ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 20:36
ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫން
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސްގެ މައްޗަށް ހިންގާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން އާދިއްތަ ދުވަހު
އަޑުއެހުން އޮތީ އާދިއްތަ ދުވަހު ހެނދުނު އެގާރަ ޖަހާއިރު
އެ ދައުވާ ކުރަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށްބުނެ
ފާރިސް މިހާރުވެސް ހުންނެވީ އެހެން ތުޙުމަތެއްގައި ބަންދުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހު ހެނދުނު 11.00  ގައެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވައިދާ ޚިލާފަށް ބޭނުންކޮށްފައިވާ ކަމަށްބުނާ މައްސަލައަކާއި ގުޅިގެންނެވެ.

ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، 22 މާޗް ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެ ދައުވާއަށް ފާރިސް ވަނީ އިންކާރު ކުރައްވާފައެވެ. އެހެން ކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ދެ ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި އެ ހެކިންގެ ހެކިބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެންކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ފާރިސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

މި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ފާރިސްގެ ފަރާތުން ފާހަގަ ކުރަން ހުރި ކަން ފާހަގަ ކުރުމަށްފަހު ދެން އޮންނާނީ މައްސަލައިގައި ޝަރީއަތް ފެށުމެވެ.

ފާރިސް މިހާރުވެސް ހުންނެވީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ތުޙުމަތުގައި ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް