ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:54
ބުރާސްފަތި ދުވަހުގެރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ބުރާސްފަތި ދުވަހުގެރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
އަލީ ޔޫސުފް
ގުޅިފައިވާ ސިޔާސީޕާޓީތައް
ވިޔާ ނުދާ ބަޔަކަށް ސަރުކާރުން ފައިސާދީގެން ބޮޑެތި ކުށްކުރުމަށް ދަނީ ހިތްވަރުދެމުން: ރައީސް މައުމޫން
އެމީހުން ލައްވާ އެކަން ކުރުވާކަމަށް ބެލުމުގެ ޖާގަ އެބައޮތް
ސަލާމަތީ ބާރުތަކުން އުޅެނީ ސިޔާސީ މީހުންގެ ފަހަތުން
މިހާރު މިއޮތް ބިރުވެރިކަމަކީ ސީދާ ބަޔަކު ގެނައި ބިރުވެރިކަމެއް

ވިޔާ ނުދާ ބަޔަކަށް ސަރުކާރުން ފައިސާ ދީގެން މާރާމާރީ އާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރުމަށް ހިތްވަރު ދެމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މިއަދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހިނގަމުންދާ ކަމަށާއި އޭގެ ތެރޭގައި ޢަދްލު އިންސާފް ޤާއިމްވެފައި ނެތުން އެއީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ.

"ޢަދްލު އިންސާފް ޤާއިމް ނުވުން. އެކިއެކި މުއައްސަސާތަކުގެ ޒިންމާތައް އަދާކުރަމުން ނުގެންދިއުން. އަނިޔާ ލިބެމުންދާ ފަރާތްތަކަށް އެއްވެސް މުއައްސަސާއަކުން ޖަވާބު ނުދިނުން. ރައްޔިތުންގެ މެންބަރުންނަށް ނުހައްޤުން އެކިއެކި އަނިޔާތައް ދެމުން ގެންދިއުން. ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި އޮތުން. ސަރުކާރުގެ އިދާރާތަކުގައި ފަސާދައާއި ކޮރަޕްޝަން އިންތިހާއަށް އޮތުން. ޤާނޫން އަސާސީއާ އިންސާނީ ޙައްޤުތަކާ ޚިލާފަށް ކެނޑިނޭޅި ޢަމަލްތައް ކުރުން. މީސްތަކުންގެ ފުރާނައާއި ގޯތި ގެދޮރަށް ނުރައްކާތެރި މާހައުލެއް ޤާއިމްކޮށްފައި އޮތުން." ރައީސް މައުމޫން ވިދާޅުވިއެވެ.

ޙައްޤަކާ ނުލައި މީހުން މެރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑުވެގެންވާ ފާފައެއްކަން ވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު އެކަން ހިނގަމުންދާ ކަމަށެވެ. އަދި އެކަންކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި އެކަމަކީ ސީދާ ސަރުކާރުން އެކަމަށް މަގުފަހި ކުރުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ޚަރަދު ކުރާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. 

"އެއީ އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާތީ. މީހުން މެރުމަށް ކަންތައްތައް ފަހިކުރަމުން ގެންދާތީ. އެއީ ޙަޤީގަތެއް. އެއީ ސަރުކާރުން ޚަރަދުކުރާ މީހުންގެ ތެރޭގައި ޒުވާނުންނަށޭ ކިޔާފައި ވަރަށް ވިޔާނުދާ ބަޔަކަށް ސަރުކާރުގެ ބަޖެޓުން ފައިސާ ދެމުން އެބަގެންދޭ. އެވިދަޅުވާ ޒުވާނުންނަކީ ހަޤީގީ ހަރުދަނާ ޒުވާނުންނެއް ނޫން. ވަރަށް ވިޔާނުދާ، މާރާމާރީ ހިންގާ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ، މީހުން މަރާ ހަދާ ޒުވާނުން. އެމީހުންނަށް ފައިސާ ދިނީމާ އެމީހުންނަށް އެދެވެނީ ހިތްވަރު. އެބުނަނީ އެކަންތައް ކުރިއަށް ގެންދާށޭ" ރައީސް މައުމޫން ވަރަށް ބޮޑު ވާހަކައެއް ކަމަށް ވިދާޅުވެ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް