އަޑިއަށް ދިޔަ ޑްރެޖަރުން ލީކުވި ކަޅުތެޔޮތައް މޫދު ސަރަހައްދަށް ފެތުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މ. މުލީ ކައުންސިލުން ބުނެފިއެވެ.
މުލީ ކައުންސިލްގެ ރައީސް އިބްރާހިމް ޒަކީ ވިދާޅުވީ، ރަށުގެ ވަށަައިގެން ތެޔޮތައް ފެތުރުމުގެ ސަބަބުން، އޮޑިދޯނި ފަަހަރުގައި ކަޅުތެޔޮ ޖެހި، ހަޑިވަމުންދާކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެެވެ.
"ރީތި ހުދު ލޯންޗު ފަހަރު، ކަޅުތެޔޮ ހޭކުމުގެ ސަބަބުން ހަޑިވާތީ ދަނީ ޝަކުވާ ކުރަމުން. މީގެ އިތުރުން މޫދަށް ކަސްރަތައް އެރޭ ފަރާތްތައް ދަނީ މޫދު ހަޑިވުމާ ގުޅިގެން ޝަކުވާ ކުރަމުން،" ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ އެވޯޝަން ކޮންސްޓްރަކްޝަން ކުންފުނީގެ ޑްރެޖަރުން ކަޅު ތެޔޮ ލީކްވުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކައުންސިލަށް މައުލޫމަތު ދީފައިވާ ކަމަށާއި، ތެޔޮ ފެތުރިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށެވެ.
އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއުއަކީ ހަތް މަސް ދުވަހުގެ މަޝްރޫއެއް ނަމަވެސް މަސައްކަތް މިއަދާ ހަމައަށް ވެސް ނިމިފައެއް ނުވެ އެވެ.
ޑްރެޖަރު އަޑިއަށް ގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ޑްރެޖަރަކީ ޗައިނާއިން ގެނެސްފައިވާ ޑްރެޖަރެއް ކަމަށް މައުލުމާތު ލިބެ އެވެ.
ޒަކީ ވިދާޅުވީ، އެވޯޝަން ކޮންސްޓްރަކްޝަން ކުންފުނިން، ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު އެ ޑްރެޖަރ އެހެލާނެ ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ކަނޑައަށް ތެޔޮ އެޅުމަކީ ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމެކެވެ.