ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 08:01
ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރެއް
ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރެއް
ރާއްޖެ އެމްވީ
ގާސިމް އިބްރާހިމް
ގާސިމްގެ ފަރުވާގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު
ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި ހައްލެއް ނުލިބުނު
މިއަދު 10:15 ގައި އޮތީ ފުރަތަމަ އަޑުއެހުން
އެދިފައިވަނީ ޑޮކްޓަރުން ހުއްދަ ދެން ދެން ބޭރުގައި ހުންނެވުމުގެ މުއްދަތަކަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް މުއްދަތު އިތުރުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދަށް ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމްގެ ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ދިން މުއްދަތު ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ. ގާސިމް އުޅުއްވަނީ ފިއްލަވައިގެން ކަމަށް ބަލައި، އެނބުރި ރާއްޖެ ގެނެއުމަށް ފުލުހުންގެ އެހީތެރިކަމަށް ވެސް މިހާރު ވަނީ އެދިފަ އެވެ.

ގާސިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ މައްސަލައިގައި އެދިފައިވަނީ ދަތުރުކުރުމުގެ ހުއްދަ ޑޮކްޓަރުން ދެއްވަން ދެން، ރާއްޖެއިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މައްސަލަ ހައްލު ނުވުމުން ޝަރީއަތަށް ފޮނުވުމަށް ނިންމީ މިދިޔަ ހަފްތާގަ އެވެ.

މިއަދު ހެނދުނު 10:15 އަށް ތާވަލު ކޮށްފައިވަނީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެވެ.

ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.

ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ބޭސްފަރުވާ ފުރިހަމަކުރުމަށްޓަކައި  ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި ގާސިމަށް ހުންނެވުމުގެ ހުއްދަ ދެއްވައި، ސަރުކާރުން ދީފައިވާ  ޓްރެވަލް  ޑޮކިއުމެންޓްގެ މުއްދަތު އިތުުރު ކޮށްދިނުމަށް ގާސިމްގެ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް