ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 04:05
މުހައްމަދު އަމީތު ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
މުހައްމަދު އަމީތު ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު
ރައީސް ޔާމިން ވިދާޅުވި ރާއްޖެ ޓީވީ ކޮންޓްރޯލް ކުރަން ޖެހެޔޭ
ސަރުކާރުން ކަންކަން ކުރަމުން އެދަނީ ރާއްޖެ ޓީވީ ބަންދުކުރުމަށް
މީޑިއާއަކަށް މިހާރު މިނިވަންކަމެއް ނެތް. ޤާނޫނީ އިމުގެ ތެރެއިން މީޑިއާ އޮތީ ބަނދެވިފައި

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ހުށަހަޅައިގެން މިހާރު އޮތް އަބުރުގެ ޤާނޫން ހެދީ ސީދާ ރާއްޖެޓީވީ ބަންދު ކުރުމަށް ކަމަށް އޭރު އެގުރޫޕްގައި ހިމެނިވަޑައިގެންނެވި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރިން މީޑިއާގައިވެސް މަސައްކަތް ކުރެއްވި އަމީތު ވިދާޅުވީ، އެބިލް ހުށަހެޅުމާއެކު އެބިލް ޤާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ގެއްލިގެން ދާނެކަމަށް ތަކުރާރުކޮށް އެނާ ވިދާޅުވި ކަމަށާއި، ނަމަވެސް އެބިލް ފާސްކުރީ ރާއްޖެޓީވީން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ރާއްޖެޓީވީ ހުއްޓުވަން ޖެހޭކަމަށް މެންބަރުން ދެކިލައްވައިގެން ކަމަށެވެ.

އަމީތު ވިދާޅުވީ ޚުދު ރައީސް ޔާމީންވެސް އެމަނިކުފާނާ ބެހޭގޮތުން ދައްކާ ވާހަކަތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖެޓީވީ ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން އަބުރުގެ ޤާނޫން ވުޖޫދުކުރީ ރާއްޖެޓީވީ ބަންދުކުރުމަށް ކަމަށް އަމީތު ވިދާޅުވިއެވެ.

"އަޅުގަނޑު ގާތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވެފައި އެބަހުރި ތިމަންނަމެން ސީދާ ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލު ކުރީމާ ރައީސް ވިދާޅުވެފައި އެބަހުއްޓޭ ކޮންފަދަ ވާހަކަތަކެއްހޭ ރާއްޖެ ޓީވީން އަޅުގަނޑޭ ކިޔައިގެން އެދައްކަނީ. އެހެންވީމާ ރާއްޖެ ޓީވީ ކޮންޓްރޯލް ކުރަން ޖެހެއޭ. މައިތިރިވާން އެބަޖެހެއޭ. އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތައް ބަލާއިރު އަބުރުގެ ބިލް ވުޖޫދުކުރުމުގެ މައިގަނޑު އަމާޒަކީ ރާއްޖެ ޓީވީ ބަންދުކުރުން. އަބުރުގެ ބިލް ގެނައީ އެ މަޤްސަދުގައި. އެބިލްގައި ކިތައްމެ ރީތި ވާހަކަތަކެއް ލިޔެފައި ހުރިކަމުގައި ވީނަމަވެސް އެބިލް ގެނައުމުގެ ހަޤީގީ މަޤްސަދަކީ ރާއްޖެ ޓީވީ ބަންދުކުރުން" ޕީޕީއެމް ޕީޖީ ގުރޫޕްގައި ކުރިން ހިމެނިވަޑައިގެންނެވި އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރާއްޖެޓީވީ ބަންދުކޮށްފައި ގެއަށްދާވަރުގެ ޖޫރިމަނާތަކެއް ރާއްޖެޓީވީގެ މައްޗަށް ކޮށްފިކަމަށާއި ރާއްޖެޓީވީ ބަންދު ނުކުރެވިގެން އުޅޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންމަވެސް ސަރުކާރުން ކުރާހާ ކަމެއް ކުރަމުން އެދަނީ ރާއްޖެ ޓީވީ ބަންދުކުރުމަށް ކަމަށް ކުރިން ދި ޓީވީގައި މަސައްކަތް ކުރެއްވި އަމީތު ވިދާޅުވިއެވެ.

އަބުރުގެ ބިލް ވުޖޫދަށް ގެންނަން ބޭނުންވާނަމަ އެއަށްވުރެ ބޮޑަށް މީޑިއާއަށް މަސައްކަތް ކުރެވޭނެ ގޮތަކަށް އެބިލް ގެނެވެން އެބައޮތް ކަމަށާއި އެހެންނަމަވެސް އެބިލް ގެނެސްފައިވަނީ މީޑިއާގައި މަސައްކަތް ނުކުރެވޭވަރަށް ނޫސްވެރިން ބިރުވެރިކަމެއްގައި ތިބެންޖެހޭ ގޮތައް ކަމަށް އަމީތު ވިދާޅުވިއެވެ.

"މިއަދު ދުލުން ބުނާ ބަހެއްގެ ސަބަބުން 50 ހާސް ރުފިޔާއިން، އެއްލައްކަ ރުފިޔާއިން، ދޮޅުލައްކަ ރުފިޔާއިން އެބަ ޖޫރިމަނާ ކުރެވޭ. ބިރުވެރިކަމެއްގެ ތެރޭގައި ކިހިނެއްތޯ މީޑިޔާގައި މަސައްކަތް ކުރާކުއްޖަކު މަސައްކަތް ކުރާނީ. ޕްރެޒެންޓް ކުރާ ކުއްޖަކު އޭނާ ބުނާ ބަހެއްގެ ސަބަބުން އޭނާ އުމުރު ދުވަހަށް ޖަލަށްދާން ޖެހިދާނެ ކަމުގެ ބިރުވެރިކަން އޮންނަ ކަމަށްވާނަމަ މީޑިއާ މަސައްކަތް މިކުރަނީ މިނިވަން މާހައުލެއްގައެއް ނޫން. އަބުރުގެ ޤާނޫން ވުޖޫދުވުމުގެ ކުރިން މިނިވަން މީޑިއާއަކަށް ޤާނޫނީގޮތުން ޖާގައޮތް. މިއަދުގެ ތަފާތަކީ ސިޔާސީ ބިރުވެރިކަމުގެ އިތުރުން ޤާނޫނީ އިމުގެ ތެރެއިން މިއޮތީ މީޑިއާ ބަނދެވިފައި" އަމީތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް