ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުން ލަސްވުމުގެ ސަބަބުން، ސަރުކާރުން ވަނީ އެމަނިކުފާނު ފިއްލެވީކަމަށް ނިންމާފައެވެ. އަދި އެމަނިކުފާނު އަނބުރާ ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަންސް އިން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. މީގެ ކުރީގައިވެސް ބޭރު ބައެއް ޤައުމުތަކުގައި ތިބި ބައެއް ދިވެހިން ސަރުކާރުން ބޭނުންވުމުން އަނބުރާ ރާއްޖެ ގެނެސްފައިވެއެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ބޭރު ޤައުމުތަކުގައި ތިބޭ ދިވެހިން ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ގެނައުމުގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތްތަކުގެ ސަބަބުންނާއި، ހައްޔަރުކުރަން މަސައްކަތްކުރާ މީހުންނާއި މެދު ސަރުކާރުން ދައްކާ ވާހަކަތަކާއި ގުޅިގެން، މިފަދައިން މީހުން ހައްޔަރުކޮށްގެން ގެނައުމުގައި ފަހަކަށް އައިސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.
ބޭރު ޤައުމެއްގައި، އެޤައުމަކަށް ޤާނޫނީ ހަމަތަކުން ވަދެ ހުރެ، އެޤައުމެއްގެ ޤާނޫންތަކަށް ހުރުމަތްތެރިކޮށް ހިތަމުންދާ އަދި ވިސާގެ އުޞޫލުތަކާއި ޚިލާފުނުވެ ހުރި މީހަކު ހިފާ ހައްޔަރުކޮށްގެން ގެނައުމަކީ ފަސޭހަކަމެއްކަމަށްކަމަށް ހީވާ ގޮތަށް ދިވެހި ބައެއް ސަފީރުން ވާހަކަ ދެއްކެވިޔަސް އެއީކީ އެހާ ފަސޭހަކަމެއް ނޫނެވެ. 'އެކްސްޓްރަޑިޝަން'އަކީ ޑިމޮކްރެޓިކް ޤައުމުތަކުން މެޓައެއްކާލުންހާ ފަސޭހަކޮށް ދޫކޮށްލާކަމެއް ނޫނެވެ.
ޤާސިމް އިބްރާހިމް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެކަމަކީ ނުވާނެކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް އެކަންވާން އޮތް މަގުން ސަރުކާރުން ހިނގާތޯ، މިއީ ސުވާލެކެވެ.
ސިންގަޕޫރުގައި ހުރި މީހަކު ހިފާ ހައްޔަރުކޮށް، ބޭރު ޤައުމަކާއި ހަވާލުކުރެވޭނީ، ނުވަތަ ސިންޕޫރުން މީހަކު 'އެކްސްޓްރަޑައިޓް'ކުރެވޭނީ 1968ވަނަ އަހަރު އަމަލުކުރަން ފެށި އެކްސްޓްރަޑިޝަން ޤާނޫންގެ ދަށުންނެވެ. މި ޤާނޫންގެ ދަށުން އެކްސްޓްރަޑައިޓްކުރެވޭނީ މައިގަނޑު ތިން ހަމައެއްގެ ދަށުންނެވެ.
މީގެ ތެރެއިން ފުރަތަމަ ހަމަޔަކީ މެލޭޝިއާ އަދި ބްރޫނާއީ ދާރުއްސަލާމުން އެދުމުން ސިންގަޕޫރުގައި ހުރި މީހަކު ހައްޔަރުކޮށް އެޤައުމުތަކާއި ހަވާލުކުރާ އުޞޫލެވެ. މި އުޞޫލުގެ ދަށުން މެލޭޝިއާ ނުވަތަ ބްރޫނާއީއިން މީހަކު ހައްޔަރުކުރަން އަމުރު ނެރުމުން، އެ އަމުރު ސިންގަޕޫރު ކޯޓަކުން އެންޑޯޒްކުރުމަށްފަހު ސިންގަޕޫރު ފުލުހުން އެމީހަކު ހައްޔަރުކޮށްދެއެވެ.
ދެވަނަ ހަމަޔަކީ ކޮމަންވެލްތު ޤައުމުތަކުން އެދިގެން ސިންގަޕޫރުގައި ތިބޭ ކުށްވެރިން ހައްޔަރުކޮށްގެން އެޤައުމުތަކާއި ހަވާލުކުރާ ހަމައެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ދިވެހި ސަރުކާރުން ނިންމާފައިވާތީ، މި އުޞޫލު ދިވެހިރާއްޖެއަކަށް މިހާރު ނުހިނގާނެއެވެ.
