ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 12:25
ރާއްޖެޓީވީ ހިންގި ބީކޭޓީ އިމާރާތުގެ އަލިފާން ރޯކުރުމަށް ވަން މީހުންތައް
ރާއްޖެޓީވީ ހިންގި ބީކޭޓީ އިމާރާތުގެ އަލިފާން ރޯކުރުމަށް ވަން މީހުންތައް
ރެޑް ބުލް
ރާއްޖެޓީވީ ރޯކުރި މައްސަލަ
ރާއްޖެޓީވީ ރޯކުރި މައްސަލައިގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ އުފުލައިފި
އެ ހަމަލާއާ ގުޅިގެން ތައްޔާރުކުރި އޮޑިޓުން ދައްކާ ގޮތުން 11.65 މިލިއަން ރުފިޔާ ގެއްލުން
ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއް ނުދޭ
ރާއްޖެޓީވީއަށް އިންސާފެއް ނުލިބޭ، ދައުވާ ކޮށްފައިވާ މީހާގެ ޝަރީއަތް އަދިވެސް ނުނިމޭ

ރާއްޖެޓީވީ ހިންގަމުންދިޔަ އިމާރާތް ރޯކޮށްލާފައިވަނީ ދައުލަތުން ފޯރުކޮށްދޭންޖެހޭ ހިމަޔާތް ފޯރުކޮށް ނުދިނުމުން ކަމަށް ބުނެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ރާއްޖެޓީވީއިން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު އެވެ.

ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ލިބުނު ގެއްލުން 11.65 މިލިއަން ރުފިޔާ އަރާކަމަށް ރާއްޖެޓީވީން ބުނެ އެވެ. އެ ނުރައްކާތެރި ޖަރީމާ ހިންގި އިރު އިންޝުއަރެންސް މުއްދަތު ހަމަވެފައި އޮތުމާއެކު، އިންޝުއަރެންސް އައު ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދިޔަ ކަމަށާއި އެހެން ކަމުން ލިބުނު ގެއްލުމަށް އިންޝުއަރެންސް އެހީ ލިބިފައި ނުވާ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

ރާއްޖެޓީވީ އަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި މިހާބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބެއްވެސް ލިބިފައިނުވާ ކަމަށް ސްޓޭޝަނުން ބުނެ އެވެ.

ރާއްޖެޓީވީ ރޯކޮށްލިތާ ހޮނިހިރު ދުވަހަށް ހަތަރު ވެފައިވާއިރު، ސްޓޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލުމުގައި ދައުލަތުގެ ބައެއް ވެރިންގެ އެހީތެރިކަން އޮތް ކަމަށް ތުހުމަތު ކުރެވޭ އިރު އެކަމުގައި ބައިވެރިވެފައިވަނީ އެންމެ ޒުވާނެއް ކަމަށް ހަދާ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާ ދިއުމަކީ ބޮޑު ޖޯކެއް ކަމަށެވެ. ހަގީގީ މުޖްރިކުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައިނުވާ އިރު ޒުވާނެއްގެ މައްޗަށް ފިނިހަކަ ދުވެލީގައި ހިންގާ ޝަރީއަތަކީ އެއްވެސް މާނައެއް ނުވަތަ އިންސާފު ހޯދާދިނުމަށް ކުރަމުންދާ ކަމެއް ނޫން ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

މިފަދަ ދަށު ދަރަޖައިގެ އަނިޔާވެރިކަން ދުވަހަކުވެސް ރާއްޖޭގެ އެހެން މީޑިޔާއަކަށް ތަޖުރިބާ ކުރަން ނުޖެހުމަކީ ރާއްޖެޓީވީގެ އުންމީދު ކަމަށާއި ބިރުވެރިކަމާ ނާމާން ކަމާ، ނާއިންސާފުގެ އަނިޔާވެރިކަމުން މިންޖުވެގެން ތިބެ، ނޫސްވެރިކަން މިނިވަންކަމާ އެކު އަދާ ކުރެވޭނެ ވެއްޓެއް ރާއްޖޭގައި ގާއިމް ވުމަށް އަބަދުވެސް އެދޭ ކަމަށް ރާއްޖެޓީވީގެބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީ ރޯކޮށް އަޅިއަށް ހެދުމަކީ ދިވެހި ތާރީހުގައި މީޑިއާ އަކަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ހަމަލާކަން ފާހަގަކޮށް ރާއްެޓީވީން ބުނީ އެ ޓީވީ ސްޓޭޝަން ރޯކޮށްލި މައްސަލައިގައި އިންސާފު ލިބުން ހުއްޓިފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. 

ރާއްޖެޓީވީ ރޯކޮށް އަންދާ އަޅިޔަށް ހަދާލި ހާދިސާއާ އެކު އޭރުގެ ސަރުކާރުން މިކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް "ނުފޮރޮޅާ އެންމެ ގައު ކޮޅެއްވެސް ނުބާއްވާނަން" ކަމަށް ބުނެ ބަޔާނެއް ނެރުނު ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އިންސާފު އޮތް ތަނެއް ނޭނގޭ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

ރާއްޖެޓީވީ ރޯކޮށްލާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން އައި ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓްތައް އަންދާ އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް