްޖެ ޓީވީގެ އަޑު ކަނޑުވާލުމެވެ. ރާއްޖެ ޓީވީގެ ސިގްނަލް ރައްޔިތުންނާ ހަމައަށް ފޯރިއަ ނުދިނުމެވެ.
އެކަމަކު އެހެއްނެއްވެސް ނުވިއެވެ. ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރު އެއަށްވުރެ މާ ގަދައެވެ. މެނޭޖްމަންޓުން އޮތީ ދޫކުރާކަށް ނޫނެވެ. ރައްޔިތުންގެ އެހީތެރިކަން ލިބުނީ އިންތިހާއަށެވެ. އެމީހުންގެ ހެޔޮއެދުން އެއަށްވުރެ މާބޮޑެވެ. އިސާހިތަކު ރާއްޖެ ޓީވީގެ އަޑު ކުރިއަށްވުރެ ބާރަށް ރައްޔިތުންނަށް އިވެންފެށިއެވެ. މަންޒަރުތައް ވަގުތުން ވަގުތަށެވެ.
ދެން ފެށުނީ ރާއްޖެ ޓީވީ ހުއްޓުވާލުމުގެ އެހެން މަރުހަލާއެކެވެ. މުވައްޒަފުންނާ ކުޅުމެވެ. ފުރާނައަށް ނުރައްކާވާވަރުގެ ޖިސްމާނީ އަނިޔާ ދިނުމެވެ. މަގުމަތިންނެވެ. އަނިޔާއަށް ދިނުން ފިޔަވައި ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. އަނިޔާވެރިން ބޭނުންވި ނަތީޖާއެއް ހާސިލެއް ނުކުރެވުނެވެ. މަތިމަތިން ކުރަންފެށި ބޮޑެތި ދައުވާތަކެވެ. ވަކިވަކި ނޫސްވެރިންނަށް ބިރުދެއްކުމަށެވެ. އެމީހުންގެ ހިތްވަރު އެލުވާލުމަށެވެ. މުޒާހަރާތަކާއި އެއްވުންތަކުން އަދި ލިޔާ ލިޔުމުގެ އިތުރުން ގެނެސްދޭ ރިޕޯޓްތަކުންވެސް ހުނިޖަހާލާފައި ފާހަގަ ކުރަން ފެށީ އެހެން ޗެނަލްތަކާއި ނޫސްތަކުގެ ނޫސްވެރިންގެ ތެރެއިންވެސް ރާއްޖެ ޓީވީގެ ނޫސްވެރިންނެވެ.
އެކަމަކުންވެސް ރާއްޖެ ޓީވީގެ މަންޒަރު ކަނޑުވާލަން ކުރިކަންތައްތަކަށް ލިބުނު ކުރިއެރުމެއް ނެތެވެ. މެނޭޖްމަންޓާއި ސްޓާފުންގެ ހިތްވަރު ބައްޔެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ވެގެން ދިޔައީ ގަދަފަދައެވެ. ބެލުންތެރިންވީ އިތުރެވެ. ކުރާ ތާއީދު ދިޔައީ މަތިވަމުންނެވެ. ރާއްޖެ ޓީވީ ދެކެވާ ލޯތްބާއި އެޓީވީއަށް ބޭނުންވާ މިންވަރު ދިޔައީ ފުލެމުންނެވެ.
މިހާ ހިސާބަށް ދިޔައިރު ސީދާ ސަރުކާރުން އިސްނަގައިންފެށީ މުޅިން އެހެން ކުޅިއެކެވެ. ޤާނޫނީ ގޮތުން ރާއްޖެ ޓީވީ ވުޖޫދުން ނައްތާލުމެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގައި ކުރެވުނު ޚާއްޞަ މަޝްވަރާ ތަކާއި ޚުދު ރައީސް ޔާމީންގެ އެދިލެއްވުމަށް އުފަން ކުރެވުނީ މަޝްހޫރު އަބުރުގެ ޤާނޫނެވެ. ސީދާ ރާއްޖެ ޓީވީ ނައްތާލާ ޤާނޫނެއްގެ ގޮތުގައެވެ. ރާއްޖެ ޓީވީގެ ވަސް ވުޖޫދުން ފުހެލާ ހަތިޔާރެއްގެ ގޮތުގައެވެ. އެޤާނޫން އައުމުގެ ކުރިން ސީދާ ކޮންޓްރޯލް ނެގީ ބޭނުންވާ ގޮތައް އެޤާނޫން ތަންފީޒް ކޮށްދޭނެ ބްރޯޑކާސްޓިންގ ކޮމިޝަނެވެ. ކުޑަކުޑަކުދިންކޮޅެއް އެ ކޮމިޝަނަށްލީ ސީދާ އެ މަޤަސަދުގައެވެ. ނަތީޖާއެއްގެ ގޮތުން އަބުރުގެ ޤާނޫންގެ ދަށުން އެޅިއްޔާ އެޅިހާ ފިޔަވަޅެއް ރާއްޖެ ޓީވީއަށެވެ. ތާއަބަދު ބަޔަކު ކާޅުގޮވާހެން ގޮވާ ވާހަކަތައް ރާއްޖެ ޓީވީގެ ލައިވްއެއްގައި ބުނެލިއަސް އޭނާ ބުނިއެއްޗަކާ ގުޅިގެން ރާއްޖެ ޓީވީއަށެވެ. ފުރަތަމަ ދެ ލައްކަ ރުފިޔާއެވެ. އެފައިސާ ދައްކާފައި އޮފީހަށް ނުވަންނަނީސް އެއް މިލިއަން ރުފިޔާއެވެ. އެކަން ނިމުނުތާ ކުޑަދުވަސްކޮޅެއް ނުވަނީސް އަނެއްކާ އަނެއް 5 ލައްކައެވެ. ޤައުމީ ސަލާމަތަށް ނުރައްކާވާރުގެ ބޮޑު ވާހަކަތަކެއް އޮންއެއަރކުރިކަމަށް ބުނެ ބައި މިލިއަން ރުފިޔާ މިފަހަރު ދައްކަން މަޖުބޫރު ކުރިއިރު އެވާހަކަ ދެއްކި ބޭފުޅާގެ ގާތު ހޭވެސް އަހާނުލިއެވެ. ޤައުމީ ސަލާމަތް އޮތީ އޮތްތާގައެވެ. އެވާހަކަ ދައްކައިގެން މުޅި ޤައުމު އެލާޓަށް އައިސް ސިފައިންނާ ފުލުހުން ހޭލާ ތިބެންޖެހޭވަރުގެ ބޮޑުކަންތައް ގަނޑެއްގެ ގޮތުގައި ހަދާ ރާއްޖެ ޓީވީއަތުން ލައްކަ ރުފިޔާ ނެގީމާ އެކަން ނިމުނީ ކަހަލައެވެ. އެވާހަކަ ދެއްކެވި ބޭފުޅާ މަގުމަތީގައެވެ. މިނިވަންކަމާއެކުގައެވެ. ހިނގުނު ތަހުގީގެއް ކުރެވުނު ސުވާލެއް އެޅުނު ފިޔަވަޅެއް ހަރާމުން ހަރާމެވެ.
ކޮންމެއަކަސް މިކަންކަމުން ދޭހަވާ ކަމަކީ އެންމެން ދަންނަ ބޮޑު ޙަޤީގަތެވެ. އަބުރުގެ ޤާނޫން ވުޖޫދަށް ގެނައި ސަބަބެވެ. ހުރިހާވެސް ބިރަކީ ރާއްޖެ ޓީވީ ކަމެވެ. ދުއްވާލަން ޖެހޭ ކަމެވެ. ބަންދުކުރަން މަޖްބޫރު ކަމެވެ. އެނޫން ގޮތެއް ބްރޯޑްކޮމްއަށް ނެތްކަމެވެ. އެކޮމިޝަންގެ މޭންޑޭޓަކީ ހަމައެކަނި އެކ%D