ދެން އޮތީ އާއްމު އެހެން ޤައުމަކުން އެދިގެން ސިންގަޕޫރުން މީހުން އެކްސްޓްރަޑައިޓްކުރުމެވެ. މިއީ ދިގު އަދި ބޮޑު މަރުހަލާއެކެވެ. ޤާސިމް އިބްރާހިމް ރާއްޖެ ގެންނަން ބޭނުންނަމަ، ދިވެހި ސަރުކާރުންވެސް މި މަރުހަލާތައް ކަޑައްތުކުރަން ޖެހެއެވެ.
ސިންގަޕޫރުގައި ހުރި ކުށްވެރިއަކު އެޤައުމުން ހައްޔަރުކުރަން ބޭނުންނަމަ، ހައްޔަރުކުރަން ބޭނުންވާ ޤައުމުން އޭނާ ހައްޔަރުކުރަން އެދޭކަމުގެ ލިޔުމަކާއި، އެމީހަކު ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރު ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން އެމީހެއްގެ ޝަރީޢަތް ހިނގައިދިޔަ ގޮތުގެ ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހެއެވެ. ޤާސިމް ހައްޔަރުކުރަން ބޭނުންނަމަ، ދިވެހި ސަރުކާރުން މިހުރިހާ ލިޔުމެއް ސިންގަޕޫރުގެ ކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި މި ޕްރޮސެސް ޒަވަސްކުރަން ބޭނުން ނަމަ، އިންޓަޕޯލް ރެޑްނޯޓިސް އެކުށްވެރިޔަކާ ދެކޮޅަށް ނެރެން ޖެހެއެވެ.
ޤާސިމްގެ ޝަރީޢަތް ހިނގައިދިޔަގޮތުގެ ތަފްޞީލް އެހެން ޤައުމެއްގެ ކޯޓަކަށް ހުށަހަޅައިގެން، އެކަން ހިނގައި ދިޔަ ގޮތުގެ ތަފްޞީލް ދޭން ދިވެހި ސަރުކާރުން ބޭނުންވާނެތޯ މިއީ ސުވާލެކެވެ. އަދި ޤާސިމް ހައްޔަރުކޮށްގެން ގެނައުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސްއަކަށް މިއަދާއި ހަަމަޔަށް ފުލުހުން އެދިފައެއްނުވެއެވެ.
ޤާސިމް އިބްރާހިމް ސިންގަަޕޫރުން ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އެދުނު ނަމަވެސް، ޤާސިމް ހައްޔަރުކުރަން ބޭނުންވަނީ ސިޔާސީ ސަބަބެއް އޮވެގެންކަމަށް ސިންގަޕޫރުގެ ކޯޓަށް ފެނިއްޖެ ޙާލަތެއްގައި ދިވެހި ސަރުކާރުގެ އެދުމަށް އިޖާބަނުދިނުމުގެ ހައްޤު ސިންގަޕޫރު ސަރުކާރަށް ލިބިގެންވެއެވެ. އަދި ސިންގަޕޫރުގައި އަމަލުކުރާ އުޞޫލުތަކުގެ ދަށުން، ޤާސިމް އިބްރާހިމްއަކީ ސިޔާސީ ލީޑަރަކަށްވީތީ، އިތުރަށް ދިރާސާކުރުމަށްފަހު ނޫނީ ޤާސިމް ހައްޔަރުކުރުމުގެ އަމުރެއް ސިންގަަޕޫރު ކޯޓަކުން ނުދޭނެއެވެ.
ބޭސްފަރުވާ ނިމިވަޑައިނުގަންނަވަނީ އަނބުރާ ރާއްޖެ ވަޑައިގަތުމަށް ޤާސިމް މަސައްކަތްކުރެއްވިކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް ސިންގަޕޯރ އެއަރލައިންސްއިން އަމަލުކުރަމުން އަންނަ އުޞޫލުގެ ދަށުން، ޤާސިމް މަތިންދާބޯޓަށް އެރުމުގެ ހުއްދަ ޑޮކްޓަރު ދެއްވާފައިނުވާތީ ފްލައިޓަށް އެރުމަށް ހުއްދައެއް ނުދިނެވެ.
ޤާސިމް ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ފޮނުވުމަށް ސިންގަޕޫރުގެ ކޯޓަށް ނުފެންނަހާ ހިނދަކު ޤާސިމް އަނބުރާ އަމިއްލައަށް ވަޑައިގަންނަންދެން ދިވެހި ސަރުކާރަށް ޖެހޭނީ އިންތިޒާރުކުރާށެވެ. ސަފީރަކު ނިކުމެވަޑައިގެން ސިންގަޕޫރުގެ މަގުތަކުގައި ހިންގަވައިގެން ނުވަތަ ދިވެހި ފުލުހުން ސިންގަޕޫރަށް ފޮނުވައިގެން އަދި އެކަމެއް ނުވާނެއެވެ.