ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 11:24
ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއްގައި ތެޔޮ އަޅަން ކިޔޫ ހަދާފައި
ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއްގައި ތެޔޮ އަޅަން ކިޔޫ ހަދާފައި
މުހައްމަދު ޝަރުހާން
ތެލުގެ އަގު
!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ
ތެލުގެ އަގު ބޮޑުކުރުމަށް އޯޕެކުން ކުރާ މަސައްކަތް ނާކާމިޔާބު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިކަމަށް ބުނެ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިހަފްތާގައި ބޮޑުކުރިނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓެމުންދާތީ ތެޔޮ އުފައްދާ ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާއިން އެކްސްޕޯޓްކުރާ ތެލުގެ މިންވަރު އިތުރުވުމާއި ގުޅިގެން ތެލުގެ އަގު ވެއްޓެމުންދާ މިދަނޑިވަޅުގައި، ސައޫދީއާއި ރަޝިޔާއިން ވަނީ މިހާރު ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ކަނޑައެޅި މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޯޕެކް ޤައުމުތަކާއި ރަޝިޔާއިން ވެފައިވާ އެއްބަސްވުމުގެ އަންނަ އަހަރު މާޗް މަހު ހަމަވިނަމަވެސް، މި އެއްބަސްވުން އަންނަ އަހަރު ނިމެންދެން ދަމަހައްޓަން ނިންމާފައިވާކަމަށެވެ. ޕުޓިން މިހެން ވިދާޅުވެފައިމިވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ޒިޔާރަތެއްކުރައްވަން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓި، ގަލްފް ސަރަހައްދުގެ ޤައުމުތަކާއި ތެޔޮ އުފައްދާ އެހެން ޤައުމުތަކުގެ އިޤްތިޞާދަށް އަސަރުކުރަން ފެށުމުން، ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެޤައުމުތަކުން ނިންމީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

ގަލްފްގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރިނަމަވެސް، އެމެރިކާއިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރުވެ، ދުވާލަކު ދެމިލިއަން ފީފާއާއި ގާތްކުރާ އަދަދަކަށް ތެޔޮ އެކްސްޕޯޓްކުރަން ފެށުމުން ގަލްފްގެ ޤައުމުތަކަށް މިހާރު މަޖުބޫރުވެފައިވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމާފައިވާ މުއްދަތު އިތުރުކުރުމަށެވެ. އެހެން ނޫންނަމަ، އަނެއްކާވެސް ތެލުގެ އަގު ވެއްޓުމުގެ ފުރުސަތު ބޮޑެވެ. ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރާއި 55 ޑޮލަރާއި ދެމެދުގައި ހުރި އިރު، ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށްވުރެ މައްޗަށް ކައިރި މުސްތަޤްބަލެއްގައި އަރާފާނެކަމަށް އަންދާޒާ ނުކުރެވޭކަމަށް ޑެންމާކްގެ ސެކްސޯ ބޭންކުން ބުނެއެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ދަށްވަމުން ދާއިރު ކުރު މުއްދަތަކަށް އަގު އުފުލުނު ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މި ދުވަސްވަރު ތެލުގެ އަގު މައްޗަށް ދިޔުން ނާދިރުކަމަށް ބާކްލޭސް ބޭންކުންވެސް އަންދާޒާކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިކަމަށްބުނެ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާއިރު، ތެލުގެ އަގަށް ހެޔޮ ބަދަލު އަންނައިރު، އެބަދަލު އެސްޓީއޯއިން ނުގެންނަކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯއިން ގެނައި ބަދަލާއިއެކު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.52ރ އަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 9.17ރ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް