ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 15:17
ފާރިސް މާފުއްޓަށް ގެންދަވަނީ:--
ފާރިސް މާފުއްޓަށް ގެންދަވަނީ:--
މުހައްމަދު ޝަރުހާން
ފާރިސް
ފާރިސްއާ ދެކޮޅަށް ހުށަހެޅި ވީޑިއޯ ބެލޭނެ އިންތިޒާމެއް ނެތް ކަމަށް ދައުލަތުން އިއުތިރާފުވެއްޖެ
ފާރިސް ހުންނެވީ މާފުށީ ޖަލުގައި ބަންދުކޮށްފައި
ފާރިސްގެއަށް ބަދަލުކޮށްދިނުމަށްވެސް އެދުނު
ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާކުރާއިރު ބަންދުގައި ހުރީ އެހެން މައްސަލައެއްގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި  ވީޑިއޯ ބެލޭނެ އިންތިޒާމް ނެތް ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި އިއުތިރާރުވެއްޖެ އެވެ.

 

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ. މި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމަށް ފާރިސްއަށް ލިބުނު ފުރުސަތުގައި ފާރިސްގެ  ފަރާތުން ވަނީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ބެލެނޭ އިންތިމް ނެތް ކަމަށް ފާހަގަކޮށްފަ އެވެ.

 

ފާރިސް ހުންނެވީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ތުޙުމަތުގައި ބަންދުގައެވެ. މާފުށީ ޖަލުގައި އޭނާ ބަންދުކޮށްފައި ހުންނަވާއިރު އޭނާއަށް މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާއަށް ޖަވާބުދާރީވުމަށް ވެސް ތައްޔާރުވާން ޖެހެ އެވެ. އެހެން ނަމަވެސް އެތަނުގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ބެލޭނެ އިންތިޒާމް ނެތި އެ ދައުވާއަށް ޖަވާބުދާރީވާން ޖެހުމަކީ މައްސަލައެއް ކަމަށް ފާރިސްގެ ވަކީލުންވެސް ފާހަގަ ކުރެއްވި އެވެ

 

އެކަމަށް ދައުލަތުން އިއުތިރާފުވުމުން ފާރިސްގެ ވަކީލް ވަނީ ފާރިސް އެހެން ކަމުން ގެއަށް ބަދަލުކޮށްދެއްވާ މައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ވީޑިއޯ ބެލޭނެ އިންތިޒާމް ކޯޓުން ހަމަ ޖައްސާދެވޭނެތޯ ބައްލަވާނެ ކަމަށެވެ.

 

މީގެ އިތުރުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ކަންކަން އިޖްރާއަތްތަކާ ހިލާފަށް ދާތީ ބެލެނިވެރިކަމުގެ އިހްތިސާސް ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަދި ނުނިމޭކަން ފާހަގަ ކުރައްވާފަ އެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާ ކްރިމިނަލް ކޯޓުން ކޮށްފައިވާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ފާހަގަ ކުރައްވާ ފާރިސްގެ ފަރާތުން ޝަރީއަތް މެދުކަނޑާލުމަށް ވަނީ އެދިފަ އެވެ.

 

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގަވައިދުތައް ހަދާފައިނުވާއިރު މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ ކޮން އުސޫލެއް ދަށުންތޯ ފާރިސްގެ ވަކީލުން ވަނީ ސުވާލު ކުރައްވާފަ އެވެ.

 

އެހެން ކަމުން ޝަރީއަތުން ވަނީ މަތީ މަރުހަލާގެ ދެ ކޯޓަށް އެ މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަންކަން ހުރުމުން އެ ކޯޓުގެ ލަފައަކަށް އެދޭނެ ކަމަށް ބުނެފަ އެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވައިދާ ޚިލާފަށް ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ. ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މި އަހަރުގެ  މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

 

ދައުވާ ސާބިތުކުރުމަށް ދައުލަތުން ދެ ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި އެ ހެކިންގެ ހެކިބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

 

އޭގެ އިތުރުން ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ފާރިސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 އޮކްޓޯބަރ 2017 | އާދީއްތަ 16:53
ހަސަންބެ
މި އޮއް ދައުލަތެއްތާދޯ!!!