ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 12:32
ރާއްޖެޓީވީ ރޯކޮށްލުމުގައި ބައިވެރިވި މީހުން
ރާއްޖެޓީވީ ރޯކޮށްލުމުގައި ބައިވެރިވި މީހުން
ރެޑް ބުލް
ރާއްޖެޓީވީ ރޯކޮށްލުން
ހަތަރު އަހަރުވީ އިރު ރާއްޖެޓީވީ ރޯކޮށްލި މުޖުރިމުން ހޯދިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެޓީވީއަށް ލިބުނު ގެއްލުން 11.65 މިލިއަން ރުފިޔާ
ހަތަރު އަހަރުވީ އިރު މިކަން ކުރި ފަރާތްތައް ހޯދިފައެއް ނުވޭ
މިފަދަ ކަމެއް،އެހެން މީޑިޔާއަކަށް ދިމާ ނުވުމަކީ ރާއްޖެޓީވީން އެދޭ އެދުމެއް

ރާއްޖެޓީވީ ރޯކޮށްލިތާ ހަތަރު އަހަރުވެފައިވާ އިރު،  ހަގީގީ މުޖްރިމުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ އެ ޓީވީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީ ރޯކޮށްލިތާ ހަތަރު އަހަރުވުމާ ގުޅިގެން، ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލުމުގައި ދައުލަތުގެ ބައެއް ވެރިންގެ އެހީތެރިކަން އޮތް ކަމަށް ތުހުމަތު ކުރެވޭ އިރު އެކަމުގައި ބައިވެރިވެފައިވަނީ އެންމެ ޒުވާނެއް ކަމަށް ހަދާ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާ ދިއުމަކީ ބޮޑު ޖޯކެއް ކަމަށެވެ. ހަގީގީ މުޖްރިކުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައިނުވާ އިރު ޒުވާނެއްގެ މައްޗަށް ފިނިހަކަ ދުވެލީގައި ހިންގާ ޝަރީއަތަކީ އެއްވެސް މާނައެއް ނުވަތަ އިންސާފު ހޯދާދިނުމަށް ކުރަމުންދާ ކަމެއް ނޫން ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

މިފަދަ ދަށު ދަރަޖައިގެ އަނިޔާވެރިކަން ދުވަހަކުވެސް ރާއްޖޭގެ އެހެން މީޑިޔާއަކަށް ތަޖުރިބާ ކުރަން ނުޖެހުމަކީ ރާއްޖެޓީވީގެ އުންމީދު ކަމަށާއި ބިރުވެރިކަމާ ނާމާން ކަމާ، ނާއިންސާފުގެ އަނިޔާވެރިކަމުން މިންޖުވެގެން ތިބެ، ނޫސްވެރިކަން މިނިވަންކަމާ އެކު އަދާ ކުރެވޭނެ ވެއްޓެއް ރާއްޖޭގައި ގާއިމް ވުމަށް އަބަދުވެސް އެދޭ ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީ ރޯކޮށް އަޅިއަށް ހެދުމަކީ ދިވެހި ތާރީހުގައި މީޑިއާ އަކަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ހަމަލާކަން ފާހަގަކޮށް ރާއްެޓީވީން ބުނީ އެ ޓީވީ ސްޓޭޝަން ރޯކޮށްލި މައްސަލައިގައި އިންސާފު ލިބުން ހުއްޓިފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރާއްޖެޓީވީ ރޯކޮށް އަންދާ އަޅިޔަށް ހަދާލި ހާދިސާއާ އެކު އޭރުގެ ސަރުކާރުން މިކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް "ނުފޮރޮޅާ އެންމެ ގައު ކޮޅެއްވެސް ނުބާއްވާނަން" ކަމަށް ބުނެ ބަޔާނެއް ނެރުނު ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އިންސާފު އޮތް ތަނެއް ނޭނގޭ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

މިކަމުން ދޭހަވަނީ މައްސަލަ ބަލާ އިންސާފު ހޯދައިދިނުމުގައި ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ފެއިލްވެފައިވާކަން ކަމަށާއި އިންސާފު ހޯދުމަށާއި ޖަރީމާތައް ހިންގުން ހުއްޓުވުމަށް މަތިކޮށްފައި ތިބި ފަރާތްތަކުގެ ގާބިލްކަން ނެތް ކަން ކަމަށެވެ.

ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ލިބުނު ގެއްލުން 11.65 މިލިއަން ރުފިޔާ އަރާކަމަށް ރާއްޖެޓީވީން ބުނެ އެވެ. މި ނުރައްކާތެރި ޖަރީމާ ހިންގި އިރު އިންޝުއަރ ކޮށްފައި އޮތް އޮތުމުގެ މުއްދަތު ހަމަވެފައި އޮތުމާއެކު، އިންޝުއަރެންސް އައު ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދިޔަ ކަމަށާއި އެހެން ކަމުން ލިބުނު ގެއްލުމަށް އިންޝުއަރެންސް އެހީ ލިބިފައި ނުވާ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

ރާއްޖެޓީވީ އަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި މިހާބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބެއްވެސް ލިބިފައިނުވާ ކަމަށް ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން މިއަހަރުގައިވެސް ރާއްޖެޓީވީގެހަތަރު ނޫސްވެރިއެއްގެ މައްޗަށް ބޭއިންސާފުން ޝަރީއަތް ހިންގައި ތިން ނޫސްވެރިއަކު ޖޫރިމަނާކޮށްފައިވާ އިރު އަބުރުގެ ގާނޫނު ސަބަބަކަށް ހަދާ ބޭއިންސާފުން މިހާތަނަށް 1.2 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވާ ކަން މިބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